ފުވައްމުލަކު ސިޓީ ކައުންސިލްގެ ފުރަތަމަ މޭޔަރަކަށް އެމްޑީޕީގެ އަބްދުﷲ ފަލާހު ޝަރީފް އަދި ޑެޕިއުޓީ މޭޔަރު ކަމަށް އެ ޕާޓީގެ މުހައްމަދު ޟިރާރު އިންތިހާބުކޮށްފި އެެވެ.
ފުވައްމުލަކު ކައުންސިލަށް އަލަށް ހޮވުނު ކައުންސިލަރުން ހުވާކުރެއްވުމަށް ފަހު، ކައުންސިލަރާއި ޑެޕިއުޓީ ކައުންސިލް ހޮއްވެވީ މިއަދު ހަވީރު ބޭއްވި އެ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގަ އެވެ.
ފުވައްމުލަކު މޭޔަރު ފަލާހު ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ޓީވީއާ ވާހަކަ ދައްކަވަމުން ވިދާޅުވީ ފުވައްމުލަކު ސިޓީއެއްގޮތުގައި ތަރައްގީ ކުރުމަށް މަސައްކަތް ކުރަން ޖެހިފައިވަނީ ގުޅިގެން ކަމަށްވާއިރު އެންމެ ބޮޑު ގޮންޖެހުމަކީ ސިޓީއެއް އުފެއްދެވުމަށްފަހު ކައުންސިލަރުންގެ ބާރު ކުޑަކުރެއްވުން ކަމަށެވެ.
ފުވައްމުލަކު ސިޓީ ކައުންސިލަށް ވެސް ލިބިގެން ވަނީ އެހެން ސިޓީ ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބާރުތައް ކަމަށް ކަނޑައަޅައި ފުވައްމުލަކު ސިޓީގެ ބާރުތައްވެސް ރައީސް އަބްދުﷲ ޔާމީން ހަނިކުރައްވާފައިވަނީ މެއި މަހުގެ 25 ވަނަ ދުވަހުގައެވެ.
ފަލާހް ވިދާޅުވީ ފުވައްމުލަކުގެ 8 އަވަށުގެ ކައުންސިލްތައް އުވާލާލައްވައި ކައުންސިލަރުންގެ އަދަދު ކުޑަ ކުރުމަކީ ކުރިން ދެއްވި ގޮތަށް ހިދުމަތް ދެއްވުމަށް އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.
ފުވައްމުލަކު ސިޓީއަށް އިންތިޚާބުވެފައިވަނީ 3 ކައުންސިލަރުންނެވެ. އެއީ އެމްޑީޕީގެ 2 ކައުންސިލަރުންނާއި ޕީޕީއެމްގެ ކައުންސިލަރެކެވެ.