ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ތައިރޮޑް ސާޖަރީ ކާމިޔާބުކަމާއެކު ކުރައްވައިފިއެވެ.
ސިންގަޕޫރުގައި ސަރޖަރީ ކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރޖަރީ ނިމިއްޖެކަމަށާއި މިހާރު ހާލުކޮޅު ރަނގަޅުވަމުން އަންނަކަމަށެވެ.
ރައީސް ވަނީ އެމަނިކުފާނަށް ހެޔޮއެދުންތައް ފޮނުވައި ދުއާކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފައެވެ.
ރައީސް ސަރޖަރީ ކުރައްވާތީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކާއި ނާއިބު ރައީސް ފައިސަލް ނަސީމް ހަވާލުވެވަޑައިގަތީ ހުކުރު ދުވަހުގެ ހެނދުނު 6 ޖެހިއިރެވެ.
ގާނޫނު އަސާސީގެ 123 ވަނަ މާއްދާގެ ހ. ގައި އޮންނަނީ "ރައީސުލްޖުމްހޫރިއްޔާ އަށް އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން ޢުޛުރުވެރިވެއްޖެ ކަމަށް ގަބޫލުކުރެވިއްޖެނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙަވާލުކުރާންވާނެ،" ކަމަށެވެ.
ރައީސް ތައިރޮއިޑް ފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވީ މިމަހުގެ 23 ވަނަ ދުވަހުއެވެ.