މުޅި ދުނިޔެ ކޮވިޑް-19ގެ ބަލިމަޑުކަމާއި ކުރިމަތިލާން ޖެހުނުތާ މިއަހަރުގެ މާރޗް 11 ވަނަ ދުވަހަށް ދެއަހަރު ފުރޭނެއެވެ. މި ބަލިމަޑުކަމާއި ދުނިޔެ ކުރިމަތިލާން ޖެހުނު ހިސާބުން އެކި އިދާރާތަކާއި ސިއްހީ މާހިރުން ގުޅިގެން ފެށި އެންމެ ބޮޑު އެއް މަސައްކަތަކީ ވެކްސިން އުފެއްދުމެވެ. މި ވަބާއިން ސަލާމަތްވުމަށްޓަކައެވެ. އެގޮތުގެ މަތީން ގިނަ ގައުމުތަކަކުން ވެކްސިން ތައްޔާރުކުރުމަށް އަތުކުރި އޮޅާލިއެވެ. އެއާއެކު ތަފާތު އެކި ނަންނަމުގައި ވެކްސިންތައް ތައްޔާރުކުރެވުނެވެ.
ރާއްޖޭގައިވެސް ޚާއްސަ ކެމްޕޭނެއް ފަށައިގެން ވެކްސިން ޖަހަން ފެށިއެވެ. ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާތާ އަށް ހަފްތާ ފަހުން ދެވަނަ ޑޯޒެއް ޖަހައެވެ. އޭރު މާލެ ސަރަހައްދުން އަތޮޅުތެރޭގެ ރަށްތަކަށް އިތުރު ތަކުލީފަކާއި ނުލާ ދަތުރު ކުރެވެނީވެސް ދެޑޯޒު ޖަހައިގެންނެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން އަނެއްކާ ތިންވަނަ ޑޯޒެއް ޖަހަން ޖެހުނެވެ. ބޫސްޓަރ ޑޮޒުގެ ނަމުގައެވެ. މިހާރު ރަށްތަކަށް ދަތުރުކުރުމުގައިވެސް ބޫސްޓަރ ޑޯޒު ޖަހާފައިވޭތޯ ބަލައެވެ. އެހެންކަމުން ދެވަނަ ޑޯޒު ފަދައިން ތިންވަނަ ޑޯޒު ނުވަތަ ބޫސްޓަރ ޑޯޒެއް ޖެހުމަށްވެސް މިހާރު މިވަނީ ޖެހިފައެވެ.
ނަމަވެސް މި ވެކްސިންތަކުގެ ސަބަބުން 100 އިންސައްތަ ރައްކާތެރިކަން ލިބޭކަން މިހާތަނަށް ހެދި އެއްވެސް ދިރާސާއަކުން އެނގިފައެއް ނުވެއެވެ. އޭގެ ބަދަލުގައި މި ވެކްސިންތަކުގެ ޑޯޒުތަކުން ބަލި ޖެހުމުން މީހާއަށް އޭގެން ކުރާ އަސަރު ކުޑަކޮށްދެއެވެ.
ބޭނުންވާ ފަރާތްތަކުން އެކަނި ޖަހާގޮތަށް ފެށުނު ބޫސްޓަރ ޑޯޒުވެސް މިހާރު އާންމުވެފައި ވާއިރު، ހަތަރުވަނަ ޑޯޒެއް ޖެހުމުގެ ވާހަކަތައްވެސް މިހާރު މިވަނީ ފެންމަތިވެފައެވެ. ބައެއް ގައުމުތަކުން މިހާރު އަންނަނީ ހަތަރު ވަނަ ޑޯޒެއް ޖަހަން ޖެހޭނެތޯ ނުވަތަ ހަތަރުވަނަ ޑޯޒު ޖަހަން ޖެހޭނީ ކޮން އިރަކުންތޯ ބަލާ ދިރާސާ ކުރަމުންނެވެ.
އެގޮތުން އެންމެ ފުރަތަމަ ހަތަރުވަނަ ޑޮޒެއް ޖެހުމަށް ހުޅުވާލާފައިވަނީ އިޒްރޭލުންނެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި އެގައުމުން ވަނީ 60 އަހަރުން މަތީގެ މީހުންނާއި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ހަތަރުވަނަ ޑޯޒު ދިނުމަށް ހުޅުވާލާފައެވެ. އިޒްރޭލުން ހަތަރުވަނަ ޑޯޒު ޖަހަނީ ތިންވަނަ ޑޯޒު ޖަހާތާ އެންމެ މަދުވެގެންވެސް ހަތަރު މަސްވެފައިވާ މީހުންގެ ގަޔަށެވެ.
ދާދި ފަހުން މިދިޔަ ހަފްތާގެ ތެރޭގައި ސްވިޑެންގެ ޕަބްލިކް ހެލްތު އެޖެންސީންވެސް ވަނީ އުމުރުން 80 އަހަރުން މަތީގެ މީހުންނަށް ދެވަނަ ބޫސްޓަރ ޑޯޒެއް، ނުވަތަ ހަތަރުވަ ޑޯޒެއް ދިނުމަށް ނިންމާފައެވެ. އަދި އިނގިރޭސިވިލާތުގެ ޑިޕަރޓްމެންޓް އޮފް ހެލްތު އެންޑް ސޯޝަލް ކެއަރއިން ވަނީ 75 އަހަރުން މަތީގެ މީހުންނަށް ހަތަރު ވަނަ ޑޯޒެއް ދިނުމަށް މިދިޔަ ހޯމަ ދުވަހު ހުށަހަޅާފައެވެ.
ބައެއް ގައުމުތަކުން ހަތަރުވަނަ ޑޯޒެއްގެ ވާހަކަ ފަށާފައިވާއިރު، ގިނަ ގައުމުތަކަކުން އިތުރު ބޫސްޓަރ ޑޯޒެއް ޖަހަން ފަށައިފިނަމަ ރާއްޖެއިންވެސް ހަތަރުވަނަ ޑޯޒު ޖަހަން ފެށުމާއި ގާތެވެ. ސުވާލަކީ މި ޑޯޒުތައް ޖަހައިގެންވިޔަސް ކޮވިޑުގެ ބަލިމަޑުކަމުން ސަލާމަތްވެ އާންމު ހާލަތަށް ރުޖޫއަވެވޭނީ ކޮން ދުވަހަކުންތޯއެވެ.