ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުން އިލެކްޝަންްސް ކޮމިޝަނުން މަނާކުރި މައްސަލަ ކޯޓަށް ހުށައެޅުމަށް އެޕާޓީން ނިންމައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ރަސްމީ ޓްވިޓާއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، އެމައްސަލަ ކޯޓަށް ހުށައެޅުމަށް ނިންމީ އާދިއްތަ ދުވަހުގެ ރޭ ބޭއްވި އެޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައެވެ. އެހެންނަމަވެސް މި މައްސަލަ ކޯޓަށް ވައްދާނެ ވަކި ތާރީޚެއް ޖޭޕީން ހާމައެއް ނުކުރެއެވެ.
ހޯމް މިނިސްޓްރީން އާންމުކޮށްފައިވާ، ދިވެހިރާއްޖޭގެ ޤައުމީ ދިދަ ބޭނުންކުރުމުގެ އުސޫލާއި ހަވާލާދީ، ޖޭޕީގެ ލޯގޯ ރައީސުލްޖުމްހޫރިއްޔާއަށް ޚާއްސަ ދިދައާއި ވައްތަރުކަމަށް ޤަބޫލު ކުރެވޭ ކަމަބުނެ، އިލެކްޝަން ކޮމިޝަނުން މީގެ ކުރިން ޖުމްހޫރީ ޕާޓީއަށް އަންގާފައިވަނީ، ޖޫން މަހުގެ 1 ވަނަ ދުވަހުގެ ކުރިން އެ ޕާޓީގެ ލޯގޯ އާއި ދިދަ ބަދަލުކުރުމަށެވެ.
ނަމަވެސް މި އެންގުމަކީ، ޤާނޫނީ ގޮތުން އިލެކްޝަން ކޮމިޝަނަށް އެންގޭނެ އެންގުމެއް ކަމަށް ޤަބޫލު ނުކުރާކަމަށްބުނެ، ޖުމްހޫރީ ޕާޓީން ވަނީ 2005 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުންދާ އެ ޕާޓީގެ ލޯގޯ އާއި ދިދަ ބަދަލުކުރަން ދެކޮޅު ހަދާފައެވެ.
އިލެކްޝަންސް ކޮމިޝަނުން، ޖުމްހޫރީޕާޓީގެ ލޯގޯ އާއި ދިދަ ބޭނުން ކުރުން ހުއްޓާލުމަށް އެންގީ އާދިއްތަ ދުވަހު އެ ކޮމިޝަނުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ފޮނުއްވި ސިޓީ އަކުންނެވެ.
"ދިވެހި ގައުމީ ދިދަ ބޭނުން ކުރުމާ ގުޅޭ އުސޫލުގެ ދަށުން މިއަދުން ފެށިގެން ތިޔަ ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުން ކުރުން ހުއްޓާލެއްވުމަށް ދަންނަވަމެވެ." ޖޫން 4 ވަނަ ދުވަހުގެ ތާރީޙުގައި އިލެކްޝަންސް ކޮމިޝަނުން ޖުމްހޫރީ ޕާޓީއަށް ފޮނުއްވި ސިޓީގައި ބުނެފައި ވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ސިޓީގައި ޖޭޕީގެ ލޯގޯ އާއި ދިދަ ބަދަލު ކުރުމަށް ފުރުސަތު ދެވިފައި ވީނަމަވެސް ޕާޓީގެ ދިދަ އާއި ލޯގޯ ބަދަލު ކޮށްފައި ނުވާކަން ފާހަގަ ކުރައްވާފައި ވެއެވެ.
ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުން ހުއްޓާލުމަށް އެންގުމާ ގުޅޭ މައްސަލައިގައި އަމަލު ކުރާނެ ގޮތެއް ނިންމުމަށް އާދިއްތަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައިވެސް ޕާޓީގެ ދިދަ އާއި ލޯގޯ ފެންނަން ހުރިކަން ފާހަގަ ކުރެވެއެވެ.