ކޮވިޑް-19އާ ދެކޮޅަށް ދުނިޔޭގެ ހުރިހާ ގައުމުތަކަކުން އަންނަނީ ހަނގުރާމަ ކުރަމުންނެވެ. މިބަލި ކޮންޓްރޯލް ކުރުމަށްޓަކައި އެކިއެކި މަސައްކަތްތައް ކުރަމުންދާއިރު، ޚާއްސަ އިސްކަމެއް ދެނީ ވެކްސިނޭޝަން ޕްރޮގްރާމްތަކަށެވެ. އެއީ އެގައުމެއްގެ ބޮޑު އިންސައްތައަކަށް ވެކްސިން ދެވިއްޖެކަމުގައިވާނަމަ ކޮވިޑް-19 ކޮންޓްރޯލް ކުރެވޭނެ ކަމަށް ސައެންސްވެރިން ބުނަމުން ގެންދާތީއެވެ. ނަމަވެސް ބަލިން ދިފާއުވުމަށް ގިނަ ވެކްސިންތަކެއް އުފައްދާ، ދެމުންދާ ދަނޑިވަޅެއްގައި އަނެއްކާވެސް ކޮވިޑް-19ގެ އައު ވޭރިއަންޓާއެކު މުޅި ދުނިޔެ މިވަނީ އެލާޓަށް އައިސްފައެވެ.
ނޮވެމްބަރު މަހުގެ ތެރޭގައި ދެކުނު އެފްރިކާގެ ސައިންސްވެރިންނަށް ދެނެގަނެވުނު އޮމިކްރޯން ވޭރިއެންޓާއެކު ހުރިހާ ގައުމުތަކުން ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ގޮވާލާފައިވެއެވެ. އެއީ އޮމިކްރޯން ވޭރިއެންޓުގެ 30ށް ވުރެ ގިނަ މިއުޓޭޝަންސް މިހާތަނަށް ފެނިފައިވާއިރު، މިވަގުތަށް ހޯދިފައިވާ މައުލޫމާތުތަކުން މި ވޭރިއެންޓްގެ ބައެއް މިއުޓޭޝަންސްތަކަކީ ކޮވިޑްބަލީގެ ހާލަތު އިތުރަށް ގޯސްކޮށްލާނެ މިއުޓޭޝަންސްތަކެއް ކަމަށް ބެލެވިފައިވާތީއެވެ. ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ލަފާކޮށް، ޑަބްލިޔުއެޗްއޯއިން ވޭރިއަންޓް އޮފް ކޮންސަރންގެ ގޮތުގައި ކަނޑައަޅުމާއެކު ގައުމުތަކުން ވަނީ ހަރުކަށި ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެގޮތުން ދަތުރުފަތުރު ކުރުމުގައި އިތުރަށް ސަމާލުވުމަށާއި، ބައެއް ގައުމުތަކަށް ދަތުރު ނުކުރެވޭ ގޮތަށް ނިންމާފައިވާ ނިންމުން ފާހަގަކޮށްލެވެއެވެ.
އޮމިކްރޯން ވޭރިއެންޓާ ގުޅޭ ގޮތުން ސައެންސްވެރިން ދަނީ އިތުރު ދިރާސާތައް ކުރަމުންނެއެވެ. ކޮންމެ ތިން ދުވަހެއްގެ ތެރޭގައި، ޕޮޒިޓިވްވާ މީހުންގެ އަދަދު ދެގުނައަށް އިތުރުވަމުންދާ ކަމަށް ދިރާސާތަކުން ވަނީ ދައްކާފައެވެ. ޑަބްލިޔުއެޗްއޯއިން ބުނެފައިވަނީ މިވޭރިއަންޓްގެ ނުރައްކާތެރިކަން ދެނެގަތުމަށް އަދިވެސް އިތުރު ޑާޓާތައް ބޭނުންވާ ކަމަށެވެ. އަދި މިވޭރިއަންޓްގެ މިޔުޓޭޝަންތަކުގެ ސަބަބުން، ވެކްސިނުން ކުރާ އަސަރު ކުޑަކުރޭތޯ ބެލުމަށް އިތުރު ދިރާސާތައް ކުރަމުންދާ ކަމަށެވެ. މިވޭރިއެންޓާއެކު ޔޫރަޕްގެ ގައުމުތަކުގެ ހާލަތު ގޯސްވާން ފަށާފައިވާއިރު، މިއީ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށާއި، ކުރިން ބަލި ޖެހި ބަލިން ރަނގަޅުވެފައިވާ މީހުންނަށް ވެސް މި ވޭރިއަންޓް ޖެހި، ހާލަތު ސީރިއަސްވާ ހިސާބަށް ދާކަން ވެސް ވަނީ ހާމަވެގެން ގޮސްފައެވެ.
އެހެންކަމުން ދުނިޔޭގެ އެކި ގައުމުތަކުން މި ވޭރިއެންޓާ ދެކޮޅަށް ޚާއްސަ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ކޮވިޑާއި ދެކޮޅަށް ވެކްސިން އުފައްދާފައިވާ ކުންފުންޏެއް ކަމަށް އެސްޓްރަޒެނެކާއިން ބުނެފައިވަނީ އޮކްސްފޯޑު ޔުނިވާސިޓީއާއި ގުޅިގެން މަސައްކަތް ފަށާފައިވާ ކަމަށާއި، މިހާރު ނަގަން ޖެހޭ ޑޭޓާތައް ނަގަމުން އަންނަ ކަމަށެވެ. އެމެރިކާގެ މޮޑާނާއިން ބުނެފައިވަނީ އޮމިކްރޯންއަށް ޚާއްސަކޮށް ބޫސްޓަރ ވެކްސިނެއް 2022 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ތައާރަފް ކުރެވޭނެ ކަމަށެވެ. އަދި ކޮވިޑް-19ގެ ގިނަ ވޭރިއަންޓްތަކަކަށް އަސަރުކުރާ އެއް ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަން ވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ. ކިއުބާގެ ސައިންސްވެރިން ވެސް ވޭރިއަންޓާ ދެކޮޅަށް ވެކްސިން އުފެއްދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި ބަޔޯއެންޓެކް، ފައިޒާ ގެ އިތުރުން ޖޯންސަން އެންޑް ޖޯންސަނުން ކޮވިޑާ ދެކޮޅަށް މިހާރު އުފައްދާފައިވާ ވެކްސިންތަކުން އޮމިކްރޯންއަށް ކުރާ އަސަރު ދެނެގަތުމުގެ މަސައްކަތް ފަށާފައިވެއެވެ. މީގެ އިތުރުން ޗައިނާގެ ސިނޮވެކް ވެކްސިންގެ ދެޑޯޒް ޖެހުމަށްފަހު ފައިޒަރ ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމުން އޮމިކްރޯން ވޭރިއަންޓުން ދިފާއުވެވޭނެ ކަމަށް ވެސް ދިރާސާއަކުން ވަނީ ދައްކާފައެވެ.
ކަމާބެހޭ ފަރާތްތަކުން ވިދާޅުވާ ގޮތުގައި އޮމިކްރޯން ވޭރިއަންޓްގައި ވެކްސިންއަށް އަސަރުކުރާ މިންވަރު ދެނެގަތުމަށް އިތުރު ވަގުތު ނަގާނެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކުރިއަށްދާނަމަ އިތުރު ބޮޑު ރާޅަކަށް ނުގޮސް ސަލާމަތްވެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އެބޭފުޅުން ވިދާޅުވެއެވެ. އިނގިރޭސިވިލާތުގެ ވެކްސިން ޓާސްކްފޯސްގެ ކުރީގެ ޗެއަރ ޑރ ކްލައިވް ޑިކްސް ވިދާޅުވީ އޮމިކްރޯން ވޭރިއަންޓާ ގުޅޭގޮތުން އަދި އެއްވެސް ކަމެއް ފައިނަލްވާވަރުގެ ޑޭޓާއެއް ލިބިފައިނުވާކަމަށެވެ. އެގޮތުން ވެކްސިން އިފެކްޓިވްނަސް ދެނެގަތުމަށް ބޭނުންވާ ސެލިއުލާ އިމިއުން ރެސްޕޯންސް މި ދިރާސާއިން ހޯދިފާ ނެތް ކަމަށް ޑރ ޑިކްސް ވިދާޅުވިއެވެ. އެހެންކަމުން މިހާރު ހަދަމުންދާ ދިރާސާތަކަކީ ނިސްބަތުން މަދު ޑޭޓާ ބޭނުންކޮށްގެން ކުރެވޭ ދިރާސާތަކެއްކަމަށް ވަނީ ވިދާޅުވިއެވެ. ޑރ ޑިކްސް އިތުރަށް ވިދާޅުވީ އޮމިކްރޯން ވޭރިއަންޓާ ގުޅޭގޮތުން ޔަގީންކަމާއެކު އެއްޗެއް ބުނަން އިތުރު މަސްދުވަހުގެ ކޭސް ޑޭޓާ ބޭނުންވާނެ ކަމަށެވެ.
އެހެންކަމުން މިއަދު ދުނިޔެ އޮތީ އޮމިކްރޯންއަށް ޚާއްސަކޮށް ތައްޔާރުކުރާ ވެކްސިންގެ އިންތިޒާރުގައެވެ. ކޭސްތައް މިލިއަނުން ފެނިދާނެ ކަމުގެ ބިރު އެބައޮތުމާއެކު ސިއްހީ ނިޒާމުގައި ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފަށައި، ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވަނީ ކުރީގެ ހާލަތަށް ދާން ބޭނުންނުވާތީއެވެ.