މިސަރުކާރުން މާލެ ސަރަހައްދުގައި ހިންގަމުންދާ ހައުސިންގ ގިނަ މަޝްރޫޢުތައް ދައުރު ހަމަވުމުގެކުރިން ނުނިމޭނެކަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުންސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މައުލޫމާތުތަކުން ހާމަވެއްޖެއެވެ.
އަންގާރަ ދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމާއި ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލުގެ ޖަވާބު މަޖިލީހުގެ ތަޅުމުގައި އިއްވާފައެވެ. އީވާ ސުވާލުކުރައްވާފައިވަނީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުުމަށް މިސަރުކަރުން ހާމަކޮށްފައިވާ ހައުސިންގ މަޝްރޫޢުތަކުގެ މަސައްކަތްތަކުގެ ތަފްސީލުތަކާއި ނިމޭނެ ކަމަށް ލަފާކުރެވޭ ތާރީޚުތަކާއި ފަންޑިންގ ގެ މަސައްކަތް ގޮސްފައިވާ ހިސާބާއި ގުޅޭ ގޮތުންނެވެ.
މިސުވާލަށް މިނިސްޓަރު މަޖިލީހަށް ފޮނުއްވާފައިވާ ޖަވާބުގައިވަނީ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން 1042 ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖެހިފައިވާކަމަށެވެ. އެއީ ކައުންސިލް ހައުސިންގ ޔުނިޓްގެ 120 ހައުސިންގ ޔުނިޓާއި އެފޯޑަބަލް ހައުސިންގ ގެ 240 ޔުނިޓާއި މިޑް ރޭންޖު ހައުސިންގ ގެ 682 ޔުނިޓެވެ. މިއީ ކޮންޓްރެކްޓް ފައިނޭންސްގެ މޮޑަލަށް ކުރިޔަށްގެންދާ މަޝްރޫޢެކެވެ. މިމަޝްރޫޢު ނިމޭނެ ވަކި ތާރީޚެއް މިނިސްޓަރު މަޖިލީހަށް ފޮނުއްވި ޖަވާބުގައި ވިދާޅުވެފައެއްނުވެއެވެ. ނަމަވެސް މިމަޝްރޫޢު އެއްކޮށް 2024ށް ނިންމުމަށް ވަނީ އެއްބަސްވެފައެވެ.
ޖޭ.އެމް.ސީ ޕްރޮޖެކްޓު އިންޑިއާ ލިމިޓެޑާއި ހަވާލުކޮށްގެން 2000 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އޭގެތެރޭގައި ހިމެނެނީ ކައުންސިލް ހައުސިންގ ގެ 600 ޔުނިޓާއި އެފޯޑަބަލް ހައުސިންގ ގެ 1400 ޔުނިޓެވެ. މިޕްރޮޖެކްޓް ނިމޭނެކަމަށް ލަފާކޮށްފައިވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. މިއީ ޑިވެލޮޕަރ ފައިނޭންސް މޮޑެލަށް ކުރިޔަށްގެންދާ މަޝްރޫޢެކެވެ.
އެން.ބީ.ސީ.ސީ އިންޑިއާ ލިމިޓެޑުން އަންނަނީ 2000 ހައުސިންގ ޔުނިޓް އެޅުމަށް މަސައްކަތްކުރަމުންނެވެ. އޭގެތެރޭގައި ހިމެނެނީ ކައުންސިލް ހައުސިންގ ގެ 600 ޔުނިޓާއި އެފޯޑަބަލް ހައުސިންގ ގެ 1400 ޔުނިޓެވެ. މުޅި މަޝްރޫޢު ނިމޭނެކަމަށް ލަފާކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހުއެވެ. މިއީ ޑިވެލޮޕަރ ފައިނޭންސް މޮޑެލަށް ކުރިޔަށްގެންދާ މަޝްރޫޢެވެ.
މިސަރުކާރުން މާލެ ސަރަހައްދަށް އަމާޒުކޮށް ހައުސިންގ ގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުން އައިނަމަވެސް އެމަޝްރޫޢުތަކުގެ ސްޕީޑް ލަސްވުމުގެ ޝަކުވާވަނީ ބޮޑުވެފައެވެ.