ކ. މާލެ
|
9 ޖެނުއަރީ 2022 | އާދީއްތަ 17:19
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ޑރ މުހައްމަދު ޖަމީލް އަހުމަދު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ޑރ މުހައްމަދު ޖަމީލް އަހުމަދު
ރާއްޖެއެމްވީ
ޑރ ޖަމީލާއި ރައީސް ޔާމީން
ދެކޮޅު ނުޖެހެނީ އޭރު ދީނުގެ އަދުއްވެއްކަމަށް ވިދާޅުވެ މިއަދު ދީން ހިމާޔަތް ކުރަން ނުކުންނަވައޭ ވިދާޅުވާތީ
ރައީސް ޔާމީނަކީ އެއްވެސް ވަރަކަށް ޝުކުރުވެރިވުން ނެތް ބޭފުޅެއްކަމަށް ވިދާޅުވި
މުޅި މުޖުތަމައުގެ އަޚުލާގު ގަޑުބަޑު ކުރައްވާ ބޭފުޅެއްކަަމަށް ވިދާޅުވި
ރައީސް ޔާމީނަކީ ތާއީދެއްވެސް ނެތް ރައީސެއްކަމަށް ސިފަ ކުރެއްވި

އައިޖީއެމްއެޗް ކައިރީގައި އިތުރު ޓަވަރެއް އަޅައިގެން ވާނެ ހަމައެކަނި ކަމަކީ ކިއޫ ދިގުވުމާއި، ރައްޔިތުންނަށް އިތުރު ތަކުލީފުތަކެއް ލިބިގެންދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު ދާދި ފަހުން ވިދާޅުވި ވިދާޅުވުމަށް ކުރީގެ ނައިބްރައީސް އަދި މިހާރު ޕީޕީއެމްގެ ޚާއްސަ މުސްތަޝާރު ޑރ މުޙައްމަދު ޖަމީލު އަހުމަދު މިވަނީ ރައްދެއް ދެއްވާފައެވެ. ޑރ ޖަމީލް ވިދާޅުވަނީ ރައީސް ސޯލިޙަށް މިހާރު ވާހަކަފުޅުގެ ދެކޮޅު ހަމަޖައްސަވަންވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެ އެއްޗަކުން ނުކުންނާނީ އެ އެއްޗެއްގައި ހުރި ދިޔައެއްކަމަށް ވިދާޅުވެ، އެހާރާއި މިހާރު ދެކޮޅު ޖައްސަވަން އެނގިވަޑައިނުގަންނަވައިގެން އުޅުއްވާތީ ހަނދާނަަށް އަންނަނީ ޑރ ޖަމީލްގެ ތަޤުރީރެކެވެ.

ރައީސް ޔާމީނަކީ މުޅި މުޖުތަމައުގެ އަޚުލާގު ގަޑުބަޑުކުރައްވާ ބޭފުޅެއްކަން ފާހަގަ ކުރައްވައި، އެއީ ދައުލަތް ހަނާކޮށްލުމަށް ފޫގަޅައިގެން ހުންނެވި ބޭފުޅެއްކަމަށް ވިދާޅުވީ، ނައިބްރައީސްކަމުން ޑރ ޖަމީލް ވަކި ކުރެއްވުމާއެކު، ރައީސް ޔާމީނުގެ އަނިޔާވެރި ވަކިތަކުން މިންޖުވެވަޑައިގަތުމަށް ކަމަށް ވިދާޅުވެ އިނގިރޭސިވިލާތަށް ފިއްލަވައިގެން ވަޑައިގެން ހުންނެވި ދުވަސްވަރު ދެއްވި ތަޤުރީރެއްގައެވެ. އޭރު ޑރ ޖަމީލް ވަނީ ރައީސް ޔާމީނަކީ މަސްތުވާތަކެއްޗާއި ހަށިވިއްކުން ފަދަ ފާހިޝް ކަންކަމަށް ހިތްވަރު ދެއްވާ، އަދި ނުވިތާކަށް މާތްވެގެންވާ އިސްލާމް ދީނުގެ އަދުއްވެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

އެހެންނަމަވެސް، މިއަދު ޑރ ޖަމީލް ފެންނަމުންދަނީ ދީނަށް ފުރައްސާރަކޮށް، ފާޙިޝް ކަންކަމަށް ހިތްވަރުދެއްވާކަމަށް އަމިއްލަފުޅަށް އެ ވިދާޅުވާ ރައީސް ޔާމީނުގެ ފަހަތްޕުޅުގައި އެމަނިކުފާުގެ ހިޔަނިހެންނެވެ. އެމަނިކުފާނު ދިފާއު ކުރައްވާ މަހާ ވަކީލުގެ ގޮތުގައެވެ. ރައީސް ޔާމީނަށް އަމާޒުކޮށް އަންނަ ކޮންމެ ތީރަކާއި އުންޑައެއް އަމިއްލަ މޭފުޅަށް އަމާޒު ކުރައްވަން ތައްޔާރަށެވެ. އެ ދުވަހު ރައީސް ޔާމީނަކީ އިސްލާމް ދީނުގެ އަދުއްވެއްކަމަށް ވިދާޅުވެ، މިއަދު ހަމަ އެ ރައީސް ޔާމީނާއެކު ދީން ހިމާޔަތް ކުރުމުގެ ނަމުގައި ޙަރަކާތްތަކަށް ނުކުންނެވީމާ، އެހާރާއި މިހާރު ދެކޮޅެއް ނުޖެހޭ ނޫންތޯއެވެ؟

އޭރު ޑރ ޖަމީލް ސިފަ ކުރައްވާ ގޮތުގައި ރައީސް ޔާމީނުގެ އެންމެ ބޮޑު މައްސަލައަކީ އެމަނިކުފާނު ނޫން ބޭފުޅަކަށް ގައުމުގައި ޖާގަ އޮތްކަމަށް ދެކިވަޑައިނުގަތުމެވެ. ކޯލިޝަން ލީޑަރުން ޖަލަށްލައި، ހައްޔަރުކޮށްގެން ގެންގުޅޭ ގެންގުޅުމަކީ އޭގެ މިސާލެއްކަން ފާހަގަ ކުރައްވައި ޑރ ޖަމީލް ވަނީ ރައީސް ޔާމީނަކީ ފިނޑި ބޭފުޅެއް ގޮތުގައި ސިފަ ކުރައްވާފައެވެ. ނަމަވެސް މިއަދު ފެންނަމުންދަނީ އެ ވިދާޅުވާ ފިނޑި ބޭފުޅާގެ ފަހަތުގައި ހުންނަވައި، ވެރިކަމަށް ވަޑައިގެންނެވިއްޖެނަމަ މީހުންނާ ދޭތެރޭގައި އަޅުއްވާނެ ފިޔަވަޅުތަކާއި ގުޅިގެން ޕޯޑިއަމްތަކުގައި ދައްކަވަމުން ގެންދަވާ ވާހަކަތަކަަށް އަތް ޖައްސަވަން ޑރ ޖަމީލް ހުންނަވާ ތަނެވެ. ސިޔާސީ ބަދަލު ހިފުމަކީ ރަނގަޅު ކަމެއް ނޫންކަމަށް އެއް ޕޯޑިއަމްގައި ވިދާޅުވެ، ސިޔާސީ ބަދަލު ހިއްޕަވާނެކަމަށް އިންޒާރު ދެއްވަމުން ގެންދަވާ ބޭފުޅަކަށް ލޮލުން ބޮލުން ރުހިވަޑައިގެން އެ އުޅުއްވާ ގޮތެއްވެސް ރައްޔިތުންނަކަށް ދެކޮޅެއް ނުޖެއްސެއެވެ.

އޭގެ އިތުރުން، ރައީސް ޔާމީނަކީ ވަލު ދޮރާށިން ވަދެވަޑައިގެން، ވަގު ބުޅާ މަސްގަނޑު ޖަހައިގަންނަ އުސޫލުން އަމަލު ކުރައްވާ ވެރިއެއް ކަމަށާއި، އެއީ "އަންދާ ގާނޫނު" ގައިވާ ގޮތް ނޫން ގޮތަކަށް ވެރިކަން ކުރަންވެސް އެނގިވަޑައިނުގަންނަވާ ބޭފުޅެއް ކަމަށް ޑރ ޖަމީލް ވިދާޅުވި ބަސްތައް އަދި ދިވެހިން ހަނދާނެއް ނުނެތެއެވެ. އެއްވެސް މީހަކަށް އެ ވާހަކަތައް އޮޅިފައެއް ނެތެވެ. އޮޅެނީ އެހާރާއި މިހާރު ޑރ ޖަމީލް އުޅުއްވަމުން ގެންދަވާ ގޮތެވެ. ދިމާކުރަން ނޭނގެނީ ޑރ ޖަމީލްގެ އަޑާއި މަންޒަރެވެ. އޭރު ރައީސް ޔާމީނަކީ ވަގު ބުޅަލެއްކަމަށް ވިދާޅުވެ، މިއަދު ރައީސް ޔާމީނުގެ މައްޗަށް ތުހުމަތު ކުރެވޭ ވައްކަމާއި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގައި ފަސް އެޅުއްވުމަށް އެންމެ ފުރަތަމަ ވެލިމުށް ނަންގަވާ ބޭފުޅަކަށް ޑރ ޖަމީލް ވެވަޑައިގަތީމަ، އެހާރާއި މިހާރު ދެކޮޅު ޖައްސާނެ ގޮތެއް ހަމަ ގައިމުވެސް އަޅުގަނޑަކަށް ނުވިސްނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް