މަސްވެރިންނާއި އޮޑިވެރިންގެ ޝަކުވާތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވާއިދު ތަންފީޒު ކުރުން މަޑުޖައްސަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ނިންމަވައިފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގަރިކަލްޗަރ އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަލަށް އެކުލަވާލި "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވާއިދު"ގެ ގިނަ ކަންކަތައްތައް ލާޒިމްކޮށްފައި ހުރީ ރާއްޖޭގެ އެތެރެ ކަނޑުން ފެށިގެން ބޭރުގައި ހަރަކާތްތެރިވާ އުޅަނދު ފަހަރަށް ކަމަށެވެ.
މިގޮތުން މިގިންތިއަށް ފެތޭ ގިނަ އުޅަނދުފަހަރަކީ ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދު ފަހަރަށް ވެފައި، މި ޤަވާއިދު އެކުލަވާލެވުނުއިރު މިނިސްޓްރީއާއި މަސްވެރިންނާއި އޮޑިވެރިންނާއި މަޝްވަރާކުރެވިފައި ނުވާ ކަމަށާއި އެހެންކަމުން މިޤަވާއިދު ތަންފީޒު ކުރުމުގައި ހުރި ދަތިތަކުގެ ޝަކުވާތައް މަސްވެރިންނާއި އޮޑިވެރިންގެ ހުރުމުން، ރައީސް ޔާމިންގެ ސަމާލުކަމަށް މިކަން ގެނައުމުން ގަވާއިދު ތަންފީޒު ކުރުން މަޑުޖައްސަވާލެއްވުމަށް ނިންމީ ކަމަށެވެ.
އަދި މިކަމާއި ގުޅޭގޮތުން މިނިސްޓްރީގެ މަޝްވަރާއި އެކު މިޤަވާއިދު އަލުން މުރާޖައާ ކުރުމަށާއި އަދި މުރާޖައާ ކުރުމުގެ މަރުހަލާގައި، ގަވާއިދުގެ ދަށުން މަސްވެރި އުޅަނޑު ފަހަރުގެ މައްޗަށް އަލަށް ލާޒިމުވެފައިވާ ކަންކަން މިހާރު ތަންފީޒު ކުރުން މަޑުޖައްސާލާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
ފިޝަރީޒް މިނިސްޓްރީން ރަށްރަށަށް ކުރި ދަތުރުގައި މި ޤަވާއިދާއި ގުޅިގެން ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.