ކ. މާލެ
|
18 ފެބްރުއަރީ 2022 | ހުކުރު 13:43
ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިން
ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިން
ރޮއިޓަރސް
ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖެހުން
މާބަނޑު މީހުންނަށް ކޮވިޑްގެ ވެކްސިން ޖެހުމުން ދަރިންނަށް ރައްކާތެރިކަމެއް
މާބަނޑުވިތާ 21 ވަނަ ހަފްތާގެ ފަހުން ވެކްސިން ޖަހާފައިވާ މާބަނޑު މީހުންގެ ދަރިންނަށް 80 އިންސައްތަ ރައްކާތެރިކަން ލިބޭ

ކޮވިޑް-19 ގެ އާލަމީ ވަބާގެ ސަބަބުން މުޅި ދުނިޔެއަށް ވަނީ އެތަކެއް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައެވެ. ހަމައެކަނި ސިއްހީ ގޮތަކުން ނޫނެވެ. އިޖްތިމާއީ ގޮތުންނެވެ. އާމްދަނީ އާއި އިގްތިޞާދީ މަސައްކަތްތަކަށެވެ. އާއިލީ ގުޅުންތަކަށެވެ. ޖުމްލަ ގޮތެއްގައި ދިރިއުޅުމަށް ކުރާ ހުރިހާ ކަމަކަށްވެސް މި ބަލިމަޑުގެ ސަބަބުން ވަނީ ގިނަ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. އެހެންކަމުން މި ބަލިމަޑުކަމުން އަރައިގަތުމަށް ސިއްހީ މާހިރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެކިއެކި ފަރުވާތައް ހޯދައި ޓެސްޓު ކުރަމުންނެވެ. މީގެ ތެރެއިންވެސް އެންމެ ފާހަގަކުރެވޭ އެއް ކަމަކީ ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިނެވެ.

ތަފާތު އެކި ވެކްސިންތައް އީޖާދުކޮށް އެކި މަރުހަލާތަކުގައި ޓެސްޓު ކުރުމަށްފަހު މިހާރު އަންނަނީ މީހުންނަށް އެވެކްސިން ދެމުންނެވެ. މިއާއެކު ކޮވިޑުގެ ބަލިމަޑުކަމުން ރައްކާތެރިކަމެއް ލިބޭނެކަމަށް އުންމީދު ކުރެވޭއިރު، މި ވެކްސިން ޖެހުމުގެ ސަބަބުން ސައިޑް އިފެކްޓްތަކެއް ފެނިދާނެކަމަށްވެސް އެއްބަޔަކު ބުނެއެވެ. އަދި މީގެ ސަބަބުން ތުއްތު ކުދިންނާއި މާބަނޑު އަންހެނުންނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ބުނާ ބަޔަކުވެސް އުޅެއެވެ.

މި ވެކްސިންތަކުގެ ސަބަބުން މާބަނޑު އަންހެނުންނާއި ތުއްތު ކުދިންނަށް ކުރާ އަސަރާއި ގުޅޭގޮތުން އެމެރިކާގެ އޮކްސްފޯޑް ޔުނިވަރސިޓީގެ ސައިންޓިސްޓުން އަންނަނީ ދިރާސާތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި މާބަނޑު އަންހެނުންނަށް ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިން ދިނުމުގެ ސަބަބުން އޭނާގެ ބަނޑުގައި އޮންނަ ދަރިފުޅަށް ކުރާ އަސަރުތައް ދިރާސާކުރުންވެސް ހިމެނެއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ގިނަ ޕީޑިއެޓްރިކް ހޮސްޕިޓަލްތަކާއި އެމެރިކާގެ ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން ގުޅިގެން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި މާބަނޑު އަންހެނުން މި ވެކްސިން ޖެހުމުގެ ގިނަ ސިއްހީ ފައިދާތަކެއް އެބަހުއްޓެވެ. މީގެ ތެރޭގައި ހޮސްޕިޓަލުގައި އެޑްމިޓްކުރާ މިންވަރު މަދުވުމާއި އަލަށް އުފަންވާ ދަރިފުޅަށް އިތުރު ރައްކާތެރިކަމެއް ލިބުން ހިމެނެއެވެ.

މި ދިރާސާގައި ބޭނުންކޮށްފައިވަނީ އެޑްމިޓްކޮށްފައިވާ ހަމަހުގެ 379 ކުދިންނެވެ. މީގެ ތެރެއިން ކުއްޖެއް އެޑްމިޓްކޮށްފައިވަނީ ކޮވިޑު ޖެހިގެންނެވެ. 203 ކުއްޖަކު އެޑްމިޓްކޮށްފައިވަނީ އެހެނިހެން ބަލިތަކުގައެވެ.

މި ދިރާސާގެ ރިޕޯޓުތައް ދައްކާ ގޮތުން މާބަނޑު ދުވަސްވަރުގައި މައިމީހާ ވެކްސިން ޖެހުމުން 61 އިންސައްތަ ކުދިންނަށް ކޮވިޑުން ރައްކާތެރިކަން ލިބެއެވެ. އަދި މާބަނޑުވިތާ 21 ވަނަ ހަފްތާގެ ފަހުން ވެކްސިން ޖަހާފައިވާ މާބަނޑު މީހުންގެ ދަރިންނަށް 80 އިންސައްތަ ރައްކާތެރިކަން ލިބޭކަމަށާއި، އޭގެ ކުރިން ވެކްސިން ޖަހާފައިވާ މީހުންގެ ދަރިންނަށް 32 އިންސައްތަ ރައްކާތެރިކަން ލިބޭކަމަށް މި ދިރާސާއިން ދައްކައެވެ.

- ކޮމެންޓް