ކ. މާލެ
|
31 މެއި 2017 | ބުދަ 20:32
ފާރިސް މައުމޫން ޕީޕީއެމްގެ ދިދައާ އެކު ނޫސްވެރިންގެ ބައްދަލުވުމެއްގައި
ފާރިސް މައުމޫން ޕީޕީއެމްގެ ދިދައާ އެކު ނޫސްވެރިންގެ ބައްދަލުވުމެއްގައި
މުހައްމަދު ޝަރުހާން
އަޙުމަދު ފާރިސް މައުމޫން
ރާއްޖެއިން ފުރަން ހުއްދަ ނުދީ، ފާރިސް އަނެއްކާވެސް ފުލުހަށް ހާޒިރުކުރަނީ
ހާޒިރުވާން އަންގާފައިވަނީ ބުރާސްފަތި ދުވަހުގެރޭ 9:30 އަށް
ހާޒިރުކުރަނީ ޕީޕީއެމްގެ ދިދަ ބޭނުންކުރި މައްސަލައިގައި
މީގެ ކުރިންވެސް އެކި ފަހަރުމަތިން ފާރިސް ހާޒިރުކޮށްފައިވޭ

އިދިކޮޅު ސިޔާސީ ހަރަކާތުގައި އިސް ދައުރެއް އަދާކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމްގެ ދަރިކަލުން، އަޙުމަދު ފާރިސް މައުމޫން އަނެއްކާ ވެސް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފިއެވެ.

މީގެ ކުރިންވެސް އެކި ފަހަރުމަތިން ފާރިސް ފުލުހަށް ހާޒިރުކޮށްފައިވާއިރު، މިފަހަރު ހާޒިރުވުމަށް އަންގާފައިވަނީ ބުރާސްފަތި ދުވަހުގެރޭ 9:30 އަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފާރިސް ފުލުހަށް ހާޒިރުކުރަނީ މޫކައި ސޫޓްސްގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ދިދަ ބޭނުންކުރި މައްސަލައިގައެވެ.

މި މައްސަލައިގައި ފާރިސް ފުލުހަށް ހާޒިރުވާން އަންގާފައިވާއިރު، ފާރިސް އާއި ގުޅޭ މައްސަލައެއް ތަހުގީގު ކުރަމުންދާތީ، ފާރިސް ޤައުމުން ބޭރަށް ފުރުމުގެ ހުއްދަ ދެވެން ނެތް ކަމަށްބުނެ ފުލުހުން ވަނީ ބުދަދުވަހު ފާރިސްއަށް ސިޓީއެއް ފޮނުވާފައެވެ.

ފުލުހުންނަށް ފާރިސް ފޮނުވާފައިވާ ސިޓީއެއްގެ ޖަވާބުގައި ބުދަދުވަހު ފުލުހުން ފާރިސްއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/FM/2017/201 އަމުރުގައިވާ މައްސަލައިގެ ތަހުގީގު ނުނިމޭތީ، ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ ފުލުހުންގެ ފަރާތުން މިވަގުތު ދެވެން ނެތް ކަމަށެވެ.

މި ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނޫފުޒު ފޯރުވަން ފާރިސް މަސައްކަތް ކުރި ކަމަށް ބުނާ މައްސަލައެކެވެ. ފާރިސްގެ މައްޗަށް ކޮށްފައިވާ އެ ތުޙުމަތުތަކަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ މައްޗަށްވެސް ތުޙުމަތު ކުރެވި ދައުވާ ކުރެވުނު މައްސަލައެވެ.  

ފާރިސްއަށް ފުރުމުގެ ހުއްދަ ދެވެން ނެތްކަމަށް ފުލުހުން ބުނެފައިވާއިރު ސަރުކާރުން ވަނީ ފާރިސް ޤައުމުން ބޭރަށް ގޮސް ފިލާފާނެ ކަމަށްބުނެ، ފާރިސްގެ ޕާސްޕޯޓް ހިފަހައްޓާފައެވެ. ފާރިސްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ފާރިސްގެ ބޮޑުދައިތަގެ ބަލިހާލަތު ހުރި ގޮތުން، ބޮޑުދައިތަ ދެކިލަން މިވަގުތު ބޮޑުދައިތަ ގާތަށް، ސިންގަޕޫރަށް ދިއުމަކީ ހަމަ ކޮންމެހެން މުހިންމު ކަމެއްކަމަށް ވިދާޅުވެ، އެ ފުރުޞަތު ދިނުމަށް ފާރިސް އެދިލައްވާފައިވެސް ވަނިކޮށެވެ.

- ކޮމެންޓް