ކ. މާލެ
|
5 ޖޫން 2017 | ހޯމަ 18:30
ޖުމްހޫރީ ޕާޓީން ބޭއްވި ހުގާލުމެއްގެ ތެެރެއިން
ޖުމްހޫރީ ޕާޓީން ބޭއްވި ހުގާލުމެއްގެ ތެެރެއިން
ޓްވިޓަރ
ޖޭޕީ
ޕާޓީއެއްގެ ފިކުރީ މުދަލެއްގެ ޙައްޤަށް ފަހުން ހަދާ އުސޫލަކުން އަރައިގަތުމަކީ ޤާނޫނީ ގޮތުން ކުރެވޭނޭ ކަމެއްނޫ: އެމްޑީޕީ
އަމިއްލަ ފަރާތްތަކުގެ މުދަލަށް ސަރުކާރުން އަރައިގަތުމަކީ ވަރަށް ނާތަހުޒީބު ޢަމަލެއް
އެމްޑީޕީގެ ލޯގޯއާއި ޖުޑިޝަރީން ބޭނުން ކުރާ ލޯގޯ އެއްވައްތަރު

ޕާޓީއެއްގެ ފިކުރީ މުދަލެއްގެ ޙައްޤަށް ފަހުން ހަދާ އުސޫލަކުން އަރައިގަތުމަކީ ޤާނޫނީ ގޮތުން ކުރެވޭނޭ ކަމެއް ނޫން ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯ އެޕާޓީން ބޭނުންކުރުން މަނާކޮށް އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް އެންގުމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯއަކީ އެޕާޓީ އުފެއްދިއިރު ކުރަހާ ޑިޒައިންކޮށް ރަޖިސްޓްރީކުރެވިގެން ބޭނުންކުރެވެމުންދާ އެޕާޓީގެ ފިކުރީ މުދަލެކެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ ޖޭޕީގެ ފިކުރީ މުދަލެއްގެ ޙައްޤަށް ފަހުން ހަދާ އުސޫލަކުން އެގޮތަށް އަރައިގަތުމަކީ ޤާނޫނީ ގޮތުން ކުރެވޭނޭ ކަމެއްނޫން ކަމަށާއި ވަކިން ޚާއްޞަކޮށް ދައުލަތުގެ މުއައްސަސާތަކުން އަމިއްލަ ފަރާތްތަކުގެ މުދަލަށް މިފަދައިން އަރައިގަތުމަކީ ވަރަށް ނާތަހުޒީބު ވިޔާނުދާ ޢަމަލެއް ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުގައި ޖޭޕީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުން މަނާ ކުރުމުން ދޭހަކޮށްދެނީ ސަރުކާރުން ވާދަވެރި ސިޔާސީ ޕާޓީތަކަށް ފުރައްސާރަ ކުރުމުގައި އެންމެ ދަށުދަރަޖައިގެ އަމަލުތައް ހިންގާކަން ކމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ޙާއްޞަވާ ދިދައާ ވައްތަރުކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ދިދަ ބޭނުންކުރުން މަނާކޮށްފައިވާއިރު، ޖުޑިޝަރީން ބޭނުންކުރަން ފަށާފައިވާ ލޯގޯއަކީ އެމްޑީޕީން ބޭނުންކުރަމުން އަންނަ ލޯގޯއާ އެއްގޮތް ކަމެއް ހުރި ލޯގޯއެއް ކަން އެމްޑީޕީގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ. އަދި އެމް.ޑީ.ޕީގެ ލޯގޯއަކީ ސުޕްރީމްކޯޓާއި އިލެކްޝަންސް ކޮމިޝަނަށްވުރެ ވެސް ދޮށީ ނުވަތަ އެ ދެތަން އުފެދުމުގެ ވެސް މާކުރިން ކުރަހާ ޑިޒަންކޮށް ރަޖިސްޓްރީ ކުރެވިގެން ބޭނުންކުރަމުންއަންނަ ލޯގޯއެއްކަން ވެސް އެމްޑީޕީގެ ބަޔާނުގައި ފާހގަ ކޮށްފައިވެއެވެ.

އެހެންކަމަށް އެމްޑީޕީން ބޭނުންކުރަމުން އަންނަ ލޯގޯއާ އެއްގޮތް ލޯގޯއެއް ޖުޑިޝަރީން ބޭނުންކުރަމުން ގެންދާއިރު އެކަންކުރުން އެފަރާތަށް މަނާނުކުރެވޭ ކަމަށް ވާނަމަ، އެގޮތަކީ ވެސް ހަމަޖެހޭ ގޮތެއް ނޫންކަށް އެމްޑީޕީގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

މީގެ އިތުރުން ގިނަ ޕާޓީއެކުލެވޭ ސިޔާސީ ނިޒާމަށް ފުރައްސާރަ ކުރުމުގެ ނިޔަތުގައި  ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ކުރަމުންގެންދާ އަމަލުތައް ހިންގުން ވަގުތުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

 

- ކޮމެންޓް