އިނގިރޭސި ލީގު ކަޕްގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޗެލްސީ ބަލިކޮށް ލިވަޕޫލުން ޗެމްޕިއަންކަން ހޯދައިފިއެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. އަދި ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައިވެސް ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ޖެހިފައިނުވާއިރު، ޕެނަލްޓީން ލިވަޕޫލް ކުރިހޯދީ 11-10 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ދެ ޓީމަށްވެސް ލަނޑު ޖަހަން ހުސް ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ފުރުސަތު ލިބުނީ ޗެލްސީގެ ކްރިސްޓިއަން ޕުލިސިޗް އަށެވެ. އޭނާ ފޮނުވާލި ހަމަލާ ކީޕަރު ކޮއިމްހިން ކެލަހާ ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ލީޑު ނަގަން ލިވަޕޫލްގެ ސަޑިއޯ މާނޭއަށް ވެސް ވަނީ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭގެ ފަހުން ލިވަޕޫލްގެ ނަބީ ކެއިޓާ ފޮނުވާލި ނުރައްކާތެރި ހަމަލާ ޗެލްސީގެ ކީޕަރު އެޑޮއާޑް މެންޑީ ވަނީ ދިފާއުކޮށްފައެވެ. އޭގެ ފަހުން ޗެލްސީގެ މޭސަން މައުންޓަށް ލަނޑު ޖަހަން ހުސް ދެ ފުރުސަތު ލިބި ވަނީ ބޭކާރުވެފައެވެ. އޭނާ ފުރަތަމަ ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވެ ބޭރަށް ދިޔައިރު، ދެވަނަ އަށް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ގޯލު ދަނޑިއެވެ.
ދެވަނަ ހާފުގައި ޖޮއެލް މަޓިޕް ވަނީ ލިވަޕޫލަށް ލަނޑު ޖަހާދީފައެވެ. އެކަމަކު، އެ ލަނޑު ޖެހިއިރު، ވާޖިލް ވެން ޑައިކް އޮފްސައިޑް މަގާމެއްގައި ހުރުމުން، ވީޑިއޯ އެސިސްޓެންޓް ރެފްރީި (ވީއޭއާރް) ބެލުމަށްފަހު އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. އޭގެ ފަހުން ޗެލްސީގެ ކައި ހަވާޓްޒް ބޮލުން ޖެހި ލަނޑުވެސް ވަނީ އޮފްސައިޑް ކަމަށް ނިންމާފައެެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ކުޅުނު އިތުރު ވަގުތުގައި ޗެލްސީގެ ކައި ހަވާޓްޒް އާއި ރޮމެލޫ ލުކާކޫ ޖެހި ލަނޑުތައް ވެސް ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުންވެސް 11 ޕެނަލްޓީ ފޮނުވާލިއެވެ. ކީޕަރުން ޕެނަލްޓީ ޖަހަން ޖެހުނު ހިސާބުން ކެލަހާ ޕެނަލްޓީ ކާމިޔާބުކުރި ނަމަވެސް ޗެލްސީގެ ބަދަލު ކީޕަރު، ކެޕާ ފޮނުވާލި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މިއީ 2012 ވަނަ އަހަރުގެ ފަހުން ލިވަޕޫލުން ލީގު ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ލިވަޕޫލްގެ ކޯޗުކަމާ ޔާގެން ކްލޮޕް ހަވާލުވިތާ ފަސް މަސް ތެރޭ އެ ޓީމުން ވަނީ ލީގު ކަޕް ފައިނަލެއް ކުޅެފައެވެ.