ކ. މާލެ
|
11 މާރޗް 2022 | ހުކުރު 12:20
ޗާލިއަށް އަލްވަދާއު ކިޔާ މަންޒަރު
ޗާލިއަށް އަލްވަދާއު ކިޔާ މަންޒަރު
ޗާލީ އެނިމަލް ޝެލްޓަރަކާއި ހަވާލުކުރުން
ޔޫކްރެއިންގެ އާއިލާއަކުން އެމީހުންގެ ޕެޓު ބުޅަލަށް ކީ އަސަރުގަދަ އަލްވަދާއުއެއް
ލެޓްވިއާގެ އެނިމަލް ޝެލްޓަރަކުން ވަނީ ނުބެލިގެން ދޫކޮށްލާ ޖަނަވާރުތައް ލެޓްވިއާއަށް ގެންދިއުމުގެ މަސައްކަތް ފަށާފައި
އެތަނަށް އެކި ވައްތަރުގެ ޖަނަވާރުތައް ގެންދޭ
ޔޫކްރެއިންގެ ބޯޑަރު ހުރަސްކުރުމުގައި މިހާރު ދަތިތައް ދިމާވޭ

ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު މިހާރު ކުރިއަށްދާ ހަނގުރާމައަށް މުޅި ދުނިޔޭގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. މި ހަނގުރާމައިގެ ސަބަބުން މިހާރުވެސް ދުނިޔެއަށް އެކި ބަދަލުތައް އަންނަމުންދާތަން ފެންނަން ފަށައިފިއެވެ. އިގްތިސާދަށް ނޭދެވޭ އަސަރު ކުރުމާއި، އެތައް މިލިއަން ބައެއްގެ އިންސާނީ ހައްގުތައް ގެއްލިގެން ދިޔުން ހިމެނެއެވެ. މި ހަނގުރާމައިގެ ސަބަބުން ޔޫކްރެއިނުގެ 5 މިލިއަނަށްވުރެ ގިނަ މީހުން އެ ގައުމު ދޫކޮށް ދާނެ ކަމަށް ލަފާކޮށްފައިވާއިރު، މިހާރުވެސް އެތައް ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ. އަދި އެތައް ބަޔަކު ވަނީ އެ ގައުމު ދޫކޮށް ގޮސްފައެވެ.

މިގޮތަށް ޔޫކްރެއިން ދޫކޮށް ދިޔަ ގިނަ މީހުންގެ ފަރާތުން ވަނީ ވަރަށް ޚާއްސަ ކަމެއް ފާހަގަވެފައެވެ. އެއީ އެމީހުން ގައުމު ދޫކޮށް ދާއިރު އެމީހުން ޕެޓުންގެ ގޮތުގައި ގެންގުޅޭ ޖަނަވާރުތައް ގޮވައިގެންދާ ކަމެވެ. އެމީހުންގެ ހިތުގައި އެތަކެއްޗަށް އޮތް ލޯތްބެވެ. އެހެންނަމަވެސް ހަނގުރާމައެއް ކުރަމުންދާ ސަރަހައްދަކުން އެހެން ސަރަހައްދަކަށް ދަތުރުކުރާއިރު މިގޮތަށް އެތަކެތި ގެންދިއުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އެއާއެކު ބައެއް މީހުން މިހާރު ދަނީ އެމީހުންގެ ޕެޓުތައް މަގުމަތިކޮށްނުލައި، އެފަދަ ތަކެއްޗަށް ރައްކާތެރިކަން ދޭ "އެނިމަލް ޝެލްޓަރު"ތަކާއި ހަވާލުކުރަމުންނެވެ.

މިގޮތުން ޔޫކްރެއިންގެ ޑޮނެޓްސްކުގެ ރެފިއުޖީ އާއިލާއެކަމުގައިވާ ނަތާލިޔާ އަދި ވޮލޮޑިމިރް ވަނީ އެ އާއިލާއިން ގެންގުޅުނު ބުޅާ، ޗާލީ، މިފަދަ ޝެލްޓަރައަކާ ހަވާލުކޮށްފައެވެ. ނަތާލިޔާ ބުނީ ޗާލީއަކީ އަބަދު މަޑުމަޑުން އިންނަ ބުޅަލެއް ނޫން ކަމަށާއި، އެއީ ވަރަށް "އެކްޓިވް" ބުޅަލެއް ކަމަށެވެ. އެހެންކަމުން ކޮށްޓަކަށް ލައިގެން ޗާލީއާއެކު ދިގު ދަތުރެއް ކުރުން ވަރަށް ދަތިކަމަކަށް ވީ ކަމަށެވެ. އަދި ކޮށިން ނިކުންނަންވެސް މަސައްކަތްކޮށްފައިވާކަމަށާއި، ޓްރެއިންއެއްގައި ކުރި މި ދަތުރު 40 ގަޑިއިރަށް ދިގު ދެމިގެންދިޔަ ކަމަށް ނަތާލިޔާ ބުނެފައިވެއެވެ. 40 ގަޑިއިރު ކޮށީގައި އިނުން ޗާލިއަށް ވީ އުނދަގޫ ކަމަކަށް ކަމަށް އޭނާ ބުނެފައިވެއެވެ. އެހެންކަމުން މިވަގުތަށް ޗާލީއާ ވަކިވާން ނިންމައި، އެނިމަލް ޝެލްޓަރަކާ ޗާލީ ހަވާލުކުރަން އެ އާއިލާއިން ނިންމީއެވެ.

އެ ޝެލްޓަރައަކީ ލެޓްވިއާގައި ހުންނަ ތަނެކެވެ. އެ ޝެލްޓަރަށް އެކި ވައްތަރުގެ ޖަނަވާރުތައް ގެންދެއެވެ. އަދި ލިވިވްގައި ޝެލްޓަރުގެ ފަރާތުން ވޮލަންޓިއަރުން ހަރަކާތްތެރިވަމުންދާއިރު އެމީހުން އެތަކެތި ގެންދަނީ ބޮޑު އުޅަނދަކަށް އަރުވައިގެންނެވެ. ނަތާލިޔާ ވަނީ އޭނާގެ ބުޅާ އެތަނަށް ފޮނުވާލުމަށް އެމީހުންނާއި ހަވާލުކޮށްފައެވެ. އަދި ފޮނުވާލުމުގެ ކުރިން ޗާލީއަށް އަލްވަދާއު ކިޔާފައިވެއެވެ. މިއީ އަސަރުން ފުރިގެންވާ އަލްވަދާއުއެކެވެ. ނަތާލިޔާގެ އަސަރުން ފުރިގެންވާ އަލްވަދާއުގައި ވަނީ ހާލަތު ބަދަލުވުމުން ޗާލީ އެނބުރި އެ އާއިލާއަށް ގެންދާނެ ކަމަށް ބުނެފައެވެ. އެހެންނަމަވެސް މިވަގުތަށް އޮތް އެންމެ ރަނގަޅު ގޮތަކީ ވަކިވުން ކަމަށާއި، އެތަނުން ޗާލީ ކަންކަން ރަނގަޅަށް ބަލަހައްޓާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ހަނގުރާމައިގެ ސަބަބުން ޔޫކްރެއިނުގެ ބޯޑަރު ހުރަސްކޮށް އެ ގައުމުން ނިކުތުންވެސް ވަނީ އުނދަގޫ ކަމަކަށް ވެފައެވެ. އެ ޝެލްޓަރުގެ ވޮލަންޓިއަރަކު ބުނެފައިވާގޮތުގައި ޔޫކްރެއިން ބޯޑަރު ހުރަސްކުރާއިރު ގެންދެވޭނީ ގިނަވެގެން 5 ޖަނަވާރު ކަމަށް އެތަނުގައި ތިބޭ ގާޑުން ބައެއް ފަހަރު ބުނަމުންދާކަމަށެވެ. އެހެންކަމުން ބޯޑަރު ހުރަސްކުރެވޭނީ ކިހިނެއް ކަން ޔަގީންކަމާއެކު ބުނަން ނޭންގޭ ކަމަށާއި، އެހެންނަމަވެސް ވިހާވެސް ގިނަ އަދަދެއްގެ ޖަނަވާރު ޝެލްޓަރަށް ގެންދަން މަސައްކަތްކުރާނެ ކަމަށް އޭނާ ކިޔައިދީފައިވެއެވެ. ނަތާލިޔާ އަދި ވޮލޮޑިމިރް ގެންދިޔައީ އެ ޝެލްޓަރުން އެ ކުރާ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. އަލުން ޗާލީއާ ބައްދަލުވެ ޗާލީ ގެއަށް ގެންދެވޭނެ ކަމަށް އުންމީދުކުރާކަމަށް އެމީހުން ބުނެފައިވެއެވެ. އަދި މި ދަތި ދަނޑިވަޅުގައި ލެޓްވިއާގެ ރައްޔިތުން އެ ކޮށްދޭ ހެޔޮ ކަންތައް ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށް ނަތާލިޔާ ބުނެފައިވެއެވެ.

ހަނގުރާމައެއް ކުރިއަށްދާ ވަގުތެއްގައި އެއްވެސް ކަމެއް ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އެހެންނަމަވެސް ދިރޭ ތަކެތީގެ ހައްގުގައި އަދި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ މީހުންގެ ވާހަކަ ގިނަގިނައިން ދެކެވެންޖެހެއެވެ. އެމީހުން އެ ކޮށްދެނީ ވަރަށްވެސް ހެޔޮ ކަމެކެވެ.

- ކޮމެންޓް