Advertisement
ކ. މާލެ
|
15 ޑިސެންބަރ 2021 | ބުދަ 23:13
ވިމް ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑްސް 2021 ހަފްލާގައި ރައީސް ވާހަކަފުޅު ދައްކަވަނީ
ވިމް ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑްސް 2021 ހަފްލާގައި ރައީސް ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
ވިމް ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑްސް
ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ވެގެންދާއިރު، އިޤްތިޞާދީ ގޮތުން މިހާރަށްވުރެ މާބޮޑަށް އަންހެނުން ބާރުވެރިކުރެވޭނެ: ރައީސް
ޕްލޭންގެ ތެރެއިން އެންމެ ބޮޑަށް އިސްކަން ދޭންޖެހޭ ކަންކަން ދެ އަހަރުގެ ތެރޭގައި ތަންފީޒުކުރުމަށް "ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ"ގެ ނަމުގައި ވަކި ލިސްޓެއް މިހާރު އެކުލަވާލާފައިވޭ
އަންހެނުންނަށް ހަމަހަމަ ފުރުޞަތު ހޯދައިދިނުމަކީ ސަރުކާރުން މިހާރުވެސް ތަންފީޒު ކުރަމުން އަންނަ ވަޢުދެއް

ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުވެގެންދާއިރު، އިޤްތިޞާދީ ގޮތުން މިހާރަށްވުރެ މާބޮޑަށް އަންހެނުން ބާރުވެރިކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

"ވިމް ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑްސް 2021" ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޖެންޑަރ އީކުއަލިޓީ ޕްލޭން ތަންފީޒު ވެގެންދާއިރު، އަންހެނުންނަށް ލިބޭ ގެވެށި އަނިޔާތަކުން އެކަށީގެންވާ ރައްކާތެރިކަމެއް ލިބޭނެކަމަށް ޔަޤީންކުރައްވާކަމަށެވެ. ކޮވިޑް-19ގެ ވަބާ ކުރިމަތިވެ، އިޤްތިޞާދު އަޑިއަޅާލައިގެން ދިޔައީ، 5 އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއް އެކުލަވާލައި ތަންފީޒުކުރަން ފެށިތަނާކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ސަބަބުން އެ ޕްލޭން ތަންފީޒުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވިކަން ރައީސް ފާހަގަކުރެއްވިއެވެ.

Advertisement

ރައީސް ވިދާޅުވީ އެ ޕްލޭންގެ ތެރެއިން އެންމެ ބޮޑަށް އިސްކަން ދޭންޖެހޭ ކަންކަން ދެ އަހަރުގެ ތެރޭގައި ތަންފީޒުކުރުމަށް "ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ"ގެ ނަމުގައި ވަކި ލިސްޓެއް މިހާރު އެކުލަވާލާފައިވާނެ ކަމަށެވެ.

މިދެންނެވި ލިސްޓުގައި ކުރުމަށް ކަނޑައަޅާފައިވާ އެއްކަމަކީ، ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރުން. މިއީ ދައުލަތް ހިންގުމުގެ އިސް ސަފުގައި މިންތީ ހަމަހަމަކަން ޤާއިމުކުރުމަށް އަމާޒުކޮށްފައިވާ ޕްލޭނެއް. ޤައުމީ ފެންވަރުގައި ހިންގާ ކޮންމެ ޙަރަކާތެއްގައި މިންތީ ހަމަހަމަކަން ކަށަވަރުކުރުމަކީވެސް މި ޕްލޭންގެ ވަރަށް މުހިންމު ބައެއް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ރައީސް ވިދާޅުވީ އަންހެނުން ބާރުވެރި ކުރުމާއި އަންހެނުންނަށް ފުރުޞަތުތައް ހޯދައިދިނުމަކީ މިސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއްކަމަށެވެ. މިންތީގެ ތަފާތުތައް ނައްތާލައި، ސިޔާސީ އަދި އިޖުތިމާޢީ މައިދާނުގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތު ހޯދައިދިނުމަކީ ސަރުކާރުން މިހާރުވެސް ތަންފީޒު ކުރަމުން އަންނަ ވަޢުދެއްކަމަށް ރައީސް ވިދާޅުވިއެވެ. 2021 ވަނަ އަހަރުގެ ގްލޯބަލް ޖެންޑަރ ގެޕް އިންޑެކްސްއަށް ބަލާއިރު، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މިންތީ ތަފާތުކުރުމެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާގައި މިންތީ ތަފާތުތައް ވަރަށް ބޮޑަށް ކުޑަކުރެވިއްޖެކަމަށާއި، ނަމަވެސް ސިޔާސީ އަދި އިޤްތިޞާދީ ދާއިރާއިން ރާއްޖޭގައި މިންތީ ތަފާތުތައް އަދިވެސް ބޮޑުކަމަށް ފާހަގަ ކުރެވޭކަމަށް ރައީސް ވިދާޅުވިއެވެ. މިތަފާތު ކުޑަކުރުމަށް، މިސަރުކާރުގެ ފަރާތުން ފުރަތަމަ ދުވަހުން ފެށިގެން މުހިންމު މަސައްކަތްތަކެއް މިއަންނަނީ ކުރަމުންކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންގެ ގޮތުގައި ޢައްޔަންކުރެވޭ އަންހެނުންގެ ޢަދަދު މިހާރު އަންނަނީ އިތުރުވަމުންކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ބޭރުގައި ހުންނަ ރާއްޖޭގެ ޚާރިޖީ އޮފީސްތަކުގައި، ހަމަހަމަކޮށް ތަމްސީލް ކުރައްވާނީ ދިވެހި އަންހެނުންނާއި ދިވެހި ފިރިހެނުން ތަފާތެއްނެތި ކަމަށް ރައީސް ވިދާޅުވިއެވެ.

މި ބޭނުންވާ ކުރިއެރުން ހޯދެން އޮތް އެންމެ ފަސޭހަ ގޮތަކީ، ހިންގުމުގެ ދާއިރާގައާއި ސިޔާސަތު ކަނޑައެޅުމުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށްގެންކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު ކައުންސިލްތަކުގައި މެމްބަރުންގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އަންހެނުން ކަންކަމުގައި ބައިވެރިކުރުވާ ވާހަކަ ދައްކަނީ އަންހެނުންނަކީ މުޖުތަމަޢުގެ އެއްބައި ކަމަށްވާތީ އެކަނި ނޫންކަމަށެވެ.

އަޅުގަނޑުމެން އެކަން މިކުރަނީ އެ ވިސްނުމަކުން ނޫން، އަދި އެ ބޭނުމަކުވެސް ނޫން. ފިރިހެނެއްގެ ނަޒަރުން ވިސްނިފައިނުވާ ކިތަންމެ ގޮތަކަށް، ކަންކަމާ މެދު އަންހެނުންގެ ވިސްނުން ހުރެދާނެ. މުޖުތަމަޢުގެ ކަންކަން ފިރިހެނުން ތަޖުރިބާކުރާ ގޮތާ މުޅިން ޚިލާފަށް އަންހެނުން ތަޖުރިބާކުރުމަކީ ވެދާނެ ކަމެއް. އެހެންކަމަށް ވަންޏާ، ކަންކަމާ މެދު އަންހެނުން ސުވާލު އުފައްދާ ގޮތްވެސް، އަދި އެ ސުވާލުން ނެރެން ބޭނުންވާ ނަތީޖާވެސް ތަފާތުވާނެ. ވިސްނުމާއި ތަޖުރިބާކުރުމާއި އިޙްސާސްކުރުމުގައި ހުންނަ މިފަދަ ތަފާތުތަކަށް ބަލާއިރު، ކަންކަން އިޞްލާޙްކުރުމަށް ނުވަތަ ބަދަލުކުރުމަށް އަންހެނުން ހުށަހަޅާ ހުށަހެޅުންތައްވެސް ތަފާތުވާނެ. އޭގެ ފޭރާންވެސް ހެޔޮވެފައި އޮއްޓަރު ރަނގަޅުވާނެ. މައްސަލަތަކަށް ހުށަހަޅާ ޙައްލުތައް ވެސް މުޖުތަމަޢުގެ ޙާލަތާ އެކަށީގެންވާނެ. އަޅުގަނޑު ހިތުން މި ވާހަކަ ފަޒޫވެސް މީގެކުރިން ކޮންމެވެސް އެއް ފޯރަމެއްގައިވަނީ ޙިއްޞާކުރައްވާފައި ތިޔަބޭފުޅުންނާ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ރައީސް ވިދާޅުވީ ތަފާތު ވިސްނުންތަކާއި ހުށަހެޅުންތައް ތަންފީޒީ މަރުޙަލާގެ މޭޒު ދޮށަށް ނާންނަހާ ހިނދަކު، މުޅި މުޖުތަމަޢުގެ މަޞްލަޙަތަށް ރިޢާޔަތްކުރެވޭ ޙައްލުތައް ހޯދުން ދަތިވާނެކަމަށެވެ. ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ކަންކަމަށް ޙައްލު ހޯދޭނީ، މިމަޤްޞަދު ޙާޞިލްކުރުމުގެ ނިޔަތުގައި އަންހެނުންނަށް ފުރުޞަތު ފަހިކޮށްދީގެންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންހެނުން ވަޒީފާއަށް ނުކުތުމުގައި ދިމާވާ ކިތަންމެ ހުރަސްތަކެއް މިހާރުވެސް އެބަހުރި ކަމަށެވެ. އަދި ދަރިން ބެލެހެއްޓުން ފަދަ ކަންކަމަކީ، ވަޒީފާ އަދާކުރުމަށް އޮތް ހުރަހެއްކަމަށް ޒަމާނީ މުޖުތަމަޢުތައް މިހާރު ޤަބޫލެއް ނުކުރާކަމަށެވެ.

އޭގެ މާނައަކީ، ޅަދަރިމައި އަންހެނުން ވަޒީފާއަށް ނުކުންނައިރު، އޭނާގެ ދަރިފުޅު ބެލެހެއްޓޭނެ ފަސޭހަ އިންތިޒާމެއް ދައުލަތުގެ ފަރާތުން ނުވަތަ ވަޒީފާ ދޭ ފަރާތުން ހަމަޖައްސައިދޭން ވާނެޔޭ. އަންހެނުންގެ ފުރިހަމަ ބައިވެރިވުން ހޯދޭނީ، މިފަދަ ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިގެން ކަމަށް އަޅުގަނޑު ޤަބޫލުކުރަން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ރައީސް އިތުރަށް ވިދާޅުވީ، އަންހެނަކަށް ވީތީ ތަފާތުކުރުމެއް ގެންގުޅެގެން ނުވާނެކަމަށެވެ. އަދި އަންހެނަކަށް ވީތީ ލިބެންޖެހޭ އިމްތިޔާޒްތަކެއްވެސް އަދި ޢިނާޔަތްތަކެއްވެސް ހުންނާނެކަމަށެވެ.

- ކޮމެންޓް