ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މާދަމާ ހެނދުނު ތައިރޮއިޑްގެ އޮޕަރޭޝަނެއް ފުރިހަމަކުރައްވަން ހަމަޖެހިފައިވާތީ, ވެރިކަމުގެ ބާރުތައް ވަގުތީ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމާ ހަވާލުކުރައްވައިފިއެވެ.
އެކަމާގުޅިގެން ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, އޮޕަރޭޝަން ކުރާ ވަގުތު ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކާ ހަވާލުވެވަޑައިގަންނަވާނީ ނައިބު ފައިސަލް ނަސީމް ކަމަށެވެ. އެކަން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަންގަވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ. ރައީސް ވިދާޅުވީ ވަރަށް އަވަހަށް މަސައްކަތަށް އެނބުރި ވަޑައިގެންނެވޭނެކަމަށް އުންމީދުކުރައްވާކަމަށެވެ.
ރައީސް ތައިރޮއިޑް ފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވީ މިމަހުގެ 23 ވަނަ ދުވަހުއެވެ.
މިއީ ރާއްޖޭގެ ތާރީޚުގައި މިގޮތަށް ވެރިކަމުގެ ބާރުތައް ނައިބު ރައީސަށް ބަދަލުކުރައްވާ ފުރަތަމަ ފަހަރެވެ.
އެމަނިކުފާނުގެ މި ޓްވީޓާއެކު ގިނަ ބަޔަކު ދަނީ އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދި ދުއާކުރަމުންނެވެ.
ރައީސް ސޯލިހު ދާދި ފަހުންވެސް ނުރަސްމީ ދަތުރުފުޅެއްގައި އަނބިކަނބަލުން ފަޒްނާ އަހުމަދާއެކު ސިންގަޕޫރަށް ވަޑައިގަންނަވާފައިވެއެވެ.