ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ބުރާސްފަތި ދުވަހުގެ ރޭ ޕޮލިހަށް ހާޒިރުވުމަށް އަންގައިފި އެވެ.
ރާއްޖެ އެމްވީއަށް، ސައުދު ވިދާޅުވި ގޮތުގައި ޕޮލިހަށް ހާޒިރުވުމަށް އަންގާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 8:30 އަށް ކަމަށެވެ.
"ފުލުހުން ބުނެފައި ވަނީ ތަހްގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް،" ސައުދު ވިދާޅުވި އެވެ.
ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސައުދު ޕޮލިހަށް ހާޒިރު ކުރާއިރު، އޭނާ ވަނީ ރައީސް ޔާމީން ފެކްޝަން ދޫކުރައްވައި ރައީސް މައުމޫން ފެކްޝަނާ ގުޅިވަޑައިގެންފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރާއިރު، ގުޅިފައިވާ ކޯލިޝަންގެ މެމްބަރުން ޕޮލިހަށް ހާޒިރުކޮށް ތަހްގީގުކޮށްފައިވެ އެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެ ފަހަރެއްގެ މަތިން ޖަލުގައި ބަންދު ވެސް ކުރި އެވެ.
އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މެމްބަރުން ޕޮލިހަށް ހާޒިރުކުރަނީ އިސްލާހީ ހަރަކާތަށް ހުރަސް އެޅުމަށެވެ.