Advertisement
ކ. މާލެ
|
5 ޖޫން 2017 | ހޯމަ 21:12
ދިވެހިރާއްޖެ - ޤަތަރު ސިޔާސީ ގުޅުން
ދިވެހިރާއްޖެ - ޤަތަރު ސިޔާސީ ގުޅުން
ރާއްޖެއެމްވީ
ދިވެހިރާއްޖެ - ޤަތަރު
ޤަތަރާއި ގުޅުން ކަނޑާލީ ގުޅުން ބަދަހި ކުރުމަށް މަޝްވަރާކުރިތާ 13 ގަޑިއިރު ފަހުން!
ޤަތަރު އެމްބެސެޑަރާ ބައްދަލުކުރެއްވީ ސީދާ ފޮރިން މިނިސްޓަރު
ސިޔާސީ ގުޅުން ބަދަހި ކުރުމަށް މަޝްވަރާކުރި
ގުޅުން ކަނޑާލީ 33 އަހަރަށްފަހު

ދިވެހި ސަރުކާރުން ޤަތަރާއި ގުޅުން ކަނޑާލާފައިވަނީ ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރިތާ 13 ގަޑިއިރު ފަހުންނެވެ.

ޤަތަރުގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ޖޫން 4 ވަނަ ދުވަހުގެރޭ ދަންވަރު ލިޔެފައިވާ ޚަބަރެއްގައި ބުނެފައިވަނީ، އާދީއްތަ ދުވަހުގެރޭ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް، ޤަތަރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ނަން ރެޒިޑެންޓް ސަފީރު، ރާޝިދު ބިން ޝާފީ އަލް މެއްރީ އާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި ސިޔާސި ގުޅުން ބަދަހި ކުރުމަށާއި، އެހެނިހެން ދާއިރާތަކުން އެއްބާރުލުން އިތުރު ކުރުމަށް މަޝްވަރާކުރައްވާފައިވާ ކަމަށް ޤަތަރުގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ ބުނެފައެވެ.

މި ބައްދަލުކުރެއްވުމުގެ ގާތްގަނޑަކަށް 13 ގަޑިއިރު ފަހުން، ދިވެހި ސަރުކާރުން ވަނީ ޤަތަރާއި އެކު އޮތް ސިޔާސީ ގުޅުން ކަނޑާލާފައެވެ.

ދިވެހި ސަރުކާރުން ހޯމަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދައުލަތުއް ޤަތަރާއި އޮތް ސިޔާސީ ގުޅުން 5 ޖޫން 2017 އިން ފެށިގެން، ކަނޑާލުމަށް ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ދިވެހި ސަރުކާރުން ބުނެފައިވަނީ މި ނިންމުން ދިވެހި ސަރުކާރުން ނިންމާފައިވަނީ، ދީނީ ގޮތުން ހަރުކަށިވެ ހައްދު ފަހަނައަޅައި ދިއުމާއި، ޓެރަރިޒަމާއި ދެކޮޅަށް ދިވެހި ސަރުކާރުން ގެންގުޅޭ ވަރުގަދަ ޤަބޫލުކުރުންތަކާއި ގުޅިގެން ކަމަށެވެ. އަދި ރާއްޖެއިން އަބަދުވެސް މަސައްކަތް ކޮށްފައިވަނީ މެދުއިރުމައްޗަށް އަމާން ކަމާއި ސުލްޙަ މަސަލަސްކަން ލިބުމަށް އެދިގެން ކަމަށް ދިވެހި ސަރުކާރުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ދިވެހި ސަރުކާރުން ވަނީ ޓެރަރިޒަމާއި ދެކޮޅަށް ކުރާ ހަނގުރާމައަށް ކުރާ ތާއީދު ތަކުރާރުކޮށް، ސުލްޙައަށް މަސައްކަތްކުރާ ޤައުމުތަކާއި އެކުގައި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ.

ދިވެހިރާއްޖެއިން ޤަތަރާއި އެކު ސިޔާސީ ގުޅުން ގާއިމު ކޮށްފައިވަނީ 1984 ވަނަ އަހަރުގެ މޭމަހުގެ 26 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް