މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އާލަމީ ވަބާގެ މި ދަނޑިވަޅުގައި އެޗްޕިއޭއާއި ކާމާ ގުޅުން ހުރި މުއައްސަސާތަކުން ބުރަ މައްސައްކަތްތަކެއް ކޮށްފައިވާކަން މިފުރުސަތުގައި ފާހަގަ ކުރަމުން މި ވާހަކަތައް ފަށައިގަންނާނަމެވެ.
އެޗްޕީއޭއިން ގިނަ މަސައްކަތްތަކެއް ކުރަމުން ދިޔަ ނަމަވެސް ނިންމާ ނިންމުންތަކަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއެވެ. ގިނ ފަހަރަށް އެ ނިންމުންތަކަކީ އާންމު ދިރުއުޅުމާ ގުޅިފައިވާ ނިންމުންތަކަށް ވުން މިއީ ފާޑުކިޔުންތައް އަމާޒުވާ ސަބަބަކަށް ވެދާނެއެވެ. އެހެންނަމަވެސް، އެއަށްވުރެ ބޮޑަަށް، ސިޔާސީ ގިނަފާރާތްތަކާއި އަދި އާންމުންގެ ތެރެއިންވެސް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެގެން ގޮސްފައިވާ އެއް ކަމަކަށް ވެގެން ގޮސްފައިވަނީ، އެޗްޕީއޭގެ ސިޔާސަތު ކަނޑައަޅާ ޓީމުގައި ތިއްބަވާ ބައެއް ޑޮކްޓަރުންނާއި، ކޮވިޑް ކާރިސާއަށް ކުރަމުންދާ ޚަރަދުތަކާއި ގުޅުންހުރި ނިންމުންތަކާއި ގުޅުވާލެވެން ހުރި ބައެއް މަގުތަކުގެ ސަބަބުންނެވެ.
އެޗްޕީއޭގައި އޮތް "ޓެގް" ޓީމުގައި ތިއްބެވި ބައެއް ޑޮކަޓްރުންގެ ހިއްސާ އޮންނަ ކްލިނިކްތަކުން ދެމުން އަންނަ ސިއްހީ ޚިދުމަތްތަކާއި، އެޗްޕީއޭގެ ނިންމުންތަކާ ގުޅިގެން ދިޔުމަކީ އާންމުންގެ ފާޑުކިޔުންތައް މިކަމަށް އަމާޒުވާ އެއް ސަބަބެވެ. މިހާރު އެންމެ ބޮޑު ޝަކުވާއަކަށްވެފަިއވަނީ ސްކޫލް ޗުއްޓީއަށް ގިނަ ބަޔަކު މާލެ އައިސް ފުރަން ފޮށި ތަންމަތި ބަނދެލިތަނާ ކުއްލިއަކަށް އައި ނިންމުމެވެ. މި ނިންމުމާއެކު ދިގު ކިޔޫތައް ކްލިނިކްތަކާއި, ސޯޝަލް ސެންޓަރު ކައިރީގައި ދަމާލިއެވެ. ރަށަށް ދާން ބޭނުންވެފައި ތިބި އެތައް ހާސް ބަޔަކު އަވަސް ވެގަތީ ޕީސީއާރް ހެދުމަށެވެ.
މިއާއެކު ކްލިނިކް ތަކުން ޕެކޭޖްތައް ހަދައި އިޝްތިހާރު ކުރަން ފެށިއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ކޮންމެ ޕީސީއާރަކީ ހަތްސަތޭކަވަރަކަށް ރުފިޔާއެވެ. ދިވެހިންނަކީ އަބަދުވެސް މިފަދަ ދަނޑިވަޅުގެ ފައިދާ ނަގަން ވަރަށް ރަނގަޅަށް އެނގޭ ބައެކެވެ.
ކޮންމެއަކަސް އެޗްޕީއޭއިން ކުއްލިގޮތަކަށް މި ނިންމި ނިންމުމަކީ ގިނަބަޔަކަށް އުފުލަން ޖެހުނު ބޮޑު ތަކުލީފެކެވެ. އެހެންނަމަވެސް މިއީ ޕީސީއާރު ޓެސްޓް ހަދާދޭ އަމިއްލަ ފަރާތްތަކަށް ބޮޑު މާލީ ފައިދާއެއް ލިބިގެންދިޔަ ނިންމުމެކެވެ. މީގެ ތެރޭގައި ކުރިން ދެންނެވި އެޗްޕީއޭގެ އިސް ބައެއް ޑޮކްޓަރުންގެ ކްލިނިކްތައްވެސް ހިމެނެއެވެ.
އެޗްޕީއޭއިން ނިންމާ ނިންމުން ވަރަސް އަވަސް އަވަހަށް ބަދަލުވެއެވެ. މިގޮތުން ދާދިފަހުން މާލޭގައި އޮތް ނައިޓް މާރކެޓް ބޭއްވުމާ ބެހޭ ގޮތުންވެސް ނިންމި ނިންމުން ހަތަރުވަރަކަށް ފަހަރު ބަދަލު ކުރިއެވެ. އެއީވެސް ދެދުވަސް ތެރޭގައެވެ. ރަށްރަށަށްދާން ޕީސީއާރް މަޖުބޫރު ކުރުމަށްފަހު 12 ގަޑިއިރުތެރޭގައި އެ ނިންމުމަށްވެސް ބަދަލުތަކެއް ގެނައެވެ. އެއަށްވުރެ ދުރަށް ޖެހިލާނަމަ އެންމެ ގަދަޔަށް ކޮވިޑް ފެތުރެމުންދަނިކޮށް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް، އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާ ކޮށްފައި އޮތް އޮތުމަށް އެޗްޕީއޭއިން ކުއްލިއަކަށް ބަދަލު ގެނައެވެ.
ކޮވިޑާއި ގުޅޭގޮތުން އަޅާފައި ފިޔަވަޅުތައް ތަންފީޒު ކުރުމުގައި އެ މުވައްސަސާގެ މައްޗަށް ނުފޫޒުތައް ފޯރާ ކަމަށް ކުރެވެމުންދާ ތުހުމަތުތަކަށް ބާރު ލިބިދޭ ގޮތަށް ބައެއް ނިންމުންތައް ނިންމާފައިވެއެވެ. މުޅި ދުނިޔެއަށް ކުރިމަތިވެގެން ގޮސްފައިވާ ކާރިސާގެ މިފަދަ ދަނޑިވަޅެއްގައި، އެޗްޕީއޭފަދަ މުހިންމު މުވައްސާއެއްގެ ލީޑަރޝިޕް ވަރަށްވެސް ހަރުދަނާ ވާންޖެހޭ ކަމުގައި ގަބޫލުކުރަން ޖެހެއެވެ.