ކ. މާލެ
|
22 މާރޗް 2022 | އަންގާރަ 17:08
ރޯދަ މަހަކީ ބަރަކާތުން ފުރިގެންވާ މައްސަރެއް
ރޯދަ މަހަކީ ބަރަކާތުން ފުރިގެންވާ މައްސަރެއް
އޭއެފްޕީ
ރޯދަ މަސް
ރޯދަ މަހަށް ތައްޔާރުތަ؟
ރޯދަ މަހަކީ މަތިވެރި މާތް ﷲ އެންގެވި މަގަށް ރުޖޫޢަވުމަށް ލިބޭ ރަނުގެ ފުރުޞަތެއް

ރޯދަ މަހަށްޓަކައި ވަރަށް ގިނަ މީހުން ވަރަށް ގިނަ ތައްޔާރީތައްވެއެވެ. މިގޮތުން ގޭތެރެ ޒީނަތްތެރިކުރުމާއި ގޭގައި ކުލަ ލުމާއި ގެ ސާފު ކުރުމާއި ބަދިގޭގައި ހިފާ ގެންގުޅޭ ސާމާނުތައް އަދި ގޮޑިސެޓް ކާމޭޒު ފަދަ ތަކެތި އައު ކުރުން ފަދަ ކަންތައް ކޮށް އުޅުމަކީ މިހާރަކަށް އައިސް ފެންނަމުންދާ ކަންތަކެވެ.

މިއާހަމަ އެކު އެކީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ކުރެވިދާނެ އެހެން ވަރަށް ވެސް މުހިންމު ކަމެއް އެބައޮތެވެ. އެއީ ތިމާގެ ނަފްސް އިސްލާހު ކުރުމެވެ. ހެޔޮކަންތައްތައް ރޯދަ މަހު ވީހާވެސް ގިނައިން ކުރުމަށް އަޒުމް ކަނޑައަޅާ އެގޮތުގައި ދެމިހުރުމަށް ނިންމުމެވެ.

ރޯދަ މަހަކީ މަތިވެރި މާތް ﷲގެ އެންގެވި މަގަށް ރުޖޫޢަވުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. ކޮށައިލެވޭ އަމާންކަމުގެ މަގެކެވެ. ހުޅުވައިލެވޭ ނޫރުގެ ދޮރާއްޓެކެވެ. ދީލަތި ކަމުން ފުރިގެންވާ، މިބަރާކާތްތެރި މައްސަރުގައި ﷲ އަށް ރުޖޫޢަވެ ތައުބާ ނުވާ މީހާ ދެން ތައުބާ ވާނެ އެހެން އިރެއް އެބައޮތްތޯއެވެ؟ މިފުރުޞަތުގައި އޮތީ މި މަތިވެރި މައްސަރުގައި ތިމާ ހައްދަވައި ގެންގުޅުއްވާ، ދީލަތިވަންތަ އިލާހުގެ ޙަޟުރަތުގައި ގިނަގިނައިން ފާފަފުއްސެވުމަށް އެދި ދެންނެވުމާއެކު ސުވަރުގެ މިނަވަރު ކުރެއްވުން އެދި ދުއާކުރުމެވެ. ހެޔޮ ޢަމަލުތައް ގިނަކުރުމެވެ.

ރޯދަމަހަކީ ބަރަކާތުން ފުރިގެންވާ މައްސަރަކަށްވާއިރު އެއީ ރަޙްމަތުގެ މައްސަރެވެ. އެއާއެކު އަންނަނީ ޢަދަދު ނުކުރެވޭހައި ގިނަގުނަ ހެވަކާއި ސަވާބެވެ..ﷲގެ ޙަޟުރަތުގައި އެކަންކަމުގެ ޝުކުރު އަދާކުރުމަށް އޮންނަނީ ނުކުޅެދިފައެވެ. ރޯދަމަހު ރޯދަ ހިފާއިރު ތިމާއަށް ލިބެނިވި ސަވާބަށް އެދިހުރެ އެކަން ޤަބޫލުކޮށްގެން ރޯދަ ހިފާހިނދު އޭނާއަށް ދެއްވާ ސަވާބު އެތަކެއް ގުނައަކަށް އިތުރު ކުރައްވާ ހުއްޓެވެ. އަދި އޭނާއަށް ކުރެވިފައިވާ ފާފަތައް ފުއްސަވާހުއްޓެވެ.

ރޯދަމަހާ ކުރިމަތި ލައިގެން އުޅޭހިނދު، އަޅުގަނޑުމެންނަށް އޮތްކަމަކީ އަޅުގަނޑުމެންގެ އަދަބާއި ސުލޫކު ބަދަލު ކުރުމެވެ. ޢަމަލުތައް ރިވެތި އަޚްލާޤަކުން ޒީނަތްތެރިކޮށް ބައްޓަން ކުރުމެވެ. ގޯސް ޢަމަލުތަކުން އެއްކިބާވުމެވެ. ކުރާކޮންމެ ކަމެއްގައި އެކަމެއްގައި އޮންނަ އެންމެ ރިވެތި ގޮތް އިޚްތިޔާރު ކުރުމެވެ.

އަޅުގަނޑުމެން ދަންނަން ޖެހޭނެ ކަމަކީ މާތް ﷲ ސުބުޙާނަހޫ ވަަތަޢާލާ ވަނީ އަހަރުގެ މައްސަރުތަކުގެ ތެރެއިން ރަމަޟާން މަސް ޚާއްޞަ މައްސަރެއްގެ ގޮތުގައި ލައްވާފައި ކަމާއި އޭގައި ހެވާއި ބަރަކާތް ލައްވާފައިވާ ކަމާއި މިއީ މަތިވެރިވެގެންވާ މާތް މޫސުމެއްކަން ކަށަވަރު ކުރުމެވެ. މިމަހަށް މަރްޙަބާ ކިއުމާއެކު އުފަލާއެކު ފުރިހަމަ ގޮތުގައި ރޯދަމަހުގެ ދުވާލާއި ރޭގަނޑުގެ މިބަރަކާތާއި ސަވާބުން ފުރިގެންވާ މޫސުމަށް ލައްބައިކަ ކިއުމެވެ. އިޚްލާޞްތެރިކަމާއެކު މި މަތިވެރި މޫސުން ބަލައިގަނެ، ބަރަކާތް ލިބިގަތުމަށް ގަދައަޅާ މަސައްކަތް ކުރުމެވެ.ދެން މިފަދަ ފުރުސަތެއް ނުލިބިދާނެ ކަމަށްޓަކައެވެ.

ރޯދަ މަސް ފެށިގެން އަންނަނީ ރަޙްމަތުންނެވެ. އެންމެން ވެސް ހަޤީޤީ މާނާގައި ރޯދަ މަހަށް ތައްޔާރުވަމާތޯއެވެ.

- ކޮމެންޓް