ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ތައިރޮޑް އޮޕަރޭޝަނަށްފަހު ފުރަތަމަ ފަހަރަށް އެމަނިކުފާނުގެ ފޮޓޯފުޅެއް އާންމުކުރައްވައިފި އެވެ.
މި ފޮޓޯ ޓްވިޓާގައި އާންމުކުރެއްވީ އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ރީކޯ މޫސާ މަނިކެވެ. ހުޅުހެންވޭރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައިވާ މޫސަ ވަނީ ރައީސްގެ އޮޕަރޭޝަނަށް ފަހު ހެޔޮ ހާލުކޮޅުގައި ބައްދަލުވެ އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުކަން ހާމަކުރައްވާފައެވެ. އަދި ވަރަށް އަވަހަށް އެމަނިކުފާނު ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށްވެސް މޫސަ ވަނީ ވިދާޅުވެފައެވެ.
މޫސަ ރާއިސް އާއެކު އާއްމު ކުރެއްވި ފޮޓޯއިން އެމަނިކުފާނު އޮޕަރޭޝަން ކުރެއްވި ލަކުނު ފާހަގަވެއެވެ.
ޑޮކްޓަރުގެ ލަފާގެމަތިން ތައިރޮއިޑް ފަރުވާއަކަށް ރައީސް ޞާލިޙް ސިންގަޕޫރަށް ވަޑައިގެންނެވީ 23 ފެބްރުއަރީ 2022 ގައެވެ. އެގޮތުން ސިންގަޕޫރުގައި ކުރެއްވި މި އޮޕަރޭޝަނަށް ފަހު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، އޮޕަރޭޝަން ނިމިފައިވާކަމަށާއި މިހާރު ހާލުކޮޅު ރަނގަޅުވަމުން އަންނަކަމަށެވެ. ފަރުވާއަށްފަހު އެމަނިކުފާނު ހޮސްޕިޓަލުން ދޫކޮށްލެއްވިކަން ހާމަކުރެއްވީ 1 މާޗް 2022 ގައެވެ.
ރައީސް ޞާލިޙް ގެންދަވަނީ އެމަނިކުފާނުގެ ޙާލުކޮޅާއި ގުޅޭ މައުލޫމާތު ޓްވިޓަރ މެދުވެރިކޮށް އަމިއްލަފުޅަށް ހިއްސާ ކުރައްވަމުންނެވެ.
ރައީސް އޮޕަރޭޝަން ކުރައްވާތީ 25 ފެބްރުއަރީގައި ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކާއި ނާއިބު ރައީސް ފައިސަލް ނަސީމް ވަގުތީ ގޮތުން ޙަވާލުވެވަޑައިގެންނެވިއެވެ. އަދި އޮޕަރޭޝަނަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި އެމަނިކުފާނު އަލުން ވަނީ ހަމަ އެދުވަހު ޙަވާލުވެވަޑައިގަންނަވާފައެވެ.