ރަމަޟާން މަހުގެ ފުރަތަމަ ދިހަ ދުވަސް ނިމުނު އިރު 15،000 މީހުންނަށްވުރެ ގިނަ މީހުން އިސްލާމިކް މިނިސްޓްރީއަށް ޒަކާތް ދައްކާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ޒަކާތް ބަލައގަންނަން ފެށުމާއެކު އިސްލާމިކް މިނިސްޓްރީއަށް އެކަނި 11،800 އަށް ވުރެ ގިނަ މީހުން ޒަކާތް ދައްކާފައިވާ އިރު ހުޅުމާލޭ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން 1400 މީހުންނަށް ވުރެ ގިނަ މިހުން ޒަކާތް ބަލައިގެންފައިވާ ކަމަށެވެ. ވިލިމާލެއިން 977 މީހުން ޒަކާތް ދީފައިވާ އިރު އަޔާދީ ތަކާފުލް މެދުވެރިކޮށް 148 މީހުން ޒަކާތްދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން ދިރާގު އެސްއެމްއެސް މެދުވެރިކޮށް 862 މީހުން ހޯމަ ދުވަހުގެ ނިޔަލަށް ޒަކާތް ދައްކާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
ރަމަޟާން މަހުގެ 10 ދުވަސް ފާއިތުވެގެންދިޔަ އިރު މާލޭ ސަރަަހައްދުން ޒަކާތް ދައްކާފައިވަނީ 15289 މީހުންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތް ބަލައިގަންނަން ފެށުމާއެކު، މާލެއިން ގިނަ ބަޔަކު އިސްލާމީ މަރުކަޒު ހޯލަށް ގޮސް ޒަކާތް ދައްކަމުން އަންނަ ކަމަށެވެ. ޒަކާތް ބަލައިގަންނަން ފެށީ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގަ އެވެ.
ޒަކާތް ބަލައިގަތުން ކުރިއަށް ދާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:30 އިން މެންދުރު 13:00 އަށެވެ.
ޒަކާތް ބަލައިގަތުން މާލޭގައި ކުރިއަށްދަނީ އިސްލާމީ މަރުކަޒު ހޯލުގަ އެވެ. ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕްރޭޝަންއާއި، ވިލިމާލެއާއި، އައްޑޫސިޓީ ކައުންސިލްއާއި، ރަށްރަށުގެ ރަށު ކައުންސިލުން ޒަކާތް ބަލައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. އެއީ އާދައިގެ ހަނޑުލުން ނަމަ މީހަކަށް 16ރ. އެވެ. ތައިލެންޑް ހަނޑުލުން ނަމަ 55ރ. އެވެ. އަދި ބާސްމަތީ ހަނޑުލުން ނަމަ އެއީ މީހަކަށް 80ރ. އެވެ.
ރަށްރަށުގެ މީހުން ޒަކާތް ދައްކާނީ، އެރަށަކުން 2.4 ކިލޯގެ ހަނޑޫ ލިބެން ހުންނަ އަގަކުންނެވެ.
މީގެ އިތުރުން އުރީދޫ އާއި ދިރާގައި، އެލައިޑް އަދި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށްވެސް ޒަކާތް ދެއްކުމުގެ އިންތިޒާމުތައް ވަނީ ހަމަޖެހިފަ އެވެ.
އިސްލާމިކް މިނިސްޓްރީން ފިތުރުޒަކާތް ބަލައިގަންނަ އެންމެ ފަހު ތާރީހަކީ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.
މިދިޔަ އަހަރު އެކަނިވެސް މާލެއިން 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ޒަކާތުގެ ގޮތުގައި ވަނީ ލިބިފަ އެވެ.
ޒަކާތް ބަހަނީ އިސްލާމިކް މިނިސްޓްރީގައި ފަގީރުންގެ ގޮތުގައި ނަންނޯޓު ކުރާ ފަރާތްތަކަށެވެ.