ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއެކެވެ. ވީޑިއޯއިން ފެންނަނީ ހިޔާ ފްލެޓެއްގެ އެޕާޓްމެންޓެކެވެ. ކުޑަދޮރު ކައިރީގައި ހުރީ ބަންކު ބެޑެއް ބަހައްޓާފައެވެ. ބަންކު ބެޑްގެ އެންމެ މަތީގައި ކުޑަދޮރު ކައިރީގައި ތިބީ ކުޑަ ދެކުދިންނެވެ. އެ ދެކުދިން ކުޑަދޮރު ލައްޕާފައި ހުޅުވާ މަންޒަރު ވީޑިއޯއިން ފެނެއެވެ. އެ މަންޒަރު ފެނިފައި ވީޑިއޯ ބަލާލި ކޮންމެ މީހެއްގެ ގައިން ހީބިހި ނަގައިގެންދާނެކަން ޔަގީނެވެ. އަދި މި ވީޑިއޯ އާންމުވުމާއެކު އެކި މީހުންގެ ޝުއޫރުތަކުން ސޯޝަލް މީޑިއާ ދިޔައީ ފުނިޖެހެމުންނެވެ.
އެންމެ ފުރަތަމައިނުންވެސް މިކަން ސިޔާސީ ކަމަކަށް ހެދި މީހުންވެސް މަދެއް ނޫނެވެ. ހިޔާ ފްލެޓްތަކަކީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން އަޅަން ފަށާފައިވާ ފްލެޓްތަކެއްކަމުން، މިއީ ފްލެޓްތައް އެޅުމުގައި ހުރި މައްސަލައެއް ކަމަށް ގިނަ ބަޔަކު ބުނަމުންދިޔައެވެ. އަނެއް ބަޔަކު ދިޔައީ މިއީ މައިންބަފައިން ބަލަންޖެހޭވަރަށް ނުބެލުމުން ދިމާވި ކަމެއް ކަމަށް ބުނަމުންނެވެ. އަދި މިކަން ޖެންޑަރ މިނިސްޓްރީގެ ސަމާލުކަމަށް ގެންނަންޖެހޭކަމަށް ބުނަމުންދިޔައެވެ.
ތެދެކެވެ. ރައީސް ޔާމީންގެ ސަރުކާރުގައި އަޅަންފެށި މި ފްލެޓްތަކުގައި ހުރި މައްސަލަތައް އިންތިހާއެވެ. މަސައްކަތް އެއްކޮށް ނިންމައި ފްލެޓްގެ ހައްގުވެރިންނާ އެ ފްލެޓްތައް ހަވާލުކޮށްފައިވަނީ މި ސަރުކާރުންނެވެ. އެހެންނަމަވެސް ނިންމާފައިވަނީ ކުރީ ސަރުކާރުން އެތަން ޑިޒައިން ކުރި ގޮތަށެވެ. މިގޮތުން 25 ބުރީގެ ޓަވަރުތައް ހެދިއިރު، އެތަންތަނުގައި ކޮޓަރިތައް ކުޑަކަމުގެ ޝަކުވާ އެތަނައް ބަދަލުވި އާއިލާތަކުން ކުރަމުންދެއެވެ. އެހެންނަމަވެސް އެތަންތަނަށް ބަދަލުވި ގިނަ އާއިލާތަކަކީ ބޮޑެތި އާއިލާތައްކަމުން އެކޮޓަރިތަކުގައި ބަންކު ބެޑު ބެހެއްޓުން ނޫން އިތުރު ގޮތެއްވެސް ނޯވެއެވެ. ބަންކުބެޑު ބަހައްޓަން ބަލާއިރު، ބަންކު ބެޑު ބަހައްޓާނެ އިތުރު ރަނގަޅު ތަނެއްވެސް ވަކި ނޯވެއެވެ.
އިތުރު ގޮތެއް ނެތިގެން ކަމަށްވިޔަސް އެފަދަ ތަނެއްގައި ބަންކު ބެޑު ބަހައްޓާނަމަ ވިސްނަންޖެހޭ ކަންކަން ހުރެއެވެ. އެ ގެއެއްގައި ކުޑަކުދިން އުޅޭނަމަ އެކުދިން އެތަނަކަށް އަރައި ކޮށްފާނެ ކަމަކާމެދު ވިސްނުމަކީ އެ ގެއެއްގައި އުޅޭ ބައެއްގެ ޒިންމާއެކެވެ. ކުދިން ކޮޓަރިތެރޭގައި ތިބުމުން އެހާހިސާބުން އެ ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުވެފައި އޮވެދާނެކަމަށް ނިންމައިގެން ވާން ނެތްކަން މިހާރު މިއޮތީ ވަރަށް ބޮޑަށް ސާފުވާށެވެ. ކޮންމެ ތަނަކު ކޮންމެ މީހަކާ އެކީގައި ހުއްޓަސް އެކުދިން އެކުރަނީ ކީއްކަން ބަލަންޖެހޭ ބަޔަކީ މައިންބަފައިންނެވެ.
އެހެންކަމުން މިކަން ސިޔާސީ ކޮށްލައިގެން ނިންމާލެވޭކަށް ނެތެވެ. މިކަމުގައި އޮތީ އަމިއްލަ ޒިންމާ ކަމަށް ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރަމުންދާ ގިނަ މީހުންވެސް ގެންދަނީ ބުނަމުންނެވެ. އަދި މިކަމުގައި ކަން ހިނގައިދިޔަގޮތް ޖެންޑަރ މިނިސްޓްރީން ބަލަންޖެހޭނެކަމަށް އެމީހުން ދަނީ ބުނަމުންނެވެ. އެ ކުޑަ ދޮރު ހުޅުވަން އުޅުމުގެ ތެރޭގައި ހިތާމަވެރި ހާދިސާއެއް ހިނގިނަމަ މިއަށްވުރެ ބާރަށް މި ވާހަކަތައް ދައްކާނެކަން ޔަގީނެވެ. ހަގީގަތުގައިވެސް މިކަމުގައި އޮތީ ހުސް އިހުމާލެވެ.
ހަމައެކަނި ހިޔާ ފްލެޓްތަކެއް ނޫނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް މައިންބަފައިންގެ އިހުމާލުން އެތައް ހިތާމަވެރި ހާދިސާތަކެއް މިހާތަނަށް ހިނގާފައިވެއެވެ. މިގޮތުން މިފަހަކުން ހިނގި މިފަދަ ހިތާމަވެރި އެއް ހާސިދާއަކީ އދ. އޮމަދޫގައި 11 މަހުގެ ކުއްޖަކު މަސްފެންގަނޑަކަށް ވެއްޓި ނިޔާވި ހާދިސާއެވެ. އެކުއްޖާ ވެއްޓުނީ ގާތްގަނޑަކަށް 4 ފޫޓުގެ މަސްފެންގަނޑަކަށެވެ. އެއީ އެއްވެސް ފެންސެއް ޖަހާފައިނުވާ ހާމައަށް އޮތް ފެންގަނޑެކެވެ. މިއާއެކު ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ހުއްޓިގެންދިޔައެވެ. އަދި މިފަދަ އެހެން ހާދިސާއެއް ހިނގާފާނެކަމާމެދު އިތުރަށް ސަމާލުވާންޖެހޭކަން އެނގިގެންދިޔައެވެ.