ހުޅުމާލެއިން މަސްތުވާ ތަކެއްޗާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައި ވަނީ 22 އަހަރާއި 28 އަހަރާއި 32 އަހަރު އަދި 34 އަހަރުގެ ފިރިހެނުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިމީހުންގެ ތެރެއިން 32 އަހަރުގެ މީހާ ފުލުހުން ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ހުޅުމާލެ ޕެޓްރޯލްކުރަމުން ދިޔަ ފުލުހުންނަށް ހުޅުމާލެ ހާފްވޭ ހައުސްއާ ދިމާ ގަސްގަނޑު ތެރޭގައި ހުރި މީހެއްގެ ޢަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެން ޖޫން 4 ވަނަ ދުވަހުގެ 16:10 ހާއިރު ކަމަށެވެ.
އެގޮތުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ ވައަތު މުށުތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 14 ސެލޯފިން ކޮޅު ފެނިފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން ބުނި ގޮތުގައި 34 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ހުޅުމާލެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް ހުޅުމާލެ ބީޗްގައި އޭނާ އޮށޯވެ އޮތް ގޮނޑިކައިރިން ބިޔަރު ދަޅެއް ފެނުމާ ގުޅިގެން ޖޫން މަހުގެ 4 ވަނަ ދުވަހުގެ 19:35 ހާއިރުއެވެ.
މީގެ އިތުރުން 22 އަހަރުގެ މީހާ އާއި 28 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހުގެރޭ 20:52 ހާއިރު ހުޅުމާލެ ބީޗް ސަރަހައްދުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ މީޑިއާ އިން ބުނީ އެ ދެ މީހުން ފުލުހުން ފެނުމާ އެކު އެ މީހުންގެ އަތުގައި އޮތް އެއްޗެއް ވަނީ އެއްލާލާފައެވެ. އަދި އެދެ މީހުން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށުން އެމީހުން ތިބި ސަރަޙައްދު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅައި ތައްޔާރުކޮށްފައިވާ ދެ ބިޑިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.