ރައީސް ޔާމީނަށް މަޖިލީހުގެ ކޮންޓްރޯލް ގެއްލިގެން ދާނެކަން ހީވާން ފެށުމުންގާނޫނު އަސާސީން މަޖިލީހަށް ލިބިދޭ ބާރުތައް ނިގުޅައިގަންނަމުންދާ މަންޒަރު ފެންނަ ކަމަށާއި އެހެން ނަމަވެސް އެ ހައްގުތައް ދޫ ނުކޮށްލެއްވުމަށް ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ބުދަ ދުވަހުގެ ރޭ ވާހަކަދައްކަވަމުން ހިސާން ވިދާޅުވީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް އޮންނައިރު ގާނޫނު އަސާސީގައި ކޮންމެ ބާރެއްގެ ޒިންމާ ވަކިން ބަޔާންކޮށްފައިވާ ކަމަށާއި ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުވެސް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން ސުފްރީމްކޯޓުންގެ ޒިންމާގެ ގޮތުގައި ބަލަމުންދާ މައްސަލަތަކުގައި މައްސަލައާ މެދު ގޮތެއް ނިންމުން ހިމެނޭ ކަމަށާއި މީގެ ކުރިން، ބައެއް ކަންކަން މާނަކުރުމަށް އެދި ދައުލަތުން ސުޕްރީމްކޯޓަށް މައްސަލަ ހުށަހަޅާފައި އެބަ ހުރި ކަމަށްވެސް ހިސާން ވިދާޅުވި އެވެ.
"[ނަމަވެސް] 2009 ވަނަ އަހަރު ބަންޑާރަ ނައިބުގެ ފަރާތުން ލަފަޔަށް ނޭދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވޭ" ހިސާން ވިދާޅުވި އެވެ.
"ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައިވަނީ. ގާނޫނު އަސާސީގައި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އެއްޗެއް މާނަކުރުމަކީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ގާނޫނު އަސާސީގައި ނެތް"
މިޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހިސާން ވިދާޅުވީ ހަގީގަތަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާމެދު ހުށަހެޅިފައިވާ އެއްވެސް މައްސަލައެއްގައި ހެއްކެއް ނެތް ކަމަށާއި އެގޮތުން އެއްވެސް ކަހަލަ ހެއްކެއް މިހާތަނަށް ގާސިމްގެ މައްސަލައިގައި ދެއްކިފައެއް ނުވާ ކަމަށެވެ.
ގެއްލިފައިވާ ނޫސްވެރިޔާ ރިލްވާންގެ މައްސަލައިގައިވެސް ފުލުހުން ތަހުގީގު ނިންމާ، ދައުވާ ކުރުމަށް ފޮނުވާފައި ނުވާ ކަމަށާއި މިފަދަ ބޮޑެތި މައްސަލަތައް ބެލުން އަވަސް ނުކުރަނީ ކީއްވެގެންތޯ ހިސާން ވަނީ ސުވާލު އުފައްދާފައެވެ.
އެގޮތުން ޖިނާއީ ކުށްތަކަށް އަރައިގަނެފައިވާ ފަރާތްތަކުގެ މައްސަލަތަކުގެ ތަހުގީގުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ބަލަމުންދާ މަންޒަރެއް ނުފެންނަ ކަމަށާއި އެފަދަ މައްސަލަތަކަށް އަރައިގަންނަ މީހުންނާއި ރޭވި މީހުންގެ މައްސަލަތަކަށް ވީގޮތެއް ނޭނގޭ ކަމަށްވެސް ހިސާން ވިދާޅުވި އެވެ.