ހިތްހަލާކުވުމުގެ ސަބަބުން މީހުން މަރުވެފައި އެބަހުއްޓެވެ. ނަމަވެސް އެފަދަ ހާދިސާތައް ހިނގާފައިވަނީ ވަރަށްވެސް މަދުންނެވެ. އެހެންނަމަވެސް ކުއްލިއަކަށް މީހާގެ ޖަޒުބާތަށް އަންނަ ބަދަލުގެ އަސަރު އިންސާނާގެ ހިތަށްކުރުވައެވެ. އަދި އޭގެ ސަބަބުން ހިތުގެ މަސައްކަތް ކުރުމަށް ބަދަލުތަކެއް އައިސް ހިތް ހިނގާ މިންވަރު ލަސްވެއެވެ. މިސާލަކަށް ވަރަށް ލޯބިވާ މީހެއްގެ ކުއްލި ވަކިވުމާއެކު އެކަމުގެ އަސަރު ހިތަށް ކުރުވައެވެ.
ބްރޯކެން ހަރޓް ސިންޑްރޯމް އާ ގުޅޭގޮތުން ހެދި ދިރާސާތަކުގެ ތެރެއިން މިހާތަނަށް ޝާއިއުކޮށްފައިވާ އެއް ކަރުދާސް ލިޔުއްވި ޖޯންސް ހޮޕްކިންސް މެޑިސިންގައި މަސައްކަތްކުރައްވާ އެސިސްޓެންޓް ޕްރޮފެސަރ ޑރ އިލާން ވިޓްސްޓެއިން ވިދާޅުވީ އެންމެ ފުރަތަމަ އިންސާނާއަށް ޝޮކެއް ޖެހޭއިރު ހިތް އޮންނާނީ ވަރަށް ބަލިކޮށްކަމަށެވެ. އަދި އެންމެ ނުރައްކާތެރި ހާލަތްތަކުގައި އައިސީޔޫއިން ފަރުވާދޭން ޖެހޭކަމަށާއި ރަނގަޅަށް ފަރުވާ ނުދެވިއްޖެނަމަ އޭނާގެ ފުރާނަ ގެއްލިގެންދާނެކަމަށެވެ.
އެހެންނަމަވެސް މެރީ ބްރިޓިންގހަމް ބުނާ ގޮތުން އޭނާ އެންމެ ފުރަތަމަ ހިތް ހަލާކުވުމުގެ ކަމަކާ ކުރިމަތިލީ އުމުރުން 53 އަހަރުގައެވެ. އޭގެފަހުން އުމުރުން 56 އަހަރުގައި އަދި އޭގެ ފަހުން އުމުރުން 69 އަހަރުގައެވެ. މިއިން އެއްވެސް ފަހަރަކު މެރީގެ ހިތް ހަލާކުވީ ލޯބިވާ މީހަކު އުމުރު ދުވަހަށް ގެއްލިގެންނޫނެވެ.
"ލޯބީގެ ގޮތުން ހިތްހަލާކުވުމުގެ އެއްވެސް ކަމަކާ ދިމަލެއްނުވޭ. އެންމެ ފުރަތަމަ އެފަދަ ކަމަކާ ކުރިމަތިވީ މާބޮޑަށް ހައިރާންކަން ލިބޭ ކަމެއް ދިމާވުމުން ކުރިމަތިވި ޝޮކެއްގައި. ދެވަނަ އަށް ރުޅި އައިސްގެން ތިން ވަނަ ފަހަރު ބިރު ގަނެގެން." ލޯ ކިޔަވައިދިނުމުގައި ކުރިން ހަރަކާތްތެރިވި ޕްރޮފެސަރ މެރީ ބުންޏެވެ.
2006 ވަނަ އަހަރު މެރީ އަށް ޖެހުނީ ޖޯރޖްޓައުން ފެކަލްޓީ ގައި އޮތް ޕާޓީއެއްގައި ވާހަކަދައްކާށެވެ. ކުއްލިއަކަށް އޭނާއަށް ވާހަކަދައްކަން ޖެހުމުން ލިބުނީ ކުއްލި ހައިރާންކަމެކެވެ. އަދި 15 މިނެޓް ވާހަކަދައްކަން ޖެހުނުއިރު އެންމެ ފުރަތަމަވެސް ވާހަކަދައްކަން ޖެހުނީ މެރީއަށެވެ. އެހެންކަމުން އެކަންވީ މެރީއަށް ކުރަން ވަރަށް އުނދަގޫކަމަށެވެ. އެއީ ކުއްލިއަކަށް އެކަން ކުރަންޖެހުމުންނެވެ. އެއާއެކު މެރީއަށް އޭނާގެ މެއަށް ބާރުކުރާ ކަމުގެ އިހުސާސެއް ކުރުވިއެވެ. އެއީ އެންޒައިޓީކަމަށް ބަލާ މެރީ މާބޮޑުކަމަކަށް ނުހަދައެވެ.
ނަމަވެސް ގިނައިރުތަކެއްވަމުން ދިޔައިރުވެސް ތަދަށް ބަދަލެއް ނާންނާތީ އެންމެފަހުން ހޮސްޕިޓަލަށް ދިޔައީއެވެ. އެއީ މެރީގެ ބައްޕަވެސް އުމުރުން އެންމެ 36 އަހަރުގައި ހިތް ފެއިލްވެގެން މަރުވެފައިވާތީ އޭނާއަށްވެސް އެފަދަ ކަމެއް ދިމާވީކަމަށް ގަބޫލުކޮށްފައެވެ. ނަމަވެސް މެރީއަށް ކުރިމަތިވީ ހަރޓް އެޓޭކެއްވެސް ނޫނެވެ. ހިތް ފެއިލްވުމެއްވެސް ނޫނެވެ. އެއީ ބްރޯކެން ހަރޓް ސިންޑްރޯމްއެވެ.
ދިރާސާ ކަރުދާސް އެކުލަވާލި ޑރ އިލާން ވިދާޅުވީ ބްރޯކެން ހަރޓްގެ އަލާމާތްތަކުގެ ތެރެގައި ހިމެނެނީ ދާހިއްލުމާއި، މޭގައި ރިއްސުމާއި ނޭވާ ކުރުވުންފަދަ ހަރޓް އެޓޭކް ޖެހުމުންވެސް ފެންނަ އަލާމާތްތައްކަމަށެވެ. ނަމަވެސް ހަރޓް އެޓޭކް ޖެހުމުން ހިތުން ލޭ ގުނަވަންތަކަށް ފޯރުކޮށްދޭ އަރޓަރީ ތައް ބްލޮކްކޮށްލިނަމަވެސް ބްރޯކެން ހާރޓްގައި އެފަދަ ކަމެއް ނުވެއެވެ. އެމީހުންގެ ހިތުގެ އަރޓަރީ ތައް ހުންނަނީ އާންމުގޮތެއްގައިވެސް ހުންނަ ގޮތަށެވެ.
ލޭ ދައުރުކުރާ ލޭހޮޅި ތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ މީހުންގެ ތެރެއިން އަންހެނުންނަށް ބަލާއިރު އެމީހުންގެ ހިތުގެ މަސްތަކަށް ގެއްލުންވެފައި ހުންނަ ހުރުމަކީ ދާއިމީ ކަމަކަށް ނުވާކަމަށް ޑރ އިލާން ވިދާޅުވިއެވެ. އެމީހުންގެ ހިތުގެ މަސައްކަތްކުރުން އާންމު ހާލަތަށް ކުޑަދުވަސް ކޮޅެއްތެރޭ ނުވަތަ މަދު ހަފްތާތަކެއްގެތެރޭ އަންނަކަމަށް ޑރ އިލާން ވިދާޅުވިއެވެ.
އެންމެ ފުރަތަމަ މިކަންކަން ދިމާވާން ފެށިއިރު އެއީ ކިހިނެއްވާކަމެއްކަން ދެނެނުގަނެވުނު ނަމަވެސް ފަހުން މިސިންޑްރޯމްތައް ދެނެގަންނަން ފެށުނުކަމަށް ޑރ އިލާން ވިދާޅުވިއެވެ. އަދި އެކަމާއި ގުޅޭގޮތުން ޑރ އިލާންގެ ޓީމުން ދިރާސާތައް ކުރަން ފެށިއެވެ. 2005 ވަނަ އަހަރު އެކަމާއި ގުޅޭ ކަރުދާސްތައް ފުރަތަމަ ފަހަރަށް ޝާއިއުކުރިއެވެ.
ޑރ އިލާން ވިދާޅުވީ އޭރު މިކަމަށް ވަނަމަކަށް ދިން ނަމަކީ ބްރޯކެން ހާރޓް ސިންޑްރޯމް ކަމަށެވެ. އެއީ މެޑިސިންގެ ދާއިރާގައި މަސައްކަތްކުރާ ގިނަ މީހުން އިންސާނާގެ ޝުއޫރުތަކަށް ނުވަތަ އިންސާނާއަށް އިހުސާސްވާ އިހުސާސްވުމުގެ ސަބަބުން އެފަދަ ބޮޑު ބަދަލެއް ހިތަށް ގެނުވާނެކަމަށް ގަބޫލުނުކުރާތީއެވެ. ޑރ އިލާންގެ ޓީމުން ބޭނުންވީ މިކަމަށް އާންމުން ހޭލުންތެރިކުރުވުމަށެވެ.
ފިޒިކަލް ޓްރިގަރސް:
ސައިންސްވެރިންގެ ހޯދުންތަކުން އަދިމިހާތަނަށް ބްރޯކެން ހާރޓް ސިންޑްރަމް ދިމާވާ ސީދާ ސަބަބުތައް ދެނަގަނެވިފައެއްނުވެއެވެ. އަދި ބައެއް މީހުންނަށް ތަކުރާރުކޮށް މިކަން ދިމާވާ ސަބަބެއްވެސް ދެނެގަނެވިފައިނުވެއެވެ.
ޑރ އިލާން ވިދާޅުވީ މިކަން ދިމާވާ ސަބަބެއްކަމަށް ބެލެވެނީ އިންސާނުންނަށް ކަމެއް ދިމާވުމުން އެކަމަކާ ކުރިމަތިލުމަށް ނުވަތަ ކުރިމަތި ނުލުމަށް ސިގްނަލް ދިނުމުގެ ތެރޭގައި ދިމާވާކަމެއްގެ ގޮތުގައެވެ. އިންސާނުން ކަމަކާ ކުރިމަތިލާއިރު ހަށިގަނޑުން ކެމިކަލެއް ރިލީޒް ކުރެއެވެ. އޭގެތެރޭގައި ހިމެނެނީ އެޑްރިނާލިން، ނޮރެޑްރާލިން އަދި ޑޮޕެމިންއެވެ. އެއީ އިންސާނުންގެ ހަށިގަނޑު އެކަމަކަށް ތައްޔާރުކޮށްދިނުމަށެވެ.
2020 ވަނަ އަހަރު ކުރިޔަށްގެންދިޔަ ދިރާސާއަކުން އެނގިފައިވަނީ ހަރޓް އެޓޭކް ޖެހިގެން އެމަރޖެންސީ ރޫމަށް ގެންދާ މީހުންގެ ތެރެއިން 2 އިންސައްތަ މީހުންގެ ފުށުން މިސިންޑްރަމް ފެންނަކަމެވެ. ވަކިން ޚާއްސަކޮށް އަންހެނުންގެ ފުށުން ބްރޯކެން ހާރޓް ސިންޑްރަމް ފެންނަ މިންވަރު އިތުރެވެ. މީގެތެރޭގައި ހިމެނެނީ އިއްދައިން ކެނޑިފައި ތިބޭ އުމުރުން ދުވަސްވުމުގެ ސަބަބުން މައްސަރު ކަންތައް ދިމާވުން ހުއްޓިފައި ތިބޭ މީހުންނެވެ. އެކަމުގެ ސަބަބުން އެމީހުން ހަށިގަނޑުގައި އެސްޓްރޮޖެން ލެވެލް މަދުވެއެވެ.
ލޭ ނާރުތަކުގައި އެސްޓްރޮޖެން ދައުރުވާން ފެށުމުން ފަސޭހަކަމާއެކު ލޭ ދައުރުވެ ނާރުތައް ފުޅާވެއެވެ. އަންހެނުންގެ ހަށިގަނޑުގައި ލޭ ދައުރުވުމަށް އެސްޓްރޮޖެން މުހިންމު ރޯލެއް އަދާކުރާކަމަށް ޑރ އިލާން ވިދާޅުވިއެވެ.
ދިރާސާއިން ހާމަވެފައިވާ ގޮތުގައި ބްރޯކެން ހާރޓް ސިންޑްރަމް ދިމާވުމުގެ ފުރުސަތު އުމުރުން 55 އަހަރުން މަތީގެ އަންހެނުންނަށް ފަސް ގުނަ އިތުރެވެ.
މިހާރު ޑޮކްޓަރުންނަށް ދެނެގަނެވިފައިވަނީ ފެނިފައިވާ ކޭސްތަކުގެ ތިންބައިކުޅަ އެއް ބައި ކޭސް ގުޅިފައިވަނީ ކުއްލިއަކަށް އިންސާނާއަށް އިހުސާސްވާ އިހުސާސްވުމަކާއެވެ. ނަމަވެސް ތިންބައިކުޅަ ދެބައި ކޭސް ގުޅިފައިވަނީ ފިޒިކަލް ޓްރިގަރސް އާއެވެ. އޭގެތެރޭގައި ހިމެނެނީ ބޮޑެތި ތަދުތަކާއި، އެސްމާ އެޓޭކް، ސްޓްރޯކް، ހުން ގަދަވުން، ލޭގައި ހަކުރު ދަށްވުން، ސަރޖަރީ އަދި ނިޔުމޯނިއާއެވެ.
ޑރ އިލާން ވިދާޅުވީ އެންމެ ބޮޑަށް ބްރޯކެން ހާރޓް ސިންޑްރޮމް ދިމާވާ ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ ނިޔުމޯނިއާކަމަށެވެ.
މިކަމަކީ ކޮވިޑް-19ގެ މިޕެންޑަމިކްގައި އިތުރު ކަންބޮޑުވުންތަކެއް ހުރިކަމެއްކަމަށް ޑރ އިލާން ވިދާޅުވިއެވެ. އެއީ ކޮވިޑް-19ގެ ސަބަބުން އިންސާނާގެ ފުއްޕާމެއަށް ގެއްލުންތައް ވާއިރު އިންސާނާގެ ހަށިގަނޑުގައި ހުންނަ ކުދި ލޭނާރުތަކަށް ގެއްލުންވެ އިންސާނާގެ ހަށިގަނޑު މަސައްކަތްކުރުމަށް ހުރަސްތައް ކުރިމަތިކުރުވާތީއެވެ.
އުނދަގޫ އިހުސާސެއް
މެރީ ބްރިޓިންގހަމް ބުނާ ގޮތުން ދެވަނަ ފަހަރަށް އޭނާއަށް މިކަން އިހުސާސްކުރަން ޖެހުނީ 2009 ވަނަ އަހަރުއެވެ. އެއާއެކު މިއީ ބްރޯކެން ހާރޓް ސިންޑްރަމްކަން އޭނާއަށް އެނގިއްޖެއެވެ. އެއީ ފުރަތަމަ އެކަން ތަޖުރިބާކުރިތާ ތިން އަހަރު ފަހެވެ. މިފަހަރު އެނާ ހުރީ އެހެން އެޓަރނީއަކާ ދެކޮޅަށް ވަރުގަދަ ޒުވާބެއް ކުރުމުގެ ތެރޭގައެވެ.
"ވަރަށް އުނދަގޫ އިހުސާސެއް ކުރެވެން ފެށީ. މެދުކަށިގަނޑުގެ ކަނާތްފަރާތުން ތަދު އަރައިގެން އައިސް މެއިން ފެށިގެން ކަރާ ހިސާބަށް މައްޗަށް ތަދުއެރީ. އެހިސާބުން އެނގިއްޖެ މިއީ އެންޒައިޓީ ނޫނީ އިންޑައިޖެޝަން ނޫންކަން." މެރީ ބުންޏެވެ.
ފަސް ވަރަކަށް މިނެޓްވަންދެން އެގޮތަށް ތަދު ހުރިކަމަށް މެރީ ބުންޏެވެ. މިހާރު އޭނާ ވަނީ ރިޓަޔަރ ކޮށްފައެވެ. ނަމަވެސް މެރީ ބުނީ ސްޓްރެސް ކުރުވާ ކަންކަމާ ވީހާވެސް ދުރުވާން މަސައްކަތްކުރާކަމަށެވެ. އުމުރުން މިހާރު 70 އަހަރު ވެފައިވުމާއެކު ދެން ފަހަރަކުން މިކަން ދިމާވުމުން އޭނާ މަރުވެދާނެތޯ ސުވާލުކުރެވޭކަމަށް މެރީ ބުންޏެވެ.
އެހެންކަމުން މެރީގެ މިސުވާލުތަކަށް ޖަވާބު ހޯދުމަށް ދިޔައީ ޑރ އިލާން ކައިރިއަށެވެ. ޑރ އިލާން ވިދާޅުވީ ބައެއް މީހުންނަށް މީގެ އަށް އެޕިސޯޑްވެސް ދިމާވެ މިހާރުވެސް ސަލާމަތުން ދުނިޔޭގައި އެބަތިބި ކަމަށެވެ.
ޑރ އިލާން ވިދާޅުވީ އެންމެ ފުރަތަމަ މިކަން މީހުންނަށް ކިޔައިދޭން ފެށިއިރު މިއީ އިންސާނާއަށް ކުރިމަތިވާ ބޮޑު ހާދިސާއަކުން ނުވަތަ ކަމަކުން ވާކަމެއްކަމަށް ހީކުރެވުނު ކަމަށެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން ގިނަ ދިރާސާތަކެއް ކުރެވެމުންދިޔަ ވަރަކަށް އަދިމިއީ އެހެން ވާ ކަމެއް ނޫންކަން ދެނެގަނެވިއްޖެކަމަށެވެ. ބްރޯކެން ހާރޓް ސިންޑްރަމް އަކީ އެކި ކަންކަން އޭގެތެރޭގައި ދިރިއުޅުމުގައި ދިމާވާ ވަރަށް އާދައިގެ ކަމަކުންވެސް ދިމާވެދާނެ ކަމެކެވެ.