ކ. މާލެ
|
4 ޖޫން 2017 | އާދީއްތަ 04:05
މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ސިފާ އަދި ޑެޕިއުޓީ މޭޔަރ ޝަމާއު
މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ސިފާ އަދި ޑެޕިއުޓީ މޭޔަރ ޝަމާއު
ރާއްޖެ އެމްވީ
މާލޭ ސިޓީ ކައުންސިލް
މާލޭގެ މޭޔަރަކަށް ސިފާ، ޑެޕިއުޓީ މޭޔަރަކަށް ޝަމާއު
ސިފާ އަކީ ރާއްޖޭގެ ފުރަތަމަ އަންހެން މޭޔަރު
ސިފާއަށް ލިބިވަޑައިގަތީ 11 ވޯޓް
ޝަމާއު އަށް 12 ވޯޓް

މާލޭ މޭޔަރުކަމަށް، ސިޓީ ކައުންސިލްގައި ގަލޮޅު އުތުރު ދާއިރާ ތަމްސީލްކުރައްވާ ސިފާ މުހައްމަދު އަދި ޑެޕިއުޓީ މޭޔަރުކަމަށް މާފަންނު ހުޅަނގު ދާއިރާ ތަމްސީލްކުރައްވާ ޝަމާޢު ޝަރީފް އިންތިހާބު ކުރައްވައިފި އެވެ.

ސިފާ ވެގެން މިދޔައީ ރާއްޖޭގެ ފުރަތަމަ އަންހެން މޭޔަރަށެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓަރުކަން ކުރައްވާފައިވާ ސިފާއަކީ، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ވެސް ރައީސެވެ. ސިފާ އަދި ޝަމާއު އަކީ އުވިދިޔަ ކައުންސިލްގެ ވެސް މެމްބަރުންނެވެ.

މޭޔަރަކަށް ސިފާ އާއި އަދި ޑެޕިއުޓީއަކަށް ޝަމާއު އިންތިހާބު މިކުރީ ޣިޔާސުއްދީން ސްކޫލުގައި ބޭއްވި ހުވާކުރެއްވުމުގެ ދަރުބާރަށް ބޭއްވި ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގަ އެވެ.

މޭޔަރަކަށް ސިފާ އިންތިހާބު ކުރަން ފެންނިވަޑައިގަންނަވާ ކަމަށް 13 ކައުންސިލަރުންގެ ތެރެއިން 11 ބޭފުޅުން ވޯޓް ދެއްވި އެވެ. ސިފާއަށް ވޯޓް ނުދެއްވީ އެންމެ ބޭފުޅެކެވެ. އަދި އެއް ވޯޓް ބާތިލުވި އެވެ. 

ޑެޕިއުޓީ މޭޔަރަކަށް ޝަމާއު އިންތިހާބުވީ 12 މެމްބަރުންގެ ވޯޓުންނެވެ. ޝަމާއުއާ ދެކޮޅަށް ވޯޓް ދެއްވީ އެންމެ ބޭފުޅެކެވެ. 

މާލޭ ސިޓީ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ. އޭގެ ތެރެއިން އެމްޑީޕީއަށް ގޮނޑި ނުލިބުނީ ހެންވޭރު އުތުރު ދާއިރާއަށް އެކަންޏެވެ.

މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވެވަޑައިގެންފައިވާ ބޭފުޅުންނަކީ، ހުޅުހެންވޭރު ދާއިރާއަށް އާދަމް ޝަރީފް، މެދުހެންވޭރު ދާއިރާއަށް އަހްމަދު ނިޔާޒު، ހެންވޭރު ދެކުނު ދާއިރާއަށް އިބްރާހިމް މަނިކު، ހެންވޭރު އުތުރު ދާއިރާއަށް މުހައްމަދު ފިޝާވިން ސަލީމް، ގަލޮޅު އުތުރު ދާއިރާއަށް ސިފާ މުހައްމަދު، ގަލޮޅު ދެކުނު ދާއިރާއަށް ޝާހީން މަހްމޫދު، މައްޗަންގޮޅީ އުތުރު ދާއިރާ އަށް މުހައްމަދު ރަޝީދު، މައްޗަންގޮޅީ ދެކުނު ދާއިރާއަށް އަހްމަދު ޒަމީރު، މާފަންނު އުތުރު ދާއިރާއަށް މުހައްމަދު ފަޒީން، މާފަންނު ހުޅަނގު ދާއިރާއަށް ޝަމާއު ޝަރީފް މާފަންނު މެދު ދާއިރާ އަށް އަޒުރާ މޫސާ، މާފަންނު ދެކުނު ދާއިރާއަށް ހުސައިން ޝަރީފް އަދި ވިލިމާލޭ ދާއިރާ އަށް ހަމްނާ ވަހީދު އެވެ.

 

- ކޮމެންޓް