ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލި ކައުންސިލަށް ހޮވުނު ހަބީބު ހަސަން އަކީ ތަފާތު މީހެއް ކަމަށް އެރަށުގެ ރައްޔިތުން ބުނެފިއެވެ.
ތަފާތު ގިނަ އަތްތެރި މަސައްކަތްތައްވެސް ކުރަމުން އަދި ރާވެރިކަން ވެސް ކުރަމުންދިޔަ ހަބީބު ހަސަން (ރާވެރިބޭ ) ގއ. ވިލިގިނގިލީ ކައުނސިލަށް ހޮވިފައިވަނީ އެމްޑީޕީންނެވެ.
ހޮނިހިރު ދުވަހު އޮތް ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ނިންމާލުމަށް ފަހު ކޯޓް ފަޓްލޫނުގައި ހުންނަވާ ހަބީބު ވަނީ ރުކަށް އަރުއްވައި ރާ ބަނދެފައެވެ. މި މަންޒަރު ބެލުމަށް ރަށުގެ އާއްމު ރައްޔިތުން ރުއްދޮށަށް އެއްވިއެެވެ. ތަރުހީބުގެ އަތްތިލަ ބަޑިން ގުގުމާލިއެވެ.
ހަބީބު ދައްކަވައިދެއްވި ކޮންމެ މަސައްކަތެއްގައި ވެސް އިޚްލާސްތެރިކަން މަތީ ދެމި ހުރެއްޖެ ނަމަ ރައްޔިތުންގެ އިތުބާރު އެއީ ހޯދިދާނެ އެއްޗެއްކަމެވެ.
ރުކުން ފޭބުމަށް ފަހު، ރައްޔިތުންނަށް ހަބީބު ޝުކުރު އަދާކުރެއްވިއެވެ.
އެއަށް ވުރެ އަޅައިގަތީ، ރާވެރިކަމުގެ މަސައްކަތުގައި ހަބީބު ރުކަށް އޮންނެވި ވީޑިއޯ އާއި އަދި ކޯޓް ފަޓްލޫނާ އެކު ރުކަށް އެރުއްވި ވީޑއޯއެއް އޭނާގެ ފޭސްބުކަށް އަޕްލޯޑްކުރެއްވުމަށްފަހު ލިޔުއްވާފައިވާ އިބާރާތްކޮޅުގައެވެ.
"ހުސްގަޔާ ރުކަށް އަރާ ރާވެރިކަން ކުރަމުން ދަނިކޮށް، ވިލިނގިލީ ރައްޔިތުން ކޯޓް ފަޓްލޫނު އަޅުގަނޑަށް ދެއްވިކަމަށްޓަކައި ޝުކުރު ދަންނަވަމެވެ. އެއްޗެެއް އެނގުނަސް އަދި ނޭނގުނަސް ރައްޔިތުން މި ވަނީ، ވިލިނގިލީ ކައުނސިލް މެންބަރަކަށް އަޅުގަނޑު ހޮއްވަވާފަ. ބަޔަކު މޭ ކެރިޔަސް ރައްޔިތުން ގާތަށް ޚިދުމަތްކުރުމަށް ﷲ ގެ ވާގިފުޅާއެކު، ކުރިއަށް އޮތް ތިން އަހަރު ސާބިތުކަމާއެކު ދެމި ހުންނާނެކަމުގެ ޔަގީންކަން ވިލިނގިލީ ރައްޔިތުންނަށް އަރުވަން. ތަފާތު ވާނެ، ތަފާތު ދައްކާނަން" މިއީ ހަބީބު ކައުންސިލްކަމުގެ ހުވާކުރެއްވުމަށް ފަހު ވޯޓްދީ ހޮއްވެވި ވިލިނގިލީ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވުމަށް ފަހު ދެއްވި މެސެޖެވެ.
ހަބީބު ވިދާޅުވާ ގޮތުގައި، އާދައިގެ ރާވެރިޔަކަސް ރައްޔިތުންގެ އިތުބާރާއި ލޯބި ލިބިއްޖެ ނަމަ "ތަފާތު ވެންނެ، އަދި ތަފާތު ދެއްކޭނެ" އެވެ.