ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ވަފުދުން މިހާރު ޖަރުމަނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ޖަރުމަނުގެ ތިއްބަވާ ޔޫރަޕިއަން ކޮމިޝަނުގެ މަންދޫބުންނާއި ބައްދަލުކުރައްވައިފިއެވެ.
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދު އިސްވެވަޑައިގެން ކުރިއަށްގެންދެވި މި ބައްދަލުކުރެއްވުމުގައި އިދިކޮޅު ފަރާތްތަކުގެ ވަފުދުން ވަނީ ރައްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުން ޔޫރަޕިއަން ކޮމިޝަނުގެ މަންދޫބުންނަށް މައުލޫމާތު ދެއްވާފައެވެ. އަދި ރާއްޖޭގައި އިންސާނީ ޙައްޤުތައް ދަށު ދަރަޖައަކަށް ވައްޓާލާފައިވާކަމާއި ސަރުކާރުން ރައްޔިތުންނަށް ދެމުން ގެންދާ އަނިޔާތަކާއި ސަރުކާރުން ޝާމިލްވެގެން ހިންގާ ވައްކަމާއި ކޮރަޕްޝަންގެ މައުލޫމާތުވެސް އެ ވަފުދުން ވަނީ ޔޫރަޕިއަން ކޮމިޝަނުގެ މަންދޫބުންނަށް ދެއްވާފައެވެ.
މީގެ އިތުރުން، މި ކަންކަން ހުއްޓުވައި ދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް ޔޫރަޕިއަން ކޮމިޝަނުގެ މަންދޫބުންގެ އަރިހުގައި ރައީސް މުޙައްމަދު ނަޝީދާއި ސިޔާސީ ޕާޓީތަކުގެ ވަފްދުގެ ބޭފުޅުން ވަނީ އެދިވަޑައިގެންފައެވެ.
ޖަރުމަނުގައި މިހާރު ހަރަކާތްތެރިވަމުންދާ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ރައީސް މުޙައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝާހިދާއި، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ގައުމީ މަޖިލިހުގެ މެމްބަރު އުމަރު އަބްދުލްރައްޒާޤާއި، ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސްގެ ނައިބު ރައީސާ އާމިނަތު ނާދިރާ އާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް އަދި ކުރިގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. އާސިމް އަޙްމަދާއި، ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމްގެ ޢާއިލާގެ ފަރާތުން އެސްޓީއޯގެ ކުރިގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމެވެ.