ސެޓެލައިޓް ފޮޓޯތަކުން ފެންނަނީ އުތުރު ކޮރެއާއިން އަސްކަރީ ޕެރޭޑަކަށް ތައްޔާރުވަމުންދާ މަންޒަރުކަމަށް ވޮޝިންގޓަންގެ ތިންކް ޓޭންކަކުން ބުނެފިއެވެ.
އުތުރުކޮރެއާއަށް ލިބިފައިވާ އަސްކަރީ ގާބިލްކަން އިތުރުވެ ކުރިޔަށް އޮތް ދުވަސްތަކުގައި އައު މިސައިލްތަކެއް ލޯންޗުކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. ސެޓެލައިޓް ފޮޓޯތަކުން ފެންނަނީ އެތައް ސަތޭކަ ބަޔަކު ޕިޔޮންގޔަންގ ގެ މިރިމް ޕެރޭޑް ޓްރެއިނިންގ ގެ ހަރަކާތްތައް ހިންގާ ބިމުގައި ޕެރޭޑެއްގެ ގޮތަށް އެތުރި ހަރަކާތްތެރިވާ މަންޒަރެވެ. އާންމު ގޮތެއްގައި އުތުރު ކޮރެއާގައި ޕެރޭޑްތައް ބާއްވަނީ އެތަނުގައެވެ.
ތިންކް ޓޭންކުގެ ރިޕޯޓްގައި ފާހަގަކޮށްފައިވަނީ 240ށް ވުރެ ގިނަ ބަސް އެސަރަހައްދުގައި ޕާކުކޮށްފައިވާކަމަށެވެ. ނަމަވެސް ބެލެސްޓިކް މިސައިލްފަދަ އެއްވެސް ބަރު ހަތިޔާރެއް ނުފެންނަކަމަށެވެ.
ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ މިއީ ކުރިޔަށް އޮތް ތަނުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެގެން ކުރިޔަށްގެންދާ އަސްކަރީ ހަރަކާތަކަށް ވުން ވަރަށް ގާތްކަމަށެވެ.
މިރިޕޯޓް އައިސްފައިމިވަނީ އުތުރުކޮރެއާ އާއި ގުޅުންހުރި ޚަބަރުތައް ގެންނަ ނިއުސް އެޖެންސީ އެއްކަމުގައިވާ އެންކޭ ނިއުސްއިންވެސް އަސްކަރީ ޕެރޭޑެއްގެ ތައްޔާރީތައް އުތުރުކޮރެއާއިން ކުރަމުންދާކަމަށް ރިޕޯޓްކޮށްފައިވަނިކޮށެވެ.
އުތުރުކޮރެއާއިން އަންނަނީ އެގައުމުގެ ލީޑަރ ކިމް ޖޮންގ އުންގެ އަވަހާރަވެފައިވާ ބައްޕާފުޅު އަދި އެގައުމުގެ ކުރީގެ ލީޑަރ ކިމް ޖޮންގ 2 ވަނައިގެ 80 ވަނަ އުފަންދުވަސް ފެބްރުއަރީ 16 ގައި ފާހަގަކުރުމަށް ތައްޔާރުވަމުންނެވެ. އަދި މިހާރުގެ ލީޑަރ ކިމްގެ ކާފާފުޅު އަދި އުތުރުކޮރެއާގެ ފައުންޑަރ ގެ 110 ވަނަ އުފަންދުވަސް އޭޕްރީލް 15 ގައި ފާހަގަކުރުމަށް ތައްޔާރުވަމުންނެވެ.
މިދެދުވަހަކީ އުތުރުކޮރެއާގައި ބަންދު ދެ ދުވަހެވެ. އަދި އަސްކަރީ ޕެރޭޑްތަކާއި އެނޫންވެސް ބޮޑެތި އިވެންޓްތައް އެދެދުވަހު ކުރިޔަށް ގެންދެއެވެ. އުތުރުކޮރެއާއަށް ލިބިފައިވާ އަސްކަރީ ކުޅަދާނަކަން އެޕެރޭޑްތަކުގައި ދައްކާލައެވެ.
އުތުރުކޮރެއާއިން މިއަހަރު އެފަދަ ހަރަކާތެއް ބާއްވަން އުޅޭކަން އަދި ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް އެންމެ ފަހުން ބާއްވާފައިވާ މިފަދަ ޕެރޭޑްތަކަށް އެތައް މަހެއްވަންދެން ޕްރެކްޓިސްކޮށްފައިވެއެވެ.
އުތުރުކޮރެއާއިން ވަނީ ބެލެސްޓިކް 9 މިސައިލެއް ހަމައެކަނި ޖެނުއަރީ މަހުގެ ތެރޭގައި ޓެސްޓްކޮށްފައެވެ. އޭގެ ތެރޭގައި އައު ވައްތަރެއްގެ ހައިޕަރސޮނިކް މިސައިލެއްވެސް ހިމެނެއެވެ. މިއާއެކު ބައިނަލްއަގްވާމީ މުޖުތަމައުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ވަކިން ޚާއްސަކޮށް ދެކުނު ކޮރެއާގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.