ކ. މާލެ
|
5 ޖޫން 2017 | ހޯމަ 16:20
އެޗްއާރުސީއެމްގެ ކުރީގެ މެމްބަރު މުހައްމަދު ޒާހިދު
އެޗްއާރުސީއެމްގެ ކުރީގެ މެމްބަރު މުހައްމަދު ޒާހިދު
އެޗްއާރްސީއެމް
އެޗްއާރުސީއެމް މެމްބަރުކަން
ހިއުމަން ރައިޓްސް ކޮމިޝަނަށް އެކޮމިޝަންގެ ކުރީގެ މެމްބަރު ޒާހިދު ނަން މަޖިލީހަށް ފޮނުވައިފި
ޒާހިދަކީ މިވަގުތު ޖެންޑަރ މިނިސްޓަރުގެ ނައިބު މަގާމުގައި ހުންނެވި ބޭފުޅެއް
ޒާހިދު އައްޔަން ކުރަައްވަނީ އެޗްއާރުސީއެމްގެ ކުރީގެ މެމްބަރު ޝިފާގު މުފީދުގެ އިސްތިއުފާ ދެއްވުމާ ގުޅިގެން

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގައި ހުސްވެފައިވާ މަގާމަށް އެކޮމިޝަންގެ ކުރީގެ މެމްބަރު މުހައްމަދު ޒާހިދުގެ ނަން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަޖިލީހަށް ފޮނުވާފައިވާ، ދަފްތަރު ނަމްބަރު 1548، މުހައްމަދު ޒާހިދުގެ ނަން ދިރަސަކުރުމަށް މިނިވަން މުއައްސަސަތަކަބެހޭ ކޮމެޓީއަށް ވަނީ ފޮނުވާފަ އެވެ.

އެޗްއާރުސީއެމްގެ ކުރީގެ މެމްބަރު ޒާހިދު މިވަގުތު ވަޒީފާ އަދާ ކުރައްވަނީ ޖެންޑަރ މިނިސްޓްރީގަ އެވެ. ޒާހިދަކީ އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެކެވެ.   

ރައީސް އޮފީހުން ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ފަހު، އެމަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން މަޖިލީހުން ރުހުން ހޯދުމަށް ޒާހިދުގެ ނަން ރައީސް އަބްދުﷲ ޔާމީން ފޮނުވާފައި މި ވަނީ އެކޮމިޝަނުގެ މެމްބަރު ޝިފާގު މުފީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި، ޝިފާގު އިސްތިއުފާ ދެއްވާފައިވަނީ މި މެއި މަހުގެ 11 ވީ ބުރާސްފަތި ދުވަހު ކަމަށްވެއެވެ. އަދި ޖެހިގެން އައި ދުވަހު ޝިފާގުއަށް ވަނީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވާފަ އެވެ.

އޭގެ ފަހުން ޝިފާގު ގެންދަވަނީ ސަރުކާރު ކޯލިޝަން ޕީޕީއެމް އާއި އެމްޑީއޭއިން ހިންގާ ޖަގަހަ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. 

- ކޮމެންޓް