ކ. މާލެ
|
16 ޖެނުއަރީ 2022 | އާދީއްތަ 08:27
ކަޒަކްސްތާނުގައި ހިނގި ހަމަނުޖެހުމުގައި ތަކެއްޗަށް ގެއްލުންދީ ކާރެއްގައި ރޯކޮށްލާފައި
ކަޒަކްސްތާނުގައި ހިނގި ހަމަނުޖެހުމުގައި ތަކެއްޗަށް ގެއްލުންދީ ކާރެއްގައި ރޯކޮށްލާފައި
ރޮއިޓަރސް
ކަޒަކްސްތާނުގައި ހިނގަމުންދާ ހަމަނުޖެހުން
ކަޒަކްސްތާނުގެ ހަމަނުޖެހުމުގައި މަރުވި މީހުންގެ އަދަދު 225ށް
މަރުވި މީހުންގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ 19 މީހަކު ހިމެނޭ
ހަމަނުޖެހުންތައް އެންމެ ބޮޑުވި ދުވަސްކަމުގައިވާ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު 50،000 މީހުން ހަމަނުޖެހުންތަކުގައި ބައިވެރިވެފައިވޭ

ކަޒަކްސްތާނުގައި މިދިޔަ ހަފްތާގައި ހިނގި ހަމަނުޖެހުމުގައި މަރުވި 225 މީހުންގެ ހަށިގަނޑު މޯރޗަރީއަށް ގެންގޮސްފައިވާކަމަށް އެގައުމުގެ ޕްރޮސެކިޔުޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ.

މަރުވި މީހުންގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ 19 މީހަކުވެސް ހިމެނެއެވެ. އަދި މީގެތެރޭގައި އާންމުންނާއި ހަތިޔާރު ހިފައިގެން ހަމަނުޖެހުން ހިންގުމަށް އުޅުނު މީހުންވެސް ހިމެނެއެވެ. މިމީހުންނަކީ ސަލާމަތީ ބާރުތަކުން ހަމަނުޖެހުމުގެ ތެރޭގައި ބަޑިޖަހާ މަރާލި މީހުންނެވެ. މިމީހުންގެ ތަފްސީލުތަކެއް ޕްރޮސެކިޔުޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފައެއްނުވެއެވެ.

ތެލުގެ އަގު ބޮޑުކަމަށް ބުނެ ކަޒަކްސްތާނުގައި ފެށި މުޒާހަރާތައް ވަނީ ހަމަނުޖެހުންތަކަކަށް ބަދަލުވެ މުޅި ގައުމަށް ފެތުރިފައެވެ. މުޒާހަރާ ކޮންޓްރޯލުން ނެއްޓިގެން ދިޔުމާއެކު އެޤައުމުގެ ރައީސް ވަނީ އެންމެފަހުން ޓެރަރިސްޓުންނާއި ގާނޫނާއި ޚިލާފު އަމަލުކުރަމުންދާ މީހުންގެ ގަޔަށް ބަޑިޖެހުމަށް އަސްކަރިއްޔާއަށް އަމުރުކުރައްވާފައެވެ. މިހަމަނުޖެހުމުގައި މަރުވި ކަމަށް މިހާތަނަށް ހާމަކޮށްފައިވާ އަދަދުތަކާއެކު މިއީ އެގައުމުގެ ތާރީޚުގައިވެސް މިހާތަނަށް ހިނގި އެންމެ ނުރައްކާތެރި ހަމަނުޖެހުންކަމަށް މާހިރުން ބުނެއެވެ.

ހަމަނުޖެހުންތައް އެންމެ ބޮޑުވި ދުވަސްކަމުގައިވާ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު 50،000 މީހުން ހަމަނުޖެހުންތަކުގައި ބައިވެރިވެފައިވާކަމަށް ޕްރޮސެކިޔުޓަރ ޖެނެރަލް އޮފީހުން ބުނެއެވެ. ހަމަނުޖެހުންތަކުގައި ބައިވެރިވި މީހުންވަނީ ސަރުކާރު އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މީގެއިތުރުން ކާރުތަކާއި ބޭންކުތަކާއި ފިހާރަތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

ހަމަނުޖެހުންތައް ބޮޑުވެގެން ކަޒަކްސްތާނުގެ ރައީސް ގާސިމް އެންމެ ފަހުން ރަޝިޔާގެ އެހީތެރިކަމަށް އެދިވަޑައިގެންނެވިއެވެ. އެއާއެކު ރަޝިޔާއިން ވަނީ އެގައުމުގެ އަސްކަރިއްޔާ ކަޒަކްސްތާނަށް ފޮނުވާފައެވެ.

ހަމަނުޖެހުންތަކުގައި ހައްޔަރުކުރި މީހުންނަށް އަނިޔާކުރަމުންދާ ކަމުގެ ޝަކުވާތަކާއެކު ކަޒަކްސްތާނުގެ ރައީސް މިހާރުވަނީ އެހާ ބޮޑެތި ކުށްތަކަށް އަރައި ނުގަންނަ މީހުންނަށް ރަނގަޅަށް ކަންކަންކުރުމަށް އެދިވަޑައިގަންނަވާފައެވެ.

- ކޮމެންޓް