ޖުމްހޫރީ ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުންކުރުންމަނާކުރުމަކީ އިލެކްޝަންސް ކޮމިޝަނުން ޕާޓީގެ ހިންގުން ހުއްޓުވުން ކަމަށް، އިނގިރޭސި ވިލާތަށް އަމިއްލައަށް އަރުވާލެއްވިގެން ހުންނެވި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އާދީއްތަ ދުވަހުގެ ރޭ އަމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކޮންގްރެސްއެއް ބާއްވައިގެން ނޫން ގޮތަކަށް ޕާޓީގެ ލޯގޯ އާއި ދިދަ ބަދަލެއް ނުކުރެވޭނެ ކަމަށެވެ.
EC in JP ge logo aa dhidha beynun kurun manaakurumakee JP hingun huttuvun. Congress akun noonee partyge logo aa dhidha badhalehnukureveyne
— Ameen Ibrahim (@ameenmaldives) June 4, 2017
ހޯމް މިނިސްޓްރީން އާންމުކޮށްފައިވާ، ދިވެހިރާއްޖޭގެ ޤައުމީ ދިދަ ބޭނުންކުރުމުގެ އުސޫލާއި ހަވާލާދީ، ޖޭޕީގެ ލޯގޯ ރައީސުލްޖުމްހޫރިއްޔާއަށް ޚާއްސަ ދިދައާއި ވައްތަރުކަމަށް ޤަބޫލު ކުރެވޭ ކަމަބުނެ، އިލެކްޝަން ކޮމިޝަނުން މީގެ ކުރިން ޖުމްހޫރީ ޕާޓީއަށް އަންގާފައިވަނީ، ޖޫން މަހުގެ 1 ވަނަ ދުވަހުގެ ކުރިން އެ ޕާޓީގެ ލޯގޯ އާއި ދިދަ ބަދަލުކުރުމަށެވެ.
ނަމަވެސް މި އެންގުމަކީ، ޤާނޫނީ ގޮތުން އިލެކްޝަން ކޮމިޝަނަށް އެންގޭނެ އެންގުމެއް ކަމަށް ޤަބޫލު ނުކުރާކަމަށްބުނެ، ޖުމްހޫރީ ޕާޓީން ވަނީ 2005 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުންދާ އެ ޕާޓީގެ ލޯގޯ އާއި ދިދަ ބަދަލުކުރަން ދެކޮޅު ހަދާފައެވެ.