ހޮނިހިރު ދުވަހަކީ ރޯދަމަސް ފެށޭ ދުވަސްކަމަށް ވުމާއެކު، އެންމެ ގިނަ ބަޔަކު އެއްތަނަކުން އެންމެ ގިނައިން ބަޒާރު ކުރާ އެއްތަނަކީ ދިވެހި އުފެއްދުންތައް ވިއްކުމަަށް ޚާއްސަކުރެވިފައިވާ ލޯކަލް މާރުކޭޓް ތަކެވެ.
ރޯދަމަސް ފެށެން ވީއިރު ބާޒާރުގެ އަގުތައް ހުރި ނެތް ގޮތް ބަލާލުމަށް ރާއްޖެއެމްވީން ބާޒާރު މަތީ ސަރަހައްދުތަކަށް ޒިޔާރަތްކޮށްލުމުން މުޅި ސަރަހައްދު ފެނިގެން ދިޔައީ ވަރަށް ކާރޫބާރޫ ބޮޑުކޮށެވެ.
ތަކެތީގެ އަގުތަކަށް ނަޒަރު ހިންގާލާއިރު މުޅި ބާޒާރުންވެސް އެންމެ ތަދު ތަކެތީގެ ގޮތުގައި ފާހަގަކުރެވުނީ، ރޯދަމަހު ސަޓަނި ހެދުމަށް ބޭނުންކުރާ ފަތުގެ ބާވަތްތަކެވެ. އެގޮތުން ކޮޕީފަތް، ލެޓިއުސް ހުރީ ވަރަށް މަދުންނެވެ. ސަޕްލައި މަދުކަމާއެކު އަގުތައް ވެސް ނިސްބަތުން ބޮޑުކަން ފާހަގަކުރެވެއެވެ. އެގޮތުން 3-5 ފަތުގެ ބޮޑިއެއް ލިބެން ހުރީ، 10ރ އަށެވެ. އަދި ލެޓިއުސް ކިލޯއެއް އުޅެނީ 120-150 ދެމެދުގެ އަގުތަކެއްގައެވެ.
ބައެއް ތަކެތީގެ އަގު އަރައިގެން ގޮސްފައިވާއިރު، ކާށީގެ އަގު އުޅެނީ އަތް ނުފޯރާ ފަށުގައެވެ. އެންމެ ކުޑަ ކާއްޓެއް 15 ރުފިޔާއަށް ލިބޭ އިރު، ހެޔޮވަރު ކާއްޓެއްގެ އަގު އުޅެނީ، 20-25ރ އާއި ދެމެދުގެ އަގެއްގައެވެ.
މިރުހާއި ނުލާ ދިވެހިންނަށް ކާން އުނދަގޫއިރު މިރުހުގެ އަގުތައް ވެސް ވަނީ ރޯދަމަހާއެކު އަރައިގެންގޮސްފައެވެ.
އެގޮތުން މިރުސް ކިލޯއެއް 800 ރުފިޔާއަށް އުފުލިފައިވާއިރު، 100 ގްރާމް ލިބެނީ، 70-80 ރ އަށެވެ. ފަނި ގިރުމަށް ދިވެހިންނަށް އެންމެ ކަމުދާ ދިވެހި ކަރާގެ އަގުތައް ހުރީ، 15-18 ރުފިޔާއާއި ދެމެދުގައެވެ. ދިވެހި އަނބު ބައެއް 100 ރ އަށެވެ. ފަޅޯ ކިލޯއެއް 25 ރ އަށް ހުރި އިރު، ކުރުނބައެއްގެ އަގު އުޅެނީ ތަންކޮޅެއް ބޮޑުކޮށެވެ. ދޮންކެޔޮ ވަކެއް 5 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު، އަލަނާސި ހަނޑެއް އުޅެނީ 40ރ އަށެވެ. ދިވެހި ޖުމްހޫރީ މޭވާ އެއްގޮތަކަށްވެސް ފެންނަން ނެތް އިރު، ބޭރު ފެޝަންފުރުޓް ކިލޯއެއް ހުރީ 120 ރުފިޔާއަށެވެ. ދިވެހި އަތަ ފެންނަން ނެތްނަމަވެސް ބޭރު އަތަ ކިލޯއެއް ހުރީ 150ރ އަށެވެ.
ލުނބޯގެ އަގުތަކަށް ބަލަލާއިރު، ރީތި ފެހި ލުނބޯ ކިލޯއެއް 40ރ އަށެވެ. ކިއުކަންބާ ކިލޯއެއް 40 ރުފިޔާއަށް ހުރިއިރު، ކެރެޓް ކިލޯއެއް ހުރީ، 25 ރ އަށެވެ. ކެބެޖްގެ އަގު ނިސްބަތުން ވަނީ ބޮޑުވެފައެވެ. އެގޮތުން ކެބެޖް ކިލޯއެއް ހުރީ 80 ރުފިޔާއަށެވެ.
ބާޒާރުގައި ދަނޑި އަލުވި އެކަށީގެންވާ އަދަކަށް ހުރިކަން ފާހަގަކުރެވުނުނަމަވެސް ކިލޯއެއް ހުރީ، 40-45ރ ދެމެދުގެ އަގެއްގައެވެ. ގަބުޅިއެއް ހުރީ 15-20 ރ. އަށެވެ.
ޖުމްލަ ގޮތެއްގައި ބާޒާރުގައި ދިވެހި އުފެއްދުންތައް ތިޔާގި ނަމަވެސް ބައެއް ތަކެތީގެ އަގު އިންތިހާއަށް ވަނީ އަރައިގެން ގޮސްފައެވެ.
ބާޒާރުމަތި ތޮއްޖެހިފައި ވާއިރު، ތަކެތީގެ އަގަށް ވުރެ، އެންމެންވެސް ވިސްނުން ހުރީ، ރޯދަ މަހަށް ގިނަގިނައިން ބާޒާރު މައްޗަށް އަރަން ނުޖެހިވާނެ ގޮތަކަށް ވިސްނުން ބެހެއްޓުންކަމަށް ވެދާނެއެވެ. ރޯދަ މަސް ވިއްސާރަ މޫސުމާއި ދިމާވެފައި ވެސް އޮތުމާއެކު، ގެއަށް ތަކެތި ހަމަކޮށްގެން ތިބުމަކީވެސް ބުއްދިވެރި ގޮތެކެވެ.
ބާޒާރުމަތީ ތޮއްޖެހުން ކުޑަކުރުމަށްޓަކައި، ފިޝަރީޒް މިނިސްޓްރީން މި ރޯދަމަހަށް ޚާއްސަކޮށްގެން ޓީޖެޓީ ސަރަހައްދުގައި ވަގުތީ މާރުކޭޓެއް ހަދާފައިހުރި ނަމަވެސް އެތަނުގެ ޚިދުމަތް ދެވެން ފެށިފައެއް ނުވެއެވެ.
ވަޅޯމަސް މާރުކޭޓަށް ޖެހިލާއިރު، ވަޅޯމަސް ކިލޯއެއް ހުރީ 100 ރުފިޔާއަށެވެ. މަސް ކުނޑި ޕެކެޓެއް އުޅެނީ 80 ރުފިޔާއަށެވެ. ހިކިމަސް ކިލޯއެއްގެ އަގު އުޅެނީ 85 ރުފިޔާއާއި 90 ރުފިޔާއާއި ދެމެދުގެ އަގަކަށެވެ. އެހެން ނަމަވެސް ރަމަޟާން މަހުގެ ތެރޭގައި އަގުތައް ބޮޑުވާނެކަމަށް ވިޔަފާރިވެރިން ބުނެއެވެ.
އާއްމުކޮށް ރޯދަ މަހު އެންމެ އަގު ބޮޑުވާ ތަކެތީގެ ތެރޭގައި އަލުވި، ފިޔާ އަދި ބިސް ހިމެނެއެވެ. ފިޔާ ބަސްތާއެއް 180 ރުފިޔާއަށް ވިއްކާއިރު ބިސް ކޭހެއް ބާޒާރު މަތިން ވިއްކަނީ 270 ރުފިޔާއަށެވެ.