ކޮވިޑް-19ގެ އާލަމީ ވަބާގައި ދުނިޔެ އުޅެމުންދާތާ ދެ އަހަރު ވަނީއެވެ. 2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވުހާންއިން ފެނުނު މިވައިރަސް ހަލުވިކަމާއެކު މުޅި ދުނިޔެއަށް ފެތުރި މިއީ އާލަމީ ވަބާއެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ(ޑަބްލިޔުއެޗްއޯ) އިން ކަނޑައެޅީ 2020 ވަނަ އަހަރުގެ ކުރީކޮޅުއެވެ. އޭގެފަހުން ވޭރިއަންޓަކަށްފަހު ވޭރިއަންޓެއް އައިސް އަދިވެސް ދުނިޔެއަށް ހިންދެމިލާނެ ވަގުތެއް ނުލިބެއެވެ. 2021 ވަނަ އަހަރު ނިމެނުންދިޔައިރު ދުނިޔެއަށް ދިޔައީ އޮމިކްރޯން ވޭރިއަންޓްގެ ނުރައްކާ ކުރިމަތިވަމުންނެވެ. އެކަން ރާއްޖެއަށްވެސް ވަނީ ފޯރާފައެވެ. އޮމިކްރޯން ވޭރިއަންޓް ރާއްޖެއިން ފެނިފައިވާކަން ޑިސެމްބަރ މަހު ކުރީކޮޅު އެޗްޕީއޭއިން ހާމަކުރިއެވެ. އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރުގެ ތަފާތަކީ ވޭރިއަންޓްތަކަށް އެންމެންވެސް ހޭނިފައިތިބުމެވެ.
ވައިރަސްއިން ރައްކާތެރިވުމަށް ނުވަތަ ވައިރަސް ފެތުރުން ކޮންޓްރޯލްކުރަން ކުރަންވީ ކަންކަމަކީ މިއަދު ދުނިޔެއަކަށް އައު ކަމެއް ނޫނެވެ. މިތިބީ އެންމެ ފުރަތަމަ މިވައިރަސް ފެނުނު 2020 ވަނަ އަހަރުގެ ކުރީކޮޅަކު ނޫނެވެ. މިއީ އޭގެ ދެއަހަރު ފަހެވެ. އެންމެ ކުޑަކުއްޖާވެސް ފަސޭހަކަމާއެކު ވައިރަސްއިން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންކަން ކިޔާލާނެއެވެ. ނަމަވެސް ރާއްޖެއަށް ބަލާނަމަ މިކަންކަން ކޮންޓްރޯލްކޮށް ފިޔަވަޅު އަޅަން ތިބި މީހުންނަށް އެފިޔަވަޅުތައް އަދިވެސް ދަސްނުވަނީ ތޯއްޗެކެވެ. ނުވަތަ އަދިވެސް އަޅަންވީ ފިޔަވަޅުތަކުގެ ތަރުތީބާއި ފިޔަވަޅު އަޅަންވީ ވަގުތާއި ހާލަތު ދިރާސާކުރަނީ ތޯއްޗެކެވެ.
ފިޔަވަޅުތައް އަޅަނީ ޕޮޒިޓިވްވިޓީ ރޭޓަށް ބަލައިގެންނެވެ. ދެން ހޮސްޕިޓަލްގައި އެޑްމިޓްކުރާ ރޭޓަށް ބަލައިގެންނެވެ. މިއީ އަބަދުވެސް އެޗްޕީއޭގެ ކަމާބެހޭ ފަރާތްތަކުން ނުވަތަ މިކަން ކޮންޓްރޯލްކުރުމަށް އެކުލަވާލާފައިވާ އެންމެ މަތީ ޓީމު ކަމުގައިވާ ޓެގްޓީމުން ބުނަމުން އައި ވާހަކައެވެ. ޕޮޒިޓިވިޓީ ރޭޓަކީ ހަމަ ހުރެފައި މައްޗަށްދާ އެއްޗެއް ނޫންކަން އެންމެންނަށްވެސް އެނގޭނެއެވެ. ޑިސެމްބަރ މަހުން ފަށައިގެން ރާއްޖޭގައި ކޭސްތައް ދިޔައީ މަތިވަމުންނެވެ. ޑިސެމްބަރ މަހަށްފަހު ދެން އަންނާނީ ޖެނުއަރީ މަސްކަމާއި އެއީ އައު އަހަރެއްކަމާއި އައު އަހަރު ފާހަގަކުރަން ގިނަ ބަޔަކު ތަންތަނަށް އެއްވާނެކަން އެއީ އެންމެންނަށްވެސް އެނގޭކަމެކެވެ. ހަމައެހެންމެ ޑިސެމްބަރ މަހުގެ މެދެއްހާ ހިސާބުން ފެށިގެން ސްކޫލްތައް ބަންދުވެ ބޮޑު ޗުއްޓީއެއް ލިބޭކަމީވެސް ސިއްރުކުރެވިފައިވާ ކަމެއްނޫނެވެ. މިހުރިހާ ކަމަކާއެކު ގިނަ ބަޔަކު އެއްވެ އެތައް ބައިވަރު ކަމެއްކުރާނެ ކަމާއި އެއްތަނުން އަނެއްތަނަށް ދަތުރުކުރާ މިންވަރު އިތުރުވާނެ ކަމީވެސް ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކަށްވެސް އެނގޭކަންކަމެވެ. އަދި މިހުރިހާ ކަމަކާއެކު ކުރިމަތިވެފައިވާ ކޮވިޑްގެ އައު ވޭރިއަންޓްކަމުގައިވާ އޮމިކްރޯން އާއެކު ހާލަތު އިތުރަށް ގޯސްވެދާނެކަމީ ޓެގްޓީމަށް މާބޮޑަށްވެސް އެނގޭނެ ކަމެކެވެ.
އޮމިކްރޯން ވޭރިއަންޓް ފެނިގެން ހަތް ގައުމަކުން މީހުން އައުން މަނާކުރުން ފިޔަވައި ސީރިއަސް ފިޔަވަޅުތަކެއް އެޅިތަނެއް ނުފެނެއެވެ. ރާއްޖޭގެ ބޯޑަރު އޮތީ ތަންމިނަށް ހުޅުވާލާފައެވެ. ޕީސީއާރު ޓެސްޓް ހަދައިގެން އައި ކަމުގައިވިޔަސް އައު އަހަރާ ދިމާކޮށް ޓޫރިސްޓުން ދާހުރިހާ ތަނެއްހެން އޮތީ ފުލްވެފައެވެ. އެހުރިހާ ކަމަކާއެކު މައްޗަށް އަރަމުންދިޔަ ނަންބަރުތަކާއެކު ލިބެމުންދިޔަ އިންޒާރުގެ ސިގްނަލަށް މާބޮޑު ސަމާލުކަމެއް ދިން ތަނެއް ނުފެނެއެވެ. ނަމަވެސް ބޮޑު ޗުއްޓީއަކަށް މީހުން އައިސް ތޮއްޖެހި ފުރަން ތައްޔާރުވި ތަނާއި އެޗްޕީއޭއިން މިވަނީ "ކުއްލި" ނިންމުމެއް ނިންމާފައެވެ. މިއީ ކުއްލި ނިންމުމެއް ނޫންކަމަށް އެޗްޕީއޭއިން ބުނަނީ މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް 5 އިންސައްތައިން މަތީގައި ހުރުމެވެ. ނަމަވެސް 5 އިންސައްތައަށް ޕޮޒިޓިވިޓީ ރޭޓް އަރާނެކަން އެޗްޕީއޭއަށް ނުވަތަ ޓެގް ޓީމަށް ހަމަ ނޭނގެނީތޯ އެއީ އެއާއެކު ދެން އުފައްދަން މަޖުބޫރު ސުވާލެވެ.
އައު އަހަރާ ދިމާކޮށް އެތައް ހާސް ބަޔަކު އެއްތާކަށް އެއްވެ ބޮޑު ޝޯވ އެއް ބާއްވައިފިއެވެ. މަގުމަތީ ބާޒާރު ބާއްވައިފިއެވެ. މިހެން ގޮސް ކިތަންމެ ކަމެކެވެ. ކުއްލިއަކަށް އެޗްޕީއޭއަށް މާލެ ސަރަަހައްދުގެ ޕޮޒިޓިވިޓީ ރޭޓް 5 އިންސައްތައަށްވުރެ މަތިވެއްޖެކަން ރޭކާލިއިރު ފުރަން ތައްޔާރުވެފައި ތިބި އެތައް ހާސް ބަޔަކު ތިބީ ޓިކެޓްވެސް ނަގައިގެންނެވެ. މާލެ ސަރަހައްދުން އަތޮޅުތަކަށް ވައިރަސް ދިޔުން ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅާއެކު އެކަމުގެ އުނދަގޫ ޖެހުނީ އަނެއްކާވެސް އާންމު ނިކަމެތި ރައްޔިތު މީހާއަށެވެ. ޕީސީއާރު ނެގެޓިވް ޓެސްޓަކާއެކު ނޫންގޮތަކަށް ދަތުރުނުކުރެވޭ ގޮތަށް ހެދުމަށްފަހު ކުރިޔަށް އޮތް ދެ ދުވަހަށް ޓިކެޓް ނަގައިގެން ތިބި މީހުންނަށް ލުއިތަކެއް ދިނީ މިކުރެވުނީ ކީއްކަން އިހުސާސްކުރެވިގެންނެވެ. ނަމަވެސް މިއާއެކުވެސް އާންމުންގެ ބޮޑު ސުވާލަކަށްވަނީ މިކުރެވެނީ ކީއްކަން އެޗްޕީއޭއަށް ހަމަ ނޭނގެނީ ހެއްޔެވެ. ކުއްލި ކުއްލިއަށް އެޗްޕީއޭއިން ނިންމާ މިފަދަ ކޮންމެ ނިންމުމަކީ އޭގެ ސީދާ އަސަރު އެތައް ހާސް ރައްޔިތުންނަކަށްކުރާ ކަމެކެވެ.
ޕީސީއާރު ޓެސްޓް ހެދުމަށް ދިގު ކިޔުތައް ދަމާލިއިރު އެތައް ގަޑިއިރަކު ޓެސްޓް ހަދަން ކިޔުތަކުގައި ތިބެން ވަނީ މަޖުބޫރުވެފައެވެ. އަވަހަށް ސާމްޕަލް ނެގޭނެ އިންތިޒާމުތަކެއް ހަމަޖެހިފައިނުވެއެވެ. ޕީސީއާރު ހިލޭ ހެދޭނެ ހުރީ މަދު ގޮތްތަކެކެވެ. ބޮޑު އަގުގައި ޕީސީއާރު ޓެސްޓް ހެދޭނެ މާލީ ތަނަވަސްކަމެއް ގިނަ ރައްޔިތުންގެ ނެތެވެ. ޗުއްޓީއަށް މާލެ އައިއިރު ބަޖެޓްގައި ޕީސީއާރު ޓެސްޓް ހެދުމެއް ނުހިމަނާނެތާއެވެ. ކުޑަކުދިންނާއެކު އެކުދިންގެ ބެލެނިވެރިންނާއި މުސްކުޅިންނާއި އެކި އުމުރުފުރައިގެ މީހުން ކިޔުތަކުގައި އެތައް ގަޑިއިރެއް ހޭދަކުރަނީ އެޗްޕީއޭގެ އެންގުމަށް ތަބާވުމަށެވެ. ނަމަވެސް އެތައް ހާސް ބަޔަކު ތޮއްޖެހިގެން އަނެއްކާވެސް މިހުށަހެޅެނީ ކޮވިޑަށް ނޫންބާއޭވެސް ހިތަށްއަރައެވެ.
އަނެއްކޮޅުން ކުއްލިއަކަށް ޕީސީއާރު ޓެސްޓް ހެދުމަށް ނިންމި ބޭފުޅުންގެ ތެރޭގައި ތިބީވެސް ޕީސީއާރު ޓެސްޓް ހަދައިދޭ ބޮޑެތި ނަންނަމުގެ މަސްލަހަތާގުޅިފައިވާ ބޭފުޅުންނެވެ. ކޮވިޑް ފެށުނީއްސުރެ ފެންނަމުންދާ މަންޒަރަކީވެސް އެޔެވެ. މިކަމުން މުއްސަނދިކަން ހޯދި އެތައް މީހެއް އެބަތިއްބެވެ. އެހެންކަމުން ކޮވިޑަކީ ވަކި ބަޔަކު ނާޖާއިޒް ފައިދާ ހޯދަން އޮންނަ ބައްޔެއްގެ ގޮތުގައި އާންމުންގެ ތެރޭގައި ވާހަކަދެއްކުމަށް ފުރުސަތު ލިބިގެންދަނީއެވެ. އަދި އެގޮތަށް ގަބޫލުކުރުމުގެ މަގުވެސް ފަހިވަނީއެވެ. ކޮވިޑަކީ ކިހާ ނުރައްކާތެރި ކަމެއްކަމާއި އެބަލިން ރައްކާތެރިވުމުގެ މުހިންމުކަން ވިސްނައިދޭން ތިބި ހިސާބުން ނިންމާ މިފަދަ ކުއްލި ނިންމުންތަކާއެކު އަނެއްކާވެސް ކޮވިޑަކީ ބަހަނާއެއްކަމުގައި ދައްކާ ވާހަކަތަކުގެ އަޑުތައް ގަދަވަނީއެވެ. ކޮވިޑާއެކު އެންމެންނަށްވެސް އުޅެންޖެހިފައިވާއިރު އެޗްޕީއޭއަށް ނުވަތަ ޓެގް ޓީމަށްވެސް އެއާއެކު އުޅެން ދަސްވާން ޖެހެއެވެ. ކުއްލި ކުއްލިއަށް އަބަދު އާންމުންނަށް ދަތިވާ ގޮތަށް ނިންމާ މިފަދަ ނިންމުންތަކާއެކު ދެ އަހަރު ވީއިރުވެސް މިފަދަ ނިންމުންތައް ނިންމާ ސަބަބު ސާފުނުވާ ހިސާބަށް ކަންކަން ދިޔުމަކީ ދެރަކަމެކެވެ.