ކ. މާލެ
|
9 ފެބްރުއަރީ 2022 | ބުދަ 05:37
މެލޭޝިޔާގެ ރެސްޓޯރެންޓެއްގައި ޚިދުމަތްދެމުންދަނީ
މެލޭޝިޔާގެ ރެސްޓޯރެންޓެއްގައި ޚިދުމަތްދެމުންދަނީ
ރޮއިޓަރސް
ކޮވިޑް-19 މެލޭޝިޔާގެ ހާލަތު
ދެ އަހަރަށްފަހު މެލޭޝިޔާގެ ބޯޑަރުތައް މާރޗް މަހު ހުޅުވާލަނީ
މެލޭޝިޔާގެ ބޯޑަރުތައް ބަންދުކޮށްފައިވަނީ 2020 ވަނަ އަހަރުގެ މަރޗް މަހު
ކަރަންޓީނުވުމަކާއި ނުލާ މެލޭޝިޔާއަށް އެތެރެ ވެވޭގޮތަށް ހެދުމަށް ވަނީ ލަފާދީފައި

ކަރަންޓީނުވުމަކާއި ނުލާ މެލޭޝިޔާއަށް އެތެރެވެވޭގޮތަށް މިއަހަރުގެ މާރޗް މަހުން ފެށިގެން ބޯޑަރުތައް އެއްކޮށް ހުޅުވާލުމަށް މެލޭޝިޔާގެ ކޮރޯނާވައިރަސް ރިކަވަރީ ކައުންސިލުން ނިންމައިފިއެވެ.

މާރޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޯޑަރުތައް އެއްކޮށް ހުޅުވާލުމަށް ކައުންސިލުން ލަފާދީފައިވާއިރު ކޮވިޑް-19 ގެ ސަބަބުން މެލޭޝިޔާގެ ބޯޑަރުތައް ބަންދުކޮށްފައިވަނީ 2020 ވަނަ އަހަރުގެ މާރޗް މަހުއެވެ. ބޯޑަރުތައް އެއްކޮށް ހުޅުވާލުމަށް ކައުންސިލުން ނިންމާފައިމިވަނީ އެޤައުމުގެ އިގްތިޞާދު އަލުން އާރާސްތުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.

މެލޭޝިޔާއިން މިނިންމުން ނިންމާފައިވާއިރު ތައިލެންޑް، ފިލިޕީންސް އަދި ސިންގަޕޫރުން ވަނީ ވެކްސިން ޖަހާފައިވާ މީހުންނަށް އެޤައުމުތަކަށް ކަރަންޓީނުވުމަކާއި ނުލާ އައުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަނެއްކޮޅުން ތައިލެންޑުން ވަނީ މެލޭޝިޔާ އާއި ޗައިނާ އާއެކު ޓްރެވަލް ބަބްލް އެއް ޤާއިމުކުރުމުގެ ވިސްނުން ގެންގުޅެމުންދާކަން ހާމަކޮށްފައެވެ.

މެލޭޝިޔާއަށް މިހާރުވެސް ކަރަންޓީނުވުމަކާއި ނުލާ ސިންގަޕޫރުގެ ރައްޔިތުންނަށް އެތެރެވެވެއެވެ. އެއީ ދެޤައުމުގެ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

އޮމިކްރޯން ވޭރިއަންޓުގެ ސަބަބުން މެލޭޝިޔާގައި ކޮވިޑްގެ ކޭސްތައް ފާއިތުވި މަސް ދުވަހުގެ ތެރޭގައި ވަނީ މައްޗަށް ޖެހިލާފައެވެ.

މެލޭޝިޔާގައި ވެކްސިން ޖަހަންޖެހޭ އާބާދީގެ 98 އިންސައްތަ މީހުން ވަނީ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި ދެބައިކުޅަ އެއްބައި މީހުން ބޫސްޓަރ ޑޯޒް ޖަހާފައިވެއެވެ. އުމުރުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން 89 އިންސައްތަ ކުދިން ވަނީ ވެންސިން ފުރިހަމަކޮށްފައެވެ. އަދި އުމުރުން 5 އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިންނަށް ފާއިތުވި ހަފްތާގައި ވެކްސިން ދޭން ވަނީ ފަށާފައެވެ.

- ކޮމެންޓް