ފަހުގެ ތާރީޚެއްގައި ދިވެހިންގެ މިޖީލުގެ ގިނަ ބައެއްގެ ލޯކުރިމަތިން ފެނުނު 3 ނޮވެންބަރުގެ ބިރުވެރި ޢުދުވާނީ ޙަމަލާއަށް 33 އަހަރުވީއެވެ. ބޭރުގެ ނިރުބަވެރި ޕްލޮޓް ޖަމާޢަތާ ގުޅިގެން ޒާތީ ތަޢައްސުބުން ފުރިގެންވި ދިވެހި މަދު ޚާއިނުންތަކެއް ދިން އެ ޙަމަލާއިން ދިވެހި ޤައުމު ސަލާމަތްވީ ޤައުމަށް ވަފާތެރި ދިވެހި ދަރީންތަކެއްގެ ހިތްވަރުގަދަ ޖިހާދުން ކަމީ ދެބަސްވާނެ ހަގީގަތެއްނޫނެވެ.
ޤައުމު ބިރުވެރިކަމާއި ނާމާން ކަމުގެ މަތީގައިވަނިކޮށް ފަހަތަށް ނުޖެހި ފުރާނަ އަތަށްލައިގެން ނިކުތް މަދު މީހުންގެ ތެރޭ ސ. ހިތަދޫ ހިލާލީމަންޒިލް (ޑްރީމީވިލާ) ޢަލީ ޚަލީލު ހިމެނެއެވެ. މިހާރު އުމުރުން 74 އަހަރުވެފައިވާ ޚަލީލުގެ އެ ޚިދުމަތުގެ އަގު ވަޒަންކޮށް އޭނާއަށްވަނީ އެކަމުގެ ހަނދާނީ ފިލާ ސަރުކާރުން ދެއްވާފައެވެ. ޤައުމާއި ވަޠަނުގެ ހައްގުގައި އަލީ ޚަލީލު ވެވަޑައިގެންނެވި ޤުރްބާނީގެ އަގު އެފަދަ ޝީލްޑަކުން އަދާނުކުރެވޭހާ ބޮޑަށް އޭނާގެ ކުޅަދާނަކަން އެދުވަހު ދައްކައިދީފައިވެއެވެ. އޭނާވަނީ އެދުވަހުގެ ހިތި ތަޖުރިބާތައް ރާއްޖެއެމްވީއާ ޙިއްސާކުރައްވާފައެވެ. ކުރިއަށް ވަޑައިގަންނަވާށެވެ.
ޢަލީ ޚަލީލަކީ ކާކު؟
އެއީ ސ. ހިތަދޫއަށް އުފަން އެރަށު ޑްރީމީވިލާ، މިހާރުގެ ނަމުންނަމަ ހިލާލީ މަންޒިލް ޢަލީ ޚަލީލުއެވެ. ތަޢުލީމަށް ލޯބިކުރާ އާއިލާއަކުން އުފަންވި ޚަލީލު ބޮޑުވީ މުޅި ރަށަށް ވެސް ނަން މަޝްހޫރު ޤުރްއާންކިޔަވައިދޭ ހައްވާބީދައްތަގެ މައިވަންތަކަމުގެ ހިޔަލުން ފުރިހަމައަށް ހިޔާ ލިބިގެންނެވެ. މަސައްކަތާއި ހުނަރުން ފުރިފައިވި ބައްޕައެއްގެ އަޅާލުމާއި އޯގާތެރިކަމުގެ ތެރެއިން ހުނަރު ހޯދުމަށް އުފެދުނު ޝައުޤާ އެކު އޭނަގެ ޒުވާން ހަޔާތުގެ ކުރީކޮޅު އެއްކޮށް ހޭދަކުރީ ގަމުގެ "ރޯޔަލްއެއަރފޯސް"ގައެވެ. އެތަނުގައި މަސައްކަތް ކުރަން ލިބުނު ފުރުސަތަކީ އޭނާ ދެކޭގޮތުގައި އޭނާގެ ހުރިހާ ކާމިޔާބީއެއްގެ ފެށުމެވެ.
"އެއަރފޯސް ރެޖިމެންޓްގައި ބަޑި ޓްރެއިނިންގ ދޭއިރު ޓާގެޓް ޕޭސްޓްކޮށް ހަރުކުރުމާއި މެގަޒިންއަށް ބުލެޓްއަޅައި ތައްޔާރުކުރުން ފަދަ މަސައްކަތްތަކުގައި އަޅުގަނޑު ބަހައްޓާފައި ހުންނަނީ. އެހެން ހުންނައިރު އެކްސްޕަޔަރ ވާނެ އެތައްހާސް ބުލެޓް. އެހުރިހާ ބްލެޓްތަކެއް ޖަހަން އަޅުގަނޑަށް ފުރުސަތުލިބޭ.ޢަލީ ޚަލީލު ސ. ހިތަދޫ
އާރްއޭއެފްގައި ހޭދަކުރި 18 ވަރަކަށް އަހަރުގެ ދިގު މުއްދަތުގެ ތެރޭ އޭނާވަނީ މިފަދަ އެތައް ކަމެއް ތަޖުރިބާ ކޮށްފައެވެ. އެދުވަސްވަރު ސިންގަޕޫރު ސިވިލްއޭވިއޭޝަނާއި ރާއްޖޭން ބޭރުގެ އެކި ހިސާބުތަކުން ތަފާތު ގިނަ ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ފަހިވެގެން ދިއުމާ ގުޅިގެން އޭނާވަނީ އިންޖިނިއަރުކަމާއި ޓެކްނިކަލް ދާއިރާގެ ގިނަ ހުނަރުތަކާއި، ފަޔަރ ފައިޓިންއާ ގުޅޭ ތަފާތު ތަމްރީންތައް ހޯއްދަވާފައެވެ.
އިނގިރޭސިންގެ ދައުރަށްފަހު މާލެ ބަދަލުވެ އަލީ ޚަލީލު ވަނީ މާލޭ އެއަރޕޯޓްގެ ޗީފް ފަޔަރ އޮފިސަރ ކަން ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފައެވެ. ޢުދުވާނީ ޙަމަލާ ދިވެހީންނާ ކުރިމަތިވިއިރު ޚަލީލަކީ ޓެކްނިކަލް 48 މުވައްޒަފުންނާއެކު މާލޭގައި ވެހިކަލް ގަރާޖެއް ހިންގަމުން، 365 ލޭބަރުންނާއެކު ކޮންސްޓްރަކްޝަން މަސައްކަތުގެ ދާއިރާގައި މަސައްކަތް ކުރެއްވި ފަރާތެކެވެ.
ނޮވެންބަރ 3 ގެ ބިރުވެރިކަންތަކާ ކުރިމަތިލުން
އާދައިގެ މަތިން ޚަލީލު އޭނާގެ ގަރާޖުގައި ނުނިމިހުރި ބައެއް މަސައްކަތްކުރުމައިގެން ފަތިސް ވަންދެން ހުއްޓާ ގެއިން ގުޅައި ބަޔަކު ބަޑިޖަހާވާހަކައާއި އަވަހަށް ގެއަށްއައުމަށް އެދުމުން އެއީ ނޮވެންބަރ 11 އަށް ފަރިތަކުރަނީކަމަށްބުނެ އޭނާމަޑުކޮށްލީއެވެ. އެހެންހުރެފައި 05.30 ވުމުން ގެއަށްދާން ދިޔަ މަގުމަތީ ގޭގޭގެ ކުޑަދޮރުތަކުން ހަނާއަޅައި އަވަހަށް އެތެރެވުމަށް ބުނަން ފެށުމުން ކަމެއް ގޯސްވެއްޖެކަން އޭނާއަށް އިޙުސާސް ކުރެވުނެވެ. ގެ ހުންނަނީ ރައްޔިތުންގެ މަޖްލިސްކުރާގެއާއި ކައިރި "ކަނދިލި ގޯޅީ"ގައި ކަމުން އެހިސާބަށް ދިޔަތަނުން ބަޑިޖަހާއަޑު އިވެންފެށިއެވެ.
"ކާކީ ކުލައިގެ ކޯޓު ލައިގެންތިބި 2 މީހަކު އޮނަރަބްލް ޙަމީދުގެ ގެކޮޅު "ހިކިފިނިފެންމާގޭ" ފުރަގަހުންވަދެ ފައި ނިކުމެ ހަނިގޯޅިތެރެއަށް ވަދެ ބަޑިޖެހި މަންޒަރު ޔަންމާ އަޙްމަދަށް ފެނުނު. އޭގެ ތެރެއިން އެކަކީ ލުތުފީ. ދެންހުރީ ތަމަޅަ މީހެއް. އޭގެ އިރުކޮޅެއްފަހުން ޙަމީދުގެ ކޯލެއް އަޅުގަނޑަށް އައި. ވިދާޅުވީ ތިމަން މަނިކުފާނު ބަލާ އަވަހަށް އަންނާށޭ. "އަލީ ޚަލީލު
އަލީ ޚަލީލަކީ މިނިސްޓަރ ހަމީދުގެ ކާރުކޮޅު ސާވިސްކޮށް ބަލަހައްޓަން ހަވާލުވެގެންހުރި މީހާއެވެ. އެހެންކަމުން އޭނާ އަވަސްވެގަތީ އެކާރުކޮޅުގައި ހުރި ޤައުމީ ދިދަ ލުއްސާލުމަށްފަހު ރައްޓެއްސަކާއެކު ޖުމްލަ 2 ކާރުގައި އެދިމާއަށް ދިއުމަށެވެ. ޚަލީލުއާއި އޭނާގެ އެކުވެރިޔާ ވަނީ ޙަމީދުގެ ޢާއިލާގެ ބޭފުޅުން ގެ އިތުރުން ޒާހިރު ޙުސެއިންއާއި އަދި ފަތުޙުﷲ ޖަމީލުއާއި އަދި އެ އާއިލާ ވެސް ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގައި އެހީތެރިވެފައެވެ.
މުންނާރުދޮށުގެއަށް ވަދެ ފަތުޙުﷲ އަޅުގަނޑުގެ ކޮނޑަށްއަރާ ފާރަށް އެރުއްވުމުން އަޅުގަނޑު ފުންމާލާފަ ދުވެފަ ދަނިކޮށް މުޙައްމަދު ޝިހާބު ބަގީޗާގެއަށް އަޅުގަނޑު ގެންގޮސް، ޙަމީދު، އައިލެންޑް ފުޑަށް ގެންދިއުމަށް އެދިވަޑައިގެންނެވި."އަލީ ޚަލީލު
ވަގުތުގެ ބިރުވެރިކަމާއި ހާސްކަމުގެ ތެރޭގައި ވެސް "އަބުޝީ" ކަޑައިން ކާބޯތަކެތި އެބޭފުޅުންނަށް ފޯރުކޮށްދިނުމަށްފަހު ޤައުމުގެ އިސްސަފުގައި ތިއްބެވި އޭނާގެ ލޮބުވެތި ވެރިންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރުވުމުން ޚަލީލު ދެން މިސްރާބުޖެހީ މަޖީދީ މަގާ ދިމާއަށެވެ. ވާނުވާ ބަލައިލުމުގެ ނިޔަތުގައެވެ. އޭނާއަށް ލިބިފައިހުރި ޢިލްމާއި ތަޖްރިބާގެ އަލީގައި ޤައުމު އެދިގޮވަމުންދިޔަފަދަ ކެރޭ ދަރިއެއްކަން ދައްކާލުމުގެ ޖޯޝާއިފޯރި އޭނާގެ ޙިއްސުތަކުގައި އުތުރި އަރަމުން ދިއުމާ ވެސް އެކުގައެވެ.
ބަނޑުގައި ބަޑިޖެއްސުން
ސެންޓްރަލް ހޮސްޕިޓަލް ކައިރިން ޚަލީލަށް ވަނީ ސަގަރު ނާސިރުގެ ކޮއްކޮ އިސްމާޢީލު ދީދީއާ ދިމާވެފައެވެ. އެހިސާބުން ލަންކާގެ 3 މީހުންނާއެކު ނާސިރު ދަމުން ހަނާ އެޅުމުން އިސްމާއިލުއަށް ގޮވިކަމަށް ހީކޮށް ހުއްޓާ ނާސިރު، އޭނާއެއް ނޫނޭ ކަލޭ އަންނާށޭ ބުނުމުން ޚަލީލު ދިޔައެވެ. އޭނާ އެގެންދިޔައީ އެވަގުތު މަގުމަތީ ޕާކުކޮށްފައިއޮތް އޭނާގެ ބޮޑު 3 ލޮރީ އަތުލުމުގެ ނިޔަތުގައެވެ. އެކަމަށް އިންކާރު ކުރުމުން ނާސިރު ރައިފަލް ލޯޑުކޮށް ޚަލީލްގެ ބަނޑުގައި ޖައްސާލިއެވެ. އެވަރުން ވެސް ފަހަތަކަށް ނުޖެހެއެވެ. އޭނާހުރީ ސާބިތުކަންމަތީގައެވެ.
އެއީ ދިރިހުރުމުގެ އުއްމީދު އެކުއެކީ ގެއްލުނު ދަނޑިވަޅެއް. އެހެންނަމަވެސް އަޅުގަނޑުބެލީ އޭނާއަށް އެއްޗެއް ވިސްނޭތޯ. އަޅުގަނޑު ބުނިން މައްސަލައެއްނެތޭ މަރާލާށޭ. އެކަމަކު ކަލެއަށް ކީރިތި ޤުރްއާންގެ ކަލިމަތައް އުނގަންނައިދިން އަޅުގަނޑުގެ ނިކަމެތި މަންމަގެ މަތިން ހަނދާންކޮށްލާނެކަމަށް ހީކުރަމޭ. އެހެން ބުނުމުން އޭނާ ބަޑި ދުރުކޮށްފި. "
ޚަލީލު އެސަލާމަތްވީ ހަމަ ކިރިޔާއެވެ. އަދިހަމަ އެއާއެކު އެތައް ސަތޭކަ ދިވެހިން އަރުވައިގެން ފިލަން އެބާޣީން ރޭވި ރޭވުމުން ވެސް އެތައް ބަޔަކު ސަލާމަތްކުރެވުނީއެވެ.
ބަޑިއަތުލުން
ލިބުނު ހިތްހަމަ ޖެހުމާއެކު އަނެއްކާވެސް އޭނާ މިސްރާބުޖެހީ ދެންވާގޮތެއް ވެސް ބަލައިލާށެވެ. ކިތަންމެ ވަރުބަލިވެ ހައިހޫނު ކަމުގައި ހުއްޓަސް ގެއަށްވަދެ ރަޖާލައިގެން އޮންނާކަށް އޭނާގެ ޟަމީރު ގަބޫލެއް ނުކުރިއެވެ. އަނެއްކާވެސް ހިނގައިގަތީއެވެ. ޕޯސްޓަލް ބިލްޑިން ކައިރީ ހުރި މަޙްމޫދާ ސަލީމްމެންގެ މަތީބަޔަށް ގޮސް އަރައިފިއެވެ. އޭރު ބާޣީންގެ 2 މީހަކު އެތާ ހަރަކާތްތެރިވަމުން ދިޔައެވެ. އިރުކޮޅަކުން އޭގެތެރެއިން އެކަކު ހަނިގޯޅިއަށް ވަންތަން ފެނުމުން މިއިން މީހަކާ ދިމާކޮށްލަން މިއީ ރަނގަޅު ފުރުސަތެއް ކަމަށް އަލީއަށް ގަބޫލުކުރެވުނެވެ.
"ޓީމް ސްޕްލިޓްވީމަ އެދިޔައީ އެޓީމްގެ ބާރު. އެހެންވީމަ އެހާ ހިސާބުން އަޅުގަނޑު އެމީހާއަށް ފާރަލާންފެށީ. އަޅުގަނޑުހުރީ އޭނާގެ މޫވްމެންޓަށް ބަލަބަލާ. ވަރަށް ގިނައިރުވީފަހުން ކަރުން ބެލްޓްނަގާ ގަޔަށް ލައްގާފަ ބަހައްޓާފަ އަތުގައި އޮތް ފަތި ފުޅިއަކުން އެއްޗެއް ބޮއެފަ ސިނގިރޭޓް ރޯކޮށްލައިފި. ބެލްޓް ވެސް ނައަޅުވާ ވަރަށް ހަމަޖެހިލައިގެން ހުރިތަން އަޅުގަނޑަށް ފެނުމާއެކު އެގޭމަތިން ފައިބައިގެން އައިސް ފާރަށް އެއްޗެއް ލައްގައިގެން އަރާ ރައިފަލުގެ ކޮޅުގައި ހިފާ ދަމައިގަތްބޮނޑީގަ އޭގެ މުއްގަނޑުން އޭނާގެ މޫނު މަތީ ޖަހާ ބުރާންތި ކޮށްފަ އަޅުގަނޑު ދުއްވައިގަތީ.
ޚަލީލަކީ ކުރިންވެސް ދެންނެވި ފަދައިން ގަމުގެ ރޯޔަލްއެއަރފޯސްގައިތިބި އިނގިރޭސީންކައިރީ މަސައްކަތް ކުރި މީހެއްކަމުން އޭނާއަށް އެމީހާ އަތުން ބަޑި އަތުލުމަކީ އެހާ އުނދަގޫ ކަމަކަށް ނުވިއެވެ. އެދިޔަގޮތަށްގޮސް ހޮސްޕިޓަލަށް ވަދެ ބަޑި ހަވާލުކުރީ އެތަނުގައި ހުރި ފޯކަލްޕޮއިންޓު ޅޮހީގެ ޒާހިރުއާއެވެ.
ކާމިޔާބު މަސައްކަތަކަށް ފަހުވެސް ޚަލީލުވަނީ ހުއްޓާނުލާ ބާޣީންގެ ކިބައިން ދިވެހި ޤައުމު ސަލާމަތް ކުރުމުގައި ފަރުދީ ޒިއްމާ ފުރިހަމައަށް އަދާކޮށްފައެވެ. އިންޑިއާ ސިފައިން އައުމަށްފަހު ވެސް ގޭގޭގެ ފުރާޅާއި އެނދު ތަންދޮށަށްދާންދެން ބަލައި ހޯދަން އުޅުނު ޓީމްތަކުގައި ހަމަޔަށް ނުކައި ނުބޮއެ ނުނިދާ 10 ރޭ 10 ދުވާލު އޭނާ ހޭދަކޮށްފައިވެއެވެ.
އެހެންހުއްޓާ އެއްދުވަހު ގެއިން ފޮނުވި ކާއެއްޗެއް ކައިނިމިގެން ހަމަހޭވެރިކަން ވެގެން ބަލާލިއިރު ބަނބުކެޔޮ ރިހައެތި ހުރީ ނަރުދެމިދެމި. ހައިވެފަ ހުރިވަރުން އެކަމެއް ވެސް ނޭނގި ކާލެވުނީ
ޚަލީލު އެވަނީ ހަމަޔަގީނުން ވެސް މިދިވެހި ޤައުމަށްޓަކައި ޤުރްބާނީތަކެއް ވެފައެވެ. ދިވެހި ފަސްގަނޑު އެދި ގޮވަނީ އަލީ ޚަލީލުފަދަ ޤައުމަށް ވަފާތެރި ކެރޭ ދަރީން ތަކަކަށެވެ.