މެއި މަހުގެ 30 ވަނަ ދުވަހު ސަމާ އައިލެންޑް ރިސޯޓުން ފުރައިގެން ދަތުރުކުރި ލޯންޗެއް، ރީތިރަށް ކައިރީގައި އޮތް ދޯންޏެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާ ލިބުނު ސަމާ އައިލެންޑް ރިސޯޓުގެ މުވައްޒަފުންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށް އެ ރިސޯޓުން ބުނެފިއެވެ.
ސަމާ އައިލެންޑް ރިސޯޓްގެ މެނޭޖަރ މާރިޔާ ޝަރީފް "ރާއްޖެއެމްވީ" އަށް ވިދާޅުވީ ސަމާ އައިލެންޑް ރިސޯޓްގެ ހުރިހާ މުވައްޒަފުން ތިބެނީ ހެލްތު އިންސުއަރެންސް ކޮށްފައި ކަމަށާއި، އަދި އިންސުއަރެންސްގެ ދަށުން ކަވަރ ނުކުރެވޭ ފަރުވާއެއް ވާނަމަ އަނިޔާ ލިބުނު މުވައްޒަފަށް އެފަރުވާއެއް ދިނުމަށް އެ ރިސޯޓުން ކުރަމުންދާނެ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ސަމާ އައިލެންޑް ރިސޯޓްގެ މުވައްޒަފުން އިންސުއަރެންސް ކޮށްފައިވަނީ ސިލިންކޯ އިންސުއަރެންސްގަ އެވެ.
އެހަދިސާގައި އަނިޔާވި ބައެއް މީހުންނަށް އިތުރުފަރުވާއަށް ބޭރަށް ފޮނުވުމަށް ފައިސާ ބޭނުންވާ ކަމަށް ބުނެ، އެހީތެރިކަމަށް އެދި ސޯޝަލް މީޑިއާގައި ބައެއް ފޯސްޓްތައް ދައުރުވެފައިވަނިކޮށް، ސަމާ އައިލެންޑް ރިސޯޓުން ހޮނިހިރު ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސަމާ އައިލެންޑް ރިސޯޓްގެ 14 މުވައްޒަފުންނާއެކު ދަތުރުކުރި އެލޯންޗުގެ އެކްސިޑެންޓްގައި ޒަހަމްވެ، އަނިޔާ ލިބުނު އެ ރިސޯޓްގެ މުވައްޒަފުންގެ ހުރިހާކަމެއް އެކުންފުނިން ގާތުން ބަލަމުންދާ ކަމަށެވެ.
އެގޮތުން އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ލަފާގެ މަތިން ކުރަންޖެހޭ ހުރިހާކަމެއް ވެސް ސަމާ އައިލެންޑުން ފުރިހަމަކަމާ އެކު ކުރަމުންދާ ކަމަށް އެރިސޯޓްގެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ވަނީ އެ އެކްސިޑެންޓްގައި އަނިޔާވެ، އޭޑީކޭގައި އެޑްމިޓްކުރި 14 މުވައްޒަފުންގެ ތެރެއިން ފަސް މުވައްޒަފަކު ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާއިރު، ހަ މުވައްޒަފެއް އޭޑީކޭ ޕްރައިވެޓް ރޫމްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. އަދި ތިން މީހަކަށް އޭޑީކޭ އައިސީޔޫއިން ފަރުވާ ދެމުންދާ ކަމަށް ސަމާ އައިލެންޑް ރިސޯޓުން ނެރެފައިވާ އެބަޔާނުގައި ވެއެވެ.
ސަމާ އައިލެންޑް ރިސޯޓުން ބުނީ އަނިޔާ ލިބުނު މުވައްޒަފުންގެ ތެރެއިން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރުންގެ ލަފާ ދެއްވާފައިވާ މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައި ވެސް އެހީތެރިކަން ފޯރުކޮށްދެއްވަމުންގެންދާނެ ކަމަށް ވެސް ސަމާ އައިލެންޑް ރިސޯޓްގެ ބަޔާނުގައި ވެއެވެ.