ހަރުދަނާ މުޖުތަމަޢަކަށް ބޭނުންވާނެ ޒުވާނުން ބިނާކޮށް އެކި ދާއިރާތަކުން މީހުން ހޭލުންތެރިކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ "އެންލައިޓްން އަ މައިންޑްފުލް" އިން އައްޑޫގައި ހިންގި މަޢުލޫމާތު ސެޝަންތައް ނިންމާލައިފިއެވެ.
އީއެމްސީއާއެކު އައްޑޫސިޓީ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާރވިސް ގުޅިގެން ހިންގި މި ސެޝަންތައް ކުރިއަށް ދިޔައީ މާޗް 1 އިން 6 ގެ ނިޔަލަށެވެ. މިޕްރޮގްރާމް އަމާޒުކޮށްފައިވަނީ އައްޑޫ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށާއި ހިތަދޫ އަދި ގަމުގައި ޙަރަކާތްތެރިވާ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސްޓާފުންނާއި އައްޑޫ ސިޓީގެ ފުރާ ޢުމުރުގެ ޒުވާނުންގެ އިތުރުން ސްކޫލްތަކުގެ ބެލެނިވެރިންނަށެވެ.
ކަލްޗަރ އޮފް ރެޒިލިއެންސް، ހޭންޑް އިން ހޭންޑް ފޯރ އަ ބިއުޓިފުލްގެ ނަމުގައި ކުރިއަށްދިޔަ ސެޝަންތަކުގައި އިފެކްޓިވް ކޮމިއުނިކޭޝަން އަދި ކަސްޓަމަރ ކެއަރ އަށް އަހުލުވެރިކުރުމުގެ ސެޝަނެއް އައްޑޫ ސިޓީ ކައުންސިލް މުވައްޒަފުންނަށް ވަނީ ހިންގާފައެވެ. މި ސެޝަންގައި މަޢުލޫމާތުދެއްވީ ރައްޔިތުންގެ މަޖްލީހުގެ ޑިރެކްޓަރ އޮފް މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޙަސަން ޒިޔާއުއެވެ. ޒިޔާއުވަނީ އައްޑޫ ސިޓީގެ ޒުވާނުންނަށް ވެސް އެކްޓިވް ކޮމިއުނިކޭޝަން އާއި ގުޅޭ އިތުރު ސެޝަނެއް ނަންގަވައި ދެއްވާފައެވެ.

މި ޕްރޮގްރާމްގެ ތެރެއިން އައްޑޫގައި ޙަރަކާތްތެރިވާ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސްޓާފުންނަށް މަޢުލޫމާތު ދެއްވާފައިވަނީ ޤައުމަށް ޚިދުމަތް ކުރުމުގައި ވިސްނަންވީ ކަންތައްތަކުގެ މައްޗަށެވެ. ޑރ ޢަލީ އިޙްސާން ނަންގަވައި ދެއްވި މިސެޝަންގައި އޭނާ ވަނީ ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި ޤައުމީ ލޯބި އުފައްދާނެ ގޮތާއި ޤައުމަށް ވަފާތެރި ބައެއްގެ ގޮތުގައި ތިބެގެން ޚިދުމަތްކުރާނެ ގޮތުގެ މުހިއްމު އިރުޝާދުތަކެއް ފޯރުކޮށްދެއްވާފައެވެ.
ޕްރޮގްރާމްގެ ތެރެއިން އައްޑޫ ސިޓީގެ ސްކޫލްތަކުގެ ބެލެނިވެރިންނަށް ސްމާޓް ޕޭރެންޓިންގ އާއި ބެހޭ ގޮތުން މައިންޑްފުލްނެސްގެ ކޯޗް ރާޑޯ މުޙައްމަދު ރާޝިދުވަނީ ޚާއްސަ ސެޝަނެއް ނަންގަވައި ދެއްވާފައެވެ. އޭގެ އިތުރުން ހަރުދަނާ ޖީލެއް ބިނާ ކުރުމުގައި ޒުވާނުން ބާރު ވެރި ކުރުމާއި ބެހޭ ގޮތުން "ކައިންޑް" ގެ ސީއީއޯ ޢައިޝަތު ޙަސަންއާއި ޔޫތު ލީޑަރު އަރްޝަދު އަޝްރަފް ވަނީ މަޢުލޫމާތު ދެއްވާފައެވެ.
ބޮޑު ތަރުޙީބެއް ލިބިގެންދިޔަ މި ޕްރޮގްރާމްގެ ތެރޭ ކާމިޔާބު މީހަކަށްވުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން ބައިވެރިންނަށް ވަނީ އެގްޒެކެޓިވް ލައިފް ކޯޗް ހައްވާ ޝަހީނާ މުޙައްމަދު މަޢުލޫމާތު ދެއްވާފައެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ސެޝަންގައި ކީނޯޓް ސްޕީކަރެއްގެ ގޮތުން ވާހަކަދެއްކެވީ މާޕްގެ ޕްރެޒިޑެންޓް ޙުސެއިން ޢަފީފްއެވެ. ޕްރޮގްރާމްގެ ތެރެއިން އިތުރު ސެޝަންތައް ނަންގަވައިދެއްވި ބޭފުޅުންގެ ތެރޭގައި އީއެމްސީގެ ކޯފައުންޑިންގ ޕްރެޒިޑެންޓުން ކަމުގައިވާ އައިމިނަތު ރީމާ ރަޝީދާއި ސަމާ އިބްރާހިމްދީދީ ހިމެނިވަޑައިގެންނެވިއެވެ.

މި ޕްރޮގްރާމާއި ބެހޭގޮތުން ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވަމުން އައްޑޫ ސިޓީ ހިތަދޫ މާމެންދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ޢަދާލާ ރަޝީދު ވިދާޅުވީ 350 އަށްވުރެ ގިނަ ބައިވެރިންނާއެކު ނިމިގެންދިޔަ ޕްރޮގްރާމަކީ ވަރަށް ޚާއްސަ އިސްކަމެއް މުޖުތަމަޢުން ފޯރުކޮށްދޭން ޖެހޭ ނާޒުކު ޢުމުރުފުރާއެއް ކަމަށްވާ ފުރާވަރު ޢުމުރުފުރާގެ ކުދިންނަށް އަގުހުރި އެތައް މަޢުލޫމާތުތަކެއް ލިބިގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އަމާޒަކީ ސިޓީގެ އެތައް ބަޔަކަށް މަންފާ ކުރާ މިފަދަ މުހިއްމު ޕްރޮގްރާމްތައް ގިނަގިނައިން ބޭއްވި، މި ޕްރޮގްރާމްތަކުގެ ޒަރީޢާއިން ހަރުދަނާ ޖީލެއް ބިނާ ކުރުމަށް މަގުފަހި ކޮށްދިނުން.ހިތަދޫ މާމެންދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ޢަދާލާ ރަޝީދު![]()

ކައުންސިލުންވަނީ މި ޕްރޮގްރާމް އިސްވެ ހިންގެވި އެންލައިޓްން އަ މައިންޑްފުލް ޖަމްޢިއްޔާއިން މި ފަދަ މުހިއްމު ޕްރޮގްރާމެއް އައްޑޫ ސިޓީއަށް އަމާޒުކޮށް ހިންގެވި ކަމަށްޓަކައި އެޖަމްޢިއްޔާގެ ހިންގުންތެރި ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.
2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އުފެއްދި އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީއަކީ ދުޅަހެޔޮ، އުފާވެރި، ހިތްހަމަޖެހޭ މުޖުތަމައުއެއް ބިނާކުރުމާއި އަމާންކަމާއި އޮމާންކަން ވެށީގައި ގާއިމްކުރުމުގެ އިތުރުން ސުލްހަމަސަލަސްކަމަށް ލޯބިކުރުމާއިއެކު ބުރަކޮށް ފައިދާހުރި މަސައްކަތްތައް ކުރާ ޖީލެއް ބިނާކޮށް މުޖުތަމައު ހަރުދަނާ ކުރުމުގެ މަޤްސަދުގައި ހިންގަމުން އަންނަ ޖަމްޢިއްޔާއެކެވެ.