އަލަށް އެކުލަވައިލެއްވި ގައުމީ އިނާމާއި ބެހޭ ކޮމިޓީއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައިފިއެވެ.
އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި މީގެކުރިން އޮތް ކޮމިޓީގައި ހިމެނިވަޑައިގެންނެވި ބޭފުޅުން ކޮށްދެއްވި މަސައްކަތްތައް ފާހަގަކުރައްވައި އެބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، އިނާމު ކޮމިޓީއަށް އަލަށް ހަމަޖެއްސެވި ބޭފުޅުން ހަމަޖެއްސެވުމުގައި އެކި ރޮނގުތަކުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންނަށް އިސްކަންދެއްވި ކަމުގައި ވިދާޅުވިއެވެ. އަދި ކޮމިޓީގެ މަސައްކަތް ކުރިއެކޭވެސް އެއްގޮތަށް ވީހާވެސް ހަމަހަމަކަމާއެކު ކުރިއަށް ގެންގޮސް ދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
ހަމައެއާއެކު، އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަކީ މުޖުތަމައަށް ނަމޫނާ ބޭފުޅުންނަށް ވާންޖެހޭނެތީ، މިކަމަށް އިސްކަން ދެއްވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ކޮމިޓީގެ ޗެއަރޕަރސަން ނިޝާން އިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު ދެއްކެވި ވާހަކަފުޅުގައި، ކޮމިޓީގެ މަސައްކަތްތަކަށް ރައީސް ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވާ އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ.