Advertisement
ކ. މާލެ
|
5 ޖޫން 2017 | ހޯމަ 19:35
ރާއްޖޭގެ ފޮރިން މިނިސްޓްރީ
ރާއްޖޭގެ ފޮރިން މިނިސްޓްރީ
މުހައްމަދު ޝަރުހާން
ދިވެހިރާއްޖެ - ޤަތަރު
ޤަތަރާއި ގުޅުން ކަނޑާލަން ދިވެހިރާއްޖެއިން ވެސް ނިންމައިފި
ގުޅުން ކަނޑާލީ ޓެރަރިޒަމަށް ހިތްވަރު ނުދިނުމަށް ކަމަށް ބުނެ
ރާއްޖެއިން އެދެނީ މެދުއިރުމައްޗަށް ހަމަޖެހުން ލިބުން
ސައުދީ، ޔޫއޭއީ، ބަޚްރެއިން، ލީބިއާ އަދި މިބްރުންވެސް ވަނީ ގުޅުން ކަނޑާލާފަ

ޤަތަރާއި ހުރިހާ ގުޅުމެއް ކަނޑާލަން ދިވެހި ސަރުކާރުން ނިންމައިފިއެވެ.

ދިވެހި ސަރުކާރުން ހޯމަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދައުލަތުއް ޤަތަރާއި އޮތް ސިޔާސީ ގުޅުން 5 ޖޫން 2017 އިން ފެށިގެން، ކަނޑާލުމަށް ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ދިވެހި ސަރުކާރުން ބުނެފައިވަނީ މި ނިންމުން ދިވެހި ސަރުކާރުން ނިންމާފައިވަނީ، ދީނީ ގޮތުން ހަރުކަށިވެ ހައްދު ފަހަނައަޅައި ދިއުމާއި، ޓެރަރިޒަމާއި ދެކޮޅަށް ދިވެހި ސަރުކާރުން ގެންގުޅޭ ވަރުގަދަ ޤަބޫލުކުރުންތަކާއި ގުޅިގެން ކަމަށެވެ. އަދި ރާއްޖެއިން އަބަދުވެސް މަސައްކަތް ކޮށްފައިވަނީ މެދުއިރުމައްޗަށް އަމާން ކަމާއި ސުލްޙަ މަސަލަސްކަން ލިބުމަށް އެދިގެން ކަމަށް ދިވެހި ސަރުކާރުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ދިވެހި ސަރުކާރުން ވަނީ ޓެރަރިޒަމާއި ދެކޮޅަށް ކުރާ ހަނގުރާމައަށް ކުރާ ތާއީދު ތަކުރާރުކޮށް، ސުލްޙައަށް މަސައްކަތްކުރާ ޤައުމުތަކާއި އެކުގައި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ.

ދިވެހިރާއްޖެއިން ޤަތަރާއި އެކު ސިޔާސީ ގުޅުން ގާއިމު ކޮށްފައިވަނީ 1984 ވަނަ އަހަރުގެ މޭމަހުގެ 26 ވަނަ ދުވަހުއެވެ.

ޤަތަރާއި ގުޅުން ކަނޑާލުމަށް ދިވެހި ސަރުކާރުން ނިންމާފައިވާއިރު، ސައުދީ އަރަބިއާ އިސްވެ އޮވެ، އަރަބި ދުނިޔޭގެ ބައެއް ޤައުމުތަކުންވެސް މިހާރު ވަނީ ޤަތަރާއި ގުޅުން ކަނޑާލާފައެވެ. އެގޮތުން، ސައުދީ އަރަބިއްޔާ، މިސްރު، ބަހްރެއިން އަދި ޔޫއޭއީއިން ޤަތަރާއި ޑިޕްލޮމެޓިކް ގުޅުން ކަނޑާލާފައިވާއިރު، ޓެރަރިސްޓުން ގޮތުގައި ސައުދީ އާއި އެމެރިކާ ޤަބޫލުކުރާ ބައެއް ޖަމާޢަތްތަކަށް ޤަތަރުން ވާގިވެރިވާ ކަމަށް އެ ޤައުމުތަކުން ތުޙުމަތު ކުރެއެވެ.

އެގޮތުން ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާޢަތާއި، އިސްރާއިލާއި ދެކޮޅަށް ލުބްނާނުގައި މަސައްކަތްކުރާ ހިޒްބުﷲ އާއި މިޞްރުގެ މުސްލިމް ބްރަދަރހުޑް ފަދަ ޖަމާއަތްތައް ޓެރަރިސްޓޫންގެ ގޮތުގައި ލޭބަލްކޮށް، އެފަރާތްތަކަށް ޤަތަރުން ވާގިވެރިވާ ކަމަށް ސައުދީ އާއި އެމެރިކާއިން ތުޙުމަތު ކުރެއެވެ. އަދި ހަމަ މިއާއިއެކު އީރާނު ބާކީކޮށް، އެކަނިވެރި ނުކުރުމަށް ޤަތަރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުންވެސް، އީރާނާއި މެދު ހަސަދަވެރިވާ ސައުދީ އާއި އެމެރިކާއިން ވަނީ ޤަތަރަށް ފާޑު ކިޔާފައެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް