Advertisement
ކ. މާލެ
|
6 ޖޫން 2017 | އަންގާރަ 04:15
ހޯމަދުވަހުގެރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަނައިބު ވާހަކަފުޅު ދައްކަވަނީ
ހޯމަދުވަހުގެރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަނައިބު ވާހަކަފުޅު ދައްކަވަނީ
ރާއްޖެއެމްވީ
ގަތަރު-ރާއްޖެ
ގަތަރާ ގުޅުން ކަނޑާލީ އެހެން ގައުމެއްގެ ނުފޫޒަކުން ނޫން: އަނިލް
ގަތަރުން ވަކިވާން ރާއްޖެއިން ނިންމާފައިވަނީ ހޯމަދުވަހުގައި
މިހާތަނަށް ގަތަރާ ގުޅުން ކަނޑާލާފައިވަނީ ޖުމުލަ ހަތް ގައުމު
ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުމުން ރައްޔިތުން ދަނީ ފާޑު ކިޔަމުން

ގަތަރާ ގުޅުން ކަނޑާލުމަށް ނިންމީ އެހެން ގައުމެއްގެ ނުފޫޒަކުން ނޫން ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުމާއެކު އާންމު ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުގެ ފާޑުކިޔުން އޮއްސާލުމާއެކު ހޯމަ ދުވަހުގެ ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަނިލް ވިދާޅުވީ ގަތަރުން ވަކިވާން ނިންމީ ކެބިނެޓްގައި ވަރަށް ބޮޑަށް މަޝްވަރާކުރުމަށް ފަހު ކަމަށެވެ. އެ މަޝްވަރާތަކުގައި ދިވެހި ރައްޔިތުންނަށް ލިބޭނެ ގެއްލުމާއި ފައިދާ އަށް ވެސް ވިސްނެވި ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ގަތަރާ ގުޅުން ކަނޑާލައިގެން ލިބެނީ ކޮން ފައިދާއެއް ކަމެއް އަނިލް ވިދާޅު ނުވާއިރު، ނޫސްވެރިންގެ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމެއް ވެސް ވިދާޅެއް ނުވެ އެވެ.

ގަތަރުން ޓެރަރިޒަމަށް ހިތްވަރުދީ ސަރަހައްދީ ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރާކަމަށް ތުހްމަތުކޮށް ސައުދީން ގުޅުން ކަނޑާލުމާއެކު އަރަބި ފަސް ގައުމަކުން ވެސް ވަނީ ގަތަރާ ގުޅުން ކަނޑާލާފަ އެވެ. އަރަބި ނޫން ގައުމުން ގަތަރާ ގުޅުން ކަނޑާލާފައިވަނީ ރާއްޖެއިން ނެވެ. ގުޅުން ކަނޑާލި އެހެން ގައުމުތަކަކީ ސައޫދީ އަރަބިއްޔާ، ޔޫއޭއީ، ބަހްރެއިން، ލީބިއާ، ޔަމަން އަދި މިސްރުން ވެސް ވަނީ ގަތަރާ ގުޅުން ކަނޑާލައިފަ އެވެ.

ޖޫން 5، 2017 ވަނަ ދުވަހުގެ ފެށިގެން ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލީ އާންމުންގެ ގިނަ ބަޔަކު އަދި ސިޔާސީ ބައެއް ފަރާތްތަކުން ތުހްމަތުކުރާ ގޮތުގައި ސައޫދީ އަަރަބިއްޔާގެ ނުފޫޒުންނެވެ. 

ގަތަރާ ގުޅުން ކަނޑާލިއިރު، މިދިޔަ އަހަރު އިރާނާ ވެސް ރާއްޖެއިން ވަނީ ގުޅުން ކަނޑާލައިފަ އެވެ. ރާއްޖެއިން އިރާނާ ވެސް ގުޅުން ކަނޑާލީ ވެސް، ސައުދީން އިރާނާ ގުޅުން ކަނޑާލުމާއެކު ވަގުތުންނެވެ. 

އަނިލް ވިދާޅުވީ ދިވެހިރާއްޖެއިން އެއްވެސް އިރެއްގައި ޓެރަރިޒަމް އަދި ހައްދު ފަހަނަ އަޅުމުގެ އަމަލުތަކަށް ތާއިދު ނުކުރާ ކަމަށާއި އެފަދަ ކަންކަމަށް ހިތްވަރު ދޭ ފަރާތްތަކަށް ތާއިދު ވެސް ނުކުރާ ކަމަށެވެ. ނަމަވެސް ގަތަރުން އެފަދަ އަމަލުތައް ހިންގާ ކަމަށް ނުވަތަ ހިތްވަރު ދޭ ކަމަށް ވެސް ސާފުކޮށް އޭނާ ވިދާޅެއް ނުވެ އެވެ.

"މިކަންތައްތަކާއި ގުޅޭގޮތުން ދުނިޔޭގެ މިހާރުގެ ސިޔާސީ މަޝްރަހަށް މިއަންނަ ބަދަލުތަކާއި އަދި ބައެއް ގައުމުތަކުން ކުރަމުން އަންނަ މަސައްކަތްތަކާއި އަދި ޓެރަރިޒަމްއާއި ހައްދު ފަހަނައަޅައި ދިއުމަށް މަސައްކަތް ކުރަމުންދާ އެކިއެކި ޖަމިއްޔާ ޖަމާއަތްތަކަށް ވާގިވެރިވާ ފަރާތްތަކަށް އޮންނަ ގުޅުމާއި ދޭތެރޭ އިތުރަށް ވިސްނަމުންދާތީއާއެކީގައި މިއަދުގެ ނިންމުން މިގޮތަށް ނިމިގެން މިދިޔައީ،" ބަންޑާރަނައިބު އަނިލް ވިދާޅުވިއެވެ.

އަނިލް މިހެން ވިދާޅުވި ނަމަވެސް، ގަތަރާ ގުޅުން ކަނޑާލަން ރާއްޖެއިން ނިންމީ އެ ގައުމާއެކު އޮތް 33 އަހަރުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ދެ ގައުމުގެ ދެމެދުގައި މަޝްވަރާކުރިތާ 13 ގަޑިއިރު ފަހުންނެވެ. މި މަޝްވަރާތައް ކުރީ ފޮރިން މިނިސްޓަރު ސްރީ ލަންކާ އަށް ވަޑައިގެންނެވި ދަތުރުފުޅުގަ އެވެ. ރާއްޖެ އާއި ގަތަރާ ދެމެދު ސިޔާސި ގުޅުން ގާއިމުކުރީ މެއި 26، 1984 އެވެ. 

 

މިފަދަ ގޮތަކަށް ކަން ހިނގާފައި ވާއިރު، ގަތަރަކީ ޓެރަރިޒަމަށް ހިތްވަރު ދޭ ގައުމެއްކަން ދިވެހި ސަރުކާރަށް އެނގުނީ ކުއްލިއަކަށްތޯ ރާއްޖެޓީވީގެ މުހައްމަދު އަބްދުﷲ، ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރި އެވެ. އެ ސުވާލަށް ފޮރިން މިނިސްޓަރު ވެސް އަދި އެޓާނީ ޖެނެރަލް ވެސް ޖަވާބެއް ނުދެއްވަ އެވެ.

ގަތަރާ ގުޅުން ކަނޑާލުމަށް އެހެން ފަރާތެއްގެ ނުފޫޒެއް ނެތްކަން ސާބިތުކޮށް ދިނުމުގެ ގޮތުން އަނިލް ތަކުރާރުކޮށް ވިދާޅުވީ ރާއްޖެއިން ނިންމާ ކޮންމެ ނިންމުމެއް ވެސް ނިންމަނީ ދިވެހިވަންތަ ކަމުގެ މައްޗަށާއި ދިވެހި އިސްތިގްލާލުގެ މައްޗަށް ކަމަށެވެ.

" ދިވެހި ރާއްޖެ އަދި ދިވެހި ސަރުކާރުން ނަގާ ކޮންމެ ފިޔަވަޅަކީ ނުވަތަ އަޅާ ކޮންމެ ފިޔަވަޅަކީ ދިވެހިރާއްޖގެ މިނިވަންކަމާއި އިސްތިގުލާލަށް ހުރުމަތްތެރިކޮށް ހިތާ ދިވެހި ރައްޔިތުންނަށް ފައިދާ ވާނެ ގޮތުގެ މަތިން ދިވެހިރައްޔިތުންނާއި ދިވެހި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އެޅިގެންދާ ފިޔަވަޅުތައް އެއީ" އަނިލް ވިދާޅުވިއެވެ.

ގަތަރާ ސިޔާސީ ގުޅުން ކަނޑާލަން ނިންމި ނަމަވެސް، ވިޔަފާރީގެ އެއްވެސް ގުޅުމެއް ނުކަނޑާ ކަމަށް އަނިލް ވެސް އަދި ޑރ. އާސިމް ވެސް ވިދާޅުވި އެވެ.

ބަންޑާރަނައިބު ވިދާޅުވީ ގަތަރާއި ގުޅުން ކަނޑާލުމުން ހުޅުމާލޭގައި އެޅުމަށް ނިންމާފައިވާ ޒަމާނީ ސްޓޭޑިއަމް ހުއްޓާލުން އެކަށީގެންވާކަމަށެވެ. އުރީދޫ މޯލްޑިވްސް ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގައި ބައިނަލްއަގުވާމީ އަދި ޒަމާނީ، "ސްޓޭޓް އޮފް ދި އާޓް" ސްޓޭޑިއަމެއް ޤަތަރު ސަރުކާރުން އަޅައިދޭން ނިންމާފައިވެއެވެ.  އެ ސްޓޭޑިއަމްގެ އަގަކީ 61 މިލިއަން ރުފިޔާ އެވެ.

އަނިލް ވިދާޅުވީ އެއްދިމާއަކުން އިންވެސްޓުމަންޓު ހުއްޓިއްޖެނަމަ އަނެއް ދިމާލުން އިންވެސްޓުމަންޓު އިތުރުކުރެވޭތޯ މަސައްކަތް ކުރަމުން ދާކަމަށް އަނިލް ވިދާޅުވިއެވެ. އަދި ސަރުކާރުން ދިވެހި ރައްޔިތުންނާއި ޒުވާނުންނަށް ކޮށްދޭން ރާވާފައިވާ ކަންކަން އެގޮތުގައި ކުރިއަށް ގެންދާނެ ކަމަށް އަނިލް ވިދާޅުވި އެވެ.

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
6 ޖޫން 2017 | އަންގާރަ 09:10
އަހުސަނު
ގަތަރާ ގުޅުން ކަނޑާލީ އެހެން ގައުމެއްގެ ނުފޫޒަކުން ނޫން" އެހެންކަމަށް ވާނަމަ ގަތަރާ ރާއްޖެއާއި ދެމެދު އުފެދިފައިވަނީ ދެމެފިރިން ދޭތެރޭގައި އޮންފަދަގުޅުމެއްތާ ރޯދަމަހު ބަދިގެތެރޭގެ މައްސަލައެއްގައި ގެއިންބޭރުކޮށް ލީ ކަރާފަނިގިރަން ހަކުރުކަމައް ލޮނުއެޅިގެންތަ
6 ޖޫން 2017 | އަންގާރަ 05:53
އައިޝީ
ހިތާމައަކީ މުސްލިމު ޤައުމުތަކުގެ ވެރިންގެ އަމިއްލަ އެދުން ބޮޑުކަމުން ގޮސް އިސްރޭލާއި އެމެރިކާގެ ޔަހޫދީ ރޭވުންތަކަށް ހެއްލޭއިރު ކުޑަކޮށްވެސް ވިސްނާ ނުލާކަން. އަރަބި މުސްލިމް ޤައުމުތަކުގެ ތެރޭގައި ހިމެނޭ މުއްސަނދި ބާރު ޤައުމުތަކުގެ ދުވަސް ދުއްވާލުމަށްޓަކައި ފަހަރަކު ޤައުމަކަށް ކޮންމެވެސް ދޮގު ތުހުމަތެއް އަޅުވައި އެ ޤައުމެއް ހަލާކު ކުރަމުން ދާއިރު ސަޢުދީއަށް ހީވަނީ ތިމާމެންނަށް ސަލާމަތުން އޮވެވޭނެހެން. ރޭވުމަކީ މުސްލިމުން ރުޅިއަރުވައި މުސްލިމުން ލައްވާ ސަޢުދީ ހަލާކު ކުރުވުން.