ކ. މާލެ
|
16 މާރޗް 2022 | ބުދަ 10:40
 ކޮވިޑް-19
ކޮވިޑް-19
ރާއްޖެއެމްވީ
ކޮވިޑުން ދަސްކޮށްދިން ކަންތައްތައް
ކޮވިޑް-19 އާއެކު ދަސްވި ކަންކަން ހަނދާން އެބަހުރިތަ؟
ކޮވިޑް-19 އާއެކު ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހުނު
ކޮވިޑް-19 އާއެކު ގެނައި ބައެއް ބަދަލުތައް މިހާރު ވަނީ ދޫކޮށްލާފައި

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާފައިވަނީ އިހަކަށްދުވަހުއެވެ. މީގެ ދެ އަހަރު ކުރިން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން އާންމު ދިރިއުޅުމަށް ހުރަސްއެޅޭ އެތައް ކަމެއް ތަހައްމަލުކޮށްފީމެވެ. ކީއްވެހެއްޔެވެ؟ ކޮވިޑް-19އޭ ކިޔާ ކުޑަކުޑަ ވައިރަސް އެއް މުޅި ދުނިޔެ ހިސާރުކުރުމުންނެވެ. އަދިވެސް ވައިރަސް އެބައުޅެއެވެ. ނަމަވެސް މީގެ ދެ އަހަރު ކުރިއާ އަޅާބަލާއިރު ހާލަތު ވަރަށް ބޮޑަށްވެސް ބަދަލު ވެއްޖެއެވެ. ކުޑަކުޑަ އަލިފާން ފޮއްޓަކަށް ދިރިއުޅުން ފައްތައިގެން އުޅުނު ދުވަސް މާޒީއާ އެކުވެއްޖެއެވެ. އެފަދަ ދިރިއުޅުމެއް ހުވަފެނެއްގައިވެސް ބޭނުމެއް ނޫނެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން އަޅާފައިވާ ގިނަ ފިޔަވަޅުތަކަކަށް ލުއިތަކެއް ދިނުމަށްފަހު އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލިނަމަވެސް މީގެ ދެ އަހަރު ކުރިން ދިރިއުޅުން ބައްޓަން މަޖުބޫރުކުރުވި ގޮތްތަކުން ދަސްވި ކަންތައްތަކެއް ކޮންމެ މީހަކަށްވެސް އޮންނާނެއެވެ.

މާސްކު އެޅުން މަޖުބޫރުކޮށް ދުވާލު އެތައް ފަހަރަކު އަތްދޮވެ ސާފުތާހިރުވުމުގެ އާދަ ހަރުލެއްވުމަށް ކޮވިޑުން ދަސްކުރުވިއެވެ. ސެނެޓައިޒަރ އިން އެއްބަޔަކު ފެންވަރައިގެން އުޅުނުއިރު ގެއަށް ގެންނަ ކޮންމެ އެއްޗެއް އެތައް ފަހަރަކު ދޮވެގެން ނޫނީ ބޭނުންކުރުމަށް ފަސް ޖެހުވުނެވެ. ސާފުތާހިރުކަމަށް ކުރިއަށްވުރެ ބޮޑަށް ސަމާލުކަން ދެވުނެވެ. މަގުމައްޗަށް ކުޅު ޖެހުން ފަދަ ކަންކަމަކީ އަބަދުވެސް އާންމުންގެ ޝަކުވާއަކަށްވެފައި އޮންނަ ކަމަކަށްވާއިރު އެކަން ކުރާ މީހުންނަށް އެކަން ކުރަން ފަސްޖެހެވުނެވެ. ތިމާގެ ވަށައިގެންވާ މާހައުލުގެ ސާފުތާހިރުކަމަށް ކުރިޔަށްވުރެ ބޮޑަށް ސަމާލުކަން ދެވުނެވެ.

ގޭތެރޭގައި ބަންދުވެގެން ތިބެން ޖެހުމުން ކުރިން ކުރަން އެތައް ފަހަރަކު ހިތައް އެރި އެކަމަކު ވަގުތުނެތޭ ހިތާ ނުކުރެވި ހުރި އެތައް ކަމެއް ކުރެވުނެވެ. އޭގެތެރޭގައި ކުރިއްސުރެ ޝައުގުހުރެގެން ކުރަމުން އައި ކަމެއް ފަހުން ދިރިއުޅުމަށް އައި ބަދަލުތަކުގެ ސަބަބުން މެދުކަނޑާލަން ޖެހުނު ނުވަތަ ހުއްޓާލަން ޖެހުނު ކަންކަންވެސް ހިމެނެއެވެ. ތިމާގެ ގައިގައި ހުރި ހުނަރެއް އިތުރަށް ތަރައްގީކޮށް ކުރިއެރުވުމުގެ ފުރުސަތު ލިބުނެވެ. ގޭގައި ތިބެގެން އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް އެނގެން ފެށިއެވެ.

ބިޒީ ދިރިއުޅުމުގައި ސަމާލުކަން ކޮންމެހެން ދޭންޖެހޭ އެހެންނަމަވެސް ކޮންމެސް ސަބަބަކާހުރެ ދޫކޮށްލެވުނު ކަންކަމަށް ސަމާލުކަން ދެވޭލެއް އިތުރުވިއެވެ. އޭގެތެރޭގައި ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިންނާއި ތިމާ ލޯބިވާ މީހުންނަށް އަޅާލާ އެމީހުންނަށް ދޭންޖެހޭ ވަގުތު ދިނުން ހިމެނެއެވެ. ބިޒީއޭ ކިޔައިގެން ނަގައިލެވުނީ ދިރިއުޅުމުގެ ކިހާ މުހިންމު އަގު ހުރި ވަގުތުތަކެއްކަން ވިސްނާލެވުނެވެ. އެކަންކަމަށް ވަގުތުދޭން ފެށުނެވެ. އަމިއްލަ ނަފުސަށް ކުރިން ނުދެވުނު އެތައް ސަމާލުކަމެއް ދެވެން ފެށުނެވެ. މާކުރީގެ ރަހުމަތްތެރިންނާއި މާދުރުގައި ތިބި އާއިލާގެ މީހުންނާއި ގުޅުން ބަދަހިކުރެވުނެވެ. އެމީހުންގެ ހާލު އަހުވާލު އަހާ ކުރިޔަށްވުރެ ގާތްކަން އިތުރުވިއެވެ.

މަސައްކަތުގެ މާހައުލަށް ބަލާނަމަ ކުރިން އޮފީހަށް ގޮސްގެން ނޫނީ ނުކުރެވުނު އެތައް ކަމެއް ގޭގައި ތިބިގެން ކުރެވޭކަން އެނގިގެންދިޔައެވެ. ކުރިން ތިން މީހުންނަށް ކުރެވޭ ކަންކަން އެކަކަށްވެސް ކުރެވޭނެކަން ދަސްކޮށްދިނެވެ. މަސައްކަތުގެ ރޭޓް ހަލުވިވިއެވެ. އާއިލާއަށް ދެވޭ ވަގުތު އިތުރުވެ ކުރެވޭ މަސައްކަތްވެސް ރަނގަޅުވިއެވެ. ވަޒީފާއަށް ދިޔުމަކީ ކޮންމެހެން އޮފީހަށް ގޮސްގެން ނޫނީ ނުކުރެވޭ ކަމެއްގެ ގޮތުގައި މުޅި ދުނިޔޭގައި ގެންގުޅެމުން އައި ވިސްނުން އެނޫން ގޮތަކަށް ބަދަލުވެގެންދިޔައެވެ. ހަގީގަތުގައި އެނޫންގޮތަކަށް ވިސްނަން މަޖުބޫރުކުރުވީއެވެ. އެއާއެކު އެއީވެސް މަސައްކަތްކުރެވޭނެ ގޮތްތަކަށް ގެނެވޭނެ ބަދަލެއްކަން މިއަދު ދުނިޔެ ދަސްކޮށްފިއެވެ. ގައުމުގެ އުފެއްދުންތެރިކަން އިތުރުކުރަން ޖެހޭ ދާއިރާތައް ކުރިޔަށްވުރެ ބޮޑަށް އެނގިގެންދިޔައެވެ. ހަމައެކަނި ގިނަ ލާރި ގައުމަށް އެތެރެކޮށްދޭ ސިނާއަތް އެކަނި ކުރިއެރުވުމަށް ކުރި ހޭދަ އެނޫން ގޮތަކަށް ކުރަންޖެހޭކަން ބުނެދިނެވެ.

ތައުލީމު އުނގެނުމަށޭ ކިޔާ ކޮންމެހެން ދަތުރުން ދަތުރު ހަދައިގެން ތަންތަނަށް ދާން ނުޖެހޭކަން ދަސްކޮށްދިނެވެ. އިންޓަރނެޓްގެ ޒަރީޢާއިން މަތީ ތައުލީމު ހާސިލުކުރާ އެތައް ބަޔަކަށް ކުލާހަށް ހާޒިރުނުވެވެސް ކިޔެވިދާނެކަން ދަސްވިއެވެ. މިހެން ގޮސް ދިރިއުޅުމުގެ ކަންކަމާމެދު މީގެކުރިން ދެވަނަ ވިސްނުމަކަށް އެއްގޮތަަކަށްވެސް ނުދާނެ އެތައް ކަމެއް ފާއިތުވި ދެ އަހަރު ރާއްޖެ ހިމެނޭގޮތަށް މުޅި ދުނިޔެވެސް ތަޖުރިބާކޮށްފިއެވެ. މިހިމަނާލެވުނީ ކޮވިޑާއެކު އިންސާނުންގެ ދިރިއުޅުމަށް ގެނައި ބައެއް ބަދަލުތަކެވެ. ނަމަވެސް މިއަދު ދުނިޔޭގެ ގިނަ ބަޔަކު ކޮވިޑަކީ އާންމު ބައްޔެއްގެ ގޮތުގައި ދެކިގެން ދިރިއުޅެން ފަށާފައިވާއިރު މިކަންކަމުން މިހާރު އަމަލު ކުރަނީ ކިތައް ކަންތައްހެއްޔެވެ؟ ކޮވިޑާއެކު ދަސްވި ފިލާވަޅުތައް ހަނދާން އެބަހުރި ހެއްޔެވެ؟

- ކޮމެންޓް