ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރ ވަންގް ޔީ، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވަން ނިންމަވައިފިއެވެ.
މިނިސްޓަރ ވަންގް ޔީ ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 7ން 8 އަށެވެ. ވަންގް ޔީގެ މި ދަތުރުފުޅާއި ގުޅިގެން ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ބުނީ އެމަނިކުފާނުގެ މި ދަތުރުފުޅަކީ ޗައިނާއާ ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް 50 އަހަރު ފުރޭތީ އެކަން ފާހަގަކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އެމަނިކުފާނުގެ މި ދަތުރާއެކު ޗައިނާއާ ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަވުމަށް މަގުފަހިވެގެންދާނެއެވެ.
މިނިސްޓަރ ވަންގް ޔީގެ މި ދަތުރުފުޅާއި ގުޅިގެން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިން ވިދާޅުވީ ދެގައުމުގެ މަސައްކަތުން މި ދަތުރަކީ ކާމިޔާބު ދަތުރަކަށް ވާނެ ކަމަށް ގަބޫލުފުޅުކުރައްވާކަމަށެވެ.
މިކަމާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ޗައިނާގެ ފޮރިން މިނިސްޓަރ ވަންގް ޔީގެ މި ދަތުރުފުޅަކީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ކަންކަން ހޯސްޓްކޮށްދެއްވާނީ މިނިސްޓަރ އަބްދުﷲ ޝާހިދު ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
ވަންގް ޔީގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާ ބައްދަލުކުރައްވާ ދެގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތަކެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.