Advertisement
ކ. މާލެ
|
1 ޖޫން 2017 | ބުރާސްފަތި 18:32
މާލޭ ޖަލު ކައިރީގައި ހުރި ގަހެއް ވެއްޓިފައި
މާލޭ ޖަލު ކައިރީގައި ހުރި ގަހެއް ވެއްޓިފައި
މުހައްމަދު ޝަރުހާން
ރާއްޖެއަށް ކުރަމުންދާ ވިއްސާރަ
ވިއްސާރައިގައި މާލެއަށް ބައެއް ގެއްލުންތައް ވެއްޖެ
ދެ ސަރަޙައްދެއްގައި ވަނީ ގަސްވެއްޓިފަ
ބައެއް ގެތަކަށް ފެންވަދެފައިވޭ
އަތޮޅުތެރެއަށްވެސް ދަނީ ގެއްލުންތަކެއް ވަމުން

އޭޝިއާ ސަރަޙައްދަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބާރު ވަޔާއި އެކު ވާރޭވެހި، މާލެއަށް ބައެއް ގެއްލުންތައް ލިބިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރ ވިދާޅުވީ، ވައިގަދަވެ، މާލޭގެ ފަސް ސަރަޙައްދެއްގައި ހުރި ބޮޑެތި ގަސް ވެއްޓުމުގެ ސަބަބުން، ފުލުހުން ހަރަކާތްތެރި ވެފައިވާ ކަމަށެވެ.

އެގޮތުން ޗާންދަނީ މަގުގައި ހުރި ގަހެއް މިއަދު ހެނދުނު ވެއްޓިފައިވާއިރު، މާލޭޖަލު ކައިރީގައި ހުރި ގަހެއް ވެސް ވަނީ ވެއްޓިފައެވެ. އަދި އަމީރު އަހުމަދު ކައިރީ ހުރި ގަހަކާއި، އިސްލާމިކް ބޭންކް ކައިރީގައި ހުރި ގަހެއް ވެސް ވަނީ ވެއްޓިފައެވެ. މިއިން އެއްވެސް ހާދިސާއެއްގައި މީހަކަށް ނުވަތަ މުދަލަކަށް ގެއްލުންވެފައި ނުވި ނަމަވެސް ފުލުހުންގެ ޑިޓެންޝަން ސެންޓަރ، އަތޮޅުވެހި ކައިރީގައި ހުރި ގަހެއް ވެއްޓި ކާރަކަށް ވަނީ ގެއްލުން ވެފައެވެ.

ގަސްތައް ވެއްޓުމާ ގުޅިގެން، ފުލުހުންނާއި މުނިސިޕަލްޓީން ވަނީ ގަސްތައް ނަގައި މަގުތައް ސާފު ކުރުމަށް ހަރަކާތްތެރިވެފައެވެ.

މީގެ އިތުރުން ބައެއް ގެތަކަށް ފެންވަދެގެން ވެސް ގެއްލުން ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާއިރު، ވައި ގަދަވުމުގެ ސަބަބުން މާލޭގެ ބައެއް ގެތަކުގެ ފުރާޅުތަކަށްވެސް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ.

ވިއްސާރައިގައި މާލެއަށް ގެއްލުންތަކެއް ލިބިފައިވާއިރު، އަތޮޅުތެރޭގެ ގިނަ ރަށްތަކަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން އައްޑޫ ސިޓީ އާއި ގދ. ތިނަދޫ އާއި ފ. ނިލަންދޫގެ އިތުރުން ހއ. އުލިގަމާއި ބައެއް އެހެން ރަށްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް