ތަފާތު ޖަރީމާތައް ހިންގާ މަދު ބަޔަކު ރާއްޖެ އާއި ލަންކާއާ ދެމެދު ދަތުރުކޮށް ހަދާ ކަމަށާއި ދެ ގައުމުން ގުޅިގެން އެކަން ހުއްޓުވަންޖެހޭ ކަމަށް ލަންކާގެ ރައީސް މައިތިރިޕަލަ ސިރިސެނާ ވިދާޅުވެއްޖެއެވެ.
ސިރިސެނާ މިހެން ވިދާޅުވީ ލަންކާ އަށް ކުރަމުންދާ ވިއްސާރައިގައި އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ހާލުގައި ޖެހުމާ ގުޅިގެން ރާއްޖޭގެ ސަރުކާރުގެ މަންދޫބެއްގެ ގޮތުގައި ލަންކާ އަށް ވަޑައިގެންނެވި ޚާރިޖީ ވަޒީރު ޑރ. މުހައްމަދު އާސިމްއާ ބައްދަލުކުރައްވައެވެ.
މި ބައްދަލުކުރެއްވުމާ ބެހޭ ގޮތުން ލަންކާގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ތަފާތު ޖަރީމާތައް ހިންގާ މީހުން ދެ ގައުމުގެ ދެމެދުގައި ދަތުރުކުރުމުގެ މައްސަލައާ ގުޅިގެން ސިރިސެނާ ފާޅުކުރެއްވި ކަންބޮޑުވުމަށް ހައްލެއް ހޯދުމަށް ދިވެހި ސަރުކާރުން ކަމާ ބެހޭ ފަރާތްތަކާ އެކު މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ އަރުވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ސިރިސެނާ ވަނީ ރާއްޖެ އާއި ލަންކާއާ ދެމެދު އޮންނަ ގާތް ގުޅުން ފާހަގަކުރައްވައި އެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭ ގޮތުން މަސައްކަތްކުރައްވާފައެވެ.
ސިރިސެނާ ވިދާޅުވީ ލަންކާ އަށް ހިތާމަވެރި ހާދިސާއެއް ދިމާވާ އިރު ބޭރުގެ ގައުމުތަކުން ފަސޭހަކަމާ އެކު އެހީތެރިކަން ފޯރުކޮށްދެނީ ގައުމުތަކާ ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުން ކަމަށެވެ.
މި ބައްދަލު ކޮށްލެއްވުމުގައި ސްރީލަންކާގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ސްރީލަންކާއަށް ކުރިމަތިވެފައިވާ ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރުން އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށްޓަކައި ޝުކުރު އަދާ ކުރެއްވިއެވެ. އަދި ރާއްޖެ އާއި ސްރީލަންކާއާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމުގެ މައްޗަށް ބައްލަވައިލައްވަމުން، މި ގުޅުން އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ސްރީލަންކާގެ ރައީސާއި، ރައީސުލްޖުމްހޫރިއްޔާގެ މަންދޫބު މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެޤައުމުގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވެ، ބައެއް ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެންދިޔުމުގެ ހާދިސާއާ ގުޅިގެން، ދިވެހި ސަރުކާރާއި، ރައްޔިތުންގެ ފަރާތުން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބު ތައުޒިޔާ އާއި ހަމްދަރުދީ ވިދާޅުވިއެވެ. އަދި، މި ހާދިސާގައި ގެއްލުންވި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސްރީލަންކާ ސަރުކާރުން އެޅުއްވި އަވަސް ފިޔަވަޅަށް ތައުރީފު ކުރައްވައި، މި ހިތާމަވެރި ހާދިސާގެ ސަބަބުން ކުރިމަތިވެފައިވާ ގެއްލުންތަކުން އަރައިގަތުމަށް ސްރީލަންކާގައި ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކާމިޔާބީއަށް އުއްމީދު ކުރައްވާ ކަމުގައި ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.