ޗައިނާގެ ހުޅަނގު އުތުރު ޕްރޮވިންސެއް ކަމުގައިވާ ޒިންޖިއާންގ ގައި އުއިގޫރް މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތައް އަދިވެސް ހިންގަމުންދާކަމަށް އދން ބުނެފިއެވެ.
އދ ގެ އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަނުން ނެރެފައިވާ ރިޕޯޓެއްގައި ވާގޮތުން މަސައްކަތުގެ މާހައުލުގެ ސިޔާސަތުތަކުގައި އިންތިހާ ދަރަޖައިގެ ތަފާތުކުރުންތައް އުއިގޫރް މުސްލިމުންނާއި ދެކޮޅަށް ޗައިނާއިން އަންނަނީ ގެންގުޅެމުންނެވެ. އެގޮތުން ގަދަކަމުން މަސައްކަތްކުރުވުމާއި، ގިނައިރުތަކެއް ވަންދެން މަސައްކަތްކުރުވުން ވަނީ ފާހަގަކޮށްފައެވެ.
ރިޕޯޓްގައި ވަނީ 1964 ވަނަ އަހަރު އެކުލަވާލާފައިވާ އަދި ބެއިޖިންގ އިން 1997 ވަނަ އަހަރު އަމަލުކުރަން ފަށާފައިވާ އެމްޕްލޯއިމެންޓް ޕޮލިސީ ކޮންވެންޝަންގައިވާ އެތައް މާއްދާއަކާއި ޗައިނާއިން ޚިލާފުވެފައިވާކަން ފާހަގަކޮށްފައެވެ. އޭގެތެރޭގައި މަސައްކަތްތެރިންނަށް އެމީހަކު ބޭނުން މަސައްކަތެއް އިޚުތިޔާރު ކުރުމުގެ މިނިވަންކަން ނެތްކަން ވަނީ ފާހަގަކޮށްފައެވެ.
މިރިޕޯޓްގައި 870 ސަފްހާއެއް ހިމެނޭއިރު މިރިޕޯޓްގައި އެކި ގައުމުތަކުން މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި މަސައްކަތްތެރިންގެ ހައްގުތަކަށް އަރައިގަނެފައިވާ މިންވަރާއި ގުޅޭގޮތުން ތަފްސީލީ ގޮތަކަށް ހިމަނާފައިވެއެވެ. އެގޮތުން ކުޑަކުދިން ލައްވާ މަސައްކަތްކުރުވުމާއި، ހަމަހަމަ ފުރުސަތު ނުލިބުމާއި، ވިހައިގެން ލިބެންޖެހޭ ޗުއްޓީ ނުލިބުންފަދަ ކަންކަން ވަނީ ހިމަނާފައެވެ.
މިރިޕޯޓް އެކުލަވާލާފައިވާ ކަމާބެހޭ މާހިރުންގެ ކޮމިޓީން އިންޓަރނޭޝަނަލް ޓްރޭޑް ޔޫނިއަން ކޮންފެޑެރޭޝަން (އައިޓީޔޫސީ) އަށް ފާހަގަކުރެވިފައިވާ ކަންކަން ގައުމުތަކުގެ ސަރުކާރަށް ފޮނުވާފައިވާއިރު އެކަންކަމަށް ސަރުކާރުތަކުން ދީފައިވާ ރައްދުތައް ރިޕޯޓްގައި ހިމަނާފައިވެއެވެ. އަދި އެރައްދުތަކާއި ގުޅިގެން ކޮމިޓީއަށް ފާހަގަކުރެވިފައިވާ ކަންކަންވެސް ހިމަނާފައިވެއެވެ.
ޗައިނާ އާ ގުޅޭގޮތުން ފާހަގަކޮށްފައިވާ ކަންކަން:
އައިޓީޔޫސީން ބުނެފައިވާ ގޮތުގައި ޗައިނާއިން އަންނަނީ ސިސްޓެމެޓިކް ގޮތެއްގައި ޒިންޖިއާންގ ގައި އުޅޭ މީސްކޮޅު މަދު އުއިގޫރް އާއި ޓާކިކް މުސްލިމުންގެ އިތުރުން އެހެންވެސް މުސްލިމުން ގަދަކަމުން މަސައްކަތްކުރުވުމަށް މަޖުބޫރުކުރުވުމަށް ގިނަ ކަންތައްތަކެއް ކުރަމުންނެވެ.
އެގޮތުން ޒިންޖިއާންގައި ދިރިއުޅޭ 13 މިލިއަން މީހުން އެމީހުން ގަބޫލުކުރާ ދީނާއި ނިސްބަތްވާ ދަރިކޮޅުގެ ސަބަބުން ޓާގެޓްކޮށްގެން ކަންތައްތައް ކުރަމުންދާކަމަށް އައިޓީޔޫސީން ބުނެއެވެ. ބެއިޖިންގ އިން މިކަންކަމުގެ ދިފާއުގައި ބުނެފައިވަނީ އެއީ ފަގީރުކަން ނައްތާލުމަށާއި، ތައުލީމާއި ތަމްރީނުގެ ފުރުސަތު މަސައްކަތުގެ ތެރެއިން ފޯރުކޮށްދިނުމަށް ކުރަމުންދާ ކަންތައްތަކެއް ކަމަށެވެ.
ޗައިނާއިން ހިންގަމުންދާ މިޕްރޮގްރާމްގައި ގަދަކަމުން މަސައްކަތްކުރުވުމުގައި ކޭމްޕްތަކާއި އެހެން ތަންތަނުގައި އުޅޭ އުއިގޫރް އާއި ޓާކިކް މުސްލިމުންގެ 1.8 މިލިއަން މީހުން ބޭނުންކުރެއެވެ. އިންސާނިއްޔަތާއި ޚިލާފު މިއަމަލުތައް ޖަލުތަކާއި ޒިންޖިއާންގައި މަސައްކަތްތައް ކުރަމުންދާ ތަންތަނުގެ އިތުރުން ޗައިނާގެ އެކި ހިސާބުތަކުގައި ކުރިޔަށްދާކަމަށް އައިޓީޔޫސީން ބުނެއެވެ.
އަދި ތައުލީމު ދިނުމަށްކަމަށް ބުނެ ހަދާފައިވާ ސެންޓަރުތައް ނުވަތަ ކޭމްޕްތަކަކީ މަސައްކަތްތައް ވަރަށް ބުރަ، އެއްވެސް މިނިވަންކަމެއް ނެތް، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ލާއިންސާނީ އަމަލުތައްދޭ ގޮތަށް ބައްޓަންކޮށްފައިވާ ތަންތަންކަމަށްވެސް އައިޓީޔޫސީން ބުނެއެވެ. މީގެއިތުރުން ޖަލުތަކުގައި ތިބޭ މީހުން ލައްވާ ހެދުން ފެހުމާއި ފޮތި ހެދުމާއި ފައިވާން ހެދުންފަދަ ކަންކަން ކުރުވާކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން ޒިންޖިއާންގެ ބޭރުގައި އުޅޭ އުއިގޫރް މުސްލިމުންނަށް ޗައިނާ ބަސް ދަސްކޮށްދޭ ކުލާސްތަކަކަށް ދާން މަޖުބޫރުކުރުވާ ކަމަށާއި އެކުލާސްތަކަކީ އެމީހުން ގަބޫލުކުރާ ދީން ނުވަތަ ސަގާފަތުގެ ސަބަބުން ދެވިގެންވާނެ ތަންތަން ނޫންކަމަށް ވަނީ ބުނެފައެވެ.
ޗައިނާގެ ރައްދު:
ޗައިނާ ސަރުކާރުން ވަނީ އައިޓީޔޫސީގެ މި ވާހަކަތަކަށް ރައްދުދީފައެވެ. އެގޮތުން ޗައިނާގެ ބަސް ދަސްކޮށްދޭ ކުލާސްތަކަށް ދާން ޖެހެނީ އެއީ އެމީހުންގެ ބަހުގެ ހުނަރު އިތުރުކޮށް މަސައްކަތްތެރިކަމުގެ ފެންވަރު ރަނގަޅުކުރުމަށް ކަމަށް ވަނީ ބުނެފައެވެ.
އަދި ޒިންޖިއާންގެ އުއިގޫރް އާއި އެހެންވެސް މީސްކޮޅު މަދު ގްރޫޕްތަކުގެ މީހުންނަށް މިނިމަމް ވޭޖް ނުދޭ މައްސަލައިގައި ޗައިނާއިން ބުނެފައިވަނީ މިނިމަމް ވޭޖްގެ ސިޔާސަތު ޗައިނާގެ ހުރިހާ ހިސާބެއްގައިވެސް ތަންފީޒު ކުރެވެމުންދާކަމަށެވެ. އަދި ޒިންޖިއާންގައި މަސައްކަތްކުރާ ހިޖުރަކޮށްފައި ތިބި މީހުންނަށް މިނިމަމް ވޭޖްގެ ގޮތުގައި 114 ޑޮލަރުވެސް ނުލިބޭކަމަށް ބުނެފައިވާ ވާހަކައަކީ އެއްވެސް އަސްލެއްނެތް ވާހަކައެއްކަމަށް ވަނީ ބުނެފައެވެ.
ޒިންޖިއާންގެ ސަރުކާރުން ބުނެފައިވަނީ އެތާންގައި މަސައްކަތްކުރާ ހުރިހާ މަސައްކަތްތެރިންގެ ހައްގުތައް މަސައްކަތްތެރިންގެ ސިޔާސަތުގެ ދަށުން ރައްކާތެރިކުރާ ކަމަށެވެ. އަދި ލިބޭ ޝަކުވާތައް ބަލަމުންދާކަމަށް ވަނީ ބުނެފައެވެ.
ބެއިޖިންގ އިން ވަނީ މަސައްކަތްތެރިންގެ ޝަކުވާތަކާއި މިނިމަމް ވޭޖްގެ ކަންކަން ހައްލުކުރުމަށް އިތުރު ފިޔަވަޅުތައް އަޅާނެކަމަށް ވައުދުވެފައެވެ. ޗައިނާ ސަރުކާރުން ވަނީ އެގައުމުގައި އަމަލުކުރަމުން އަންނަ ގާނޫނުތަކާއި ގަވާއިދުތަކާއި ސިޔާސަތުތަކުގެ ތަފްސީލީ މައުލޫމާތުތައްވެސް ފޯރުކޮށްދީފައެވެ. އަދި ޗައިނާގައި އުޅޭ 56 އެތްނިކް ގްރޫޕްގެ ހައްގުތައް ރައްކާތެރިކޮށް ހަމަހަމަކަމާއެކު ހައްގުތައް ރައްކާތެރިކޮށްދޭކަމަށް ޗައިނާ ސަރުކާރުން ބުނެއެވެ.