ރައީސް އަބުދުﷲ ޔާމީނު އަބުދުލްޤައްޔޫމުގެ ވެރިކަމުގައި އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދުމަށް 2018 ވަނަ އަހަރު ރާއްޖެއިން ކުރި ކެމްޕެއިނަށް 17.6 މިލިޔަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ރާއްޖެއެމްވީއަށް މައުލޫމާލު ލިބިއްޖެއެވެ.
އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދުމަށް ރާއްޖެއިން ކުރި ކެމްޕެއިނަށް 17.6 މިލިޔަން ރުފިޔާ ޚަރަދު ކޮށްގެން އެ ފަހަރު ރާއްޖެއަށް އިންތިޚާބު ނާކާމިޔާބުވެގެން ދިޔައިރު ރާއްޖެއަށް ލިބުނީ 46 ޤައުމެއްގެ ތާއީދެވެ. އެފަހަރު އޭޝިއާ ޕެސިފިކް ސަރަޙައްދަށް ކަނޑައަޅައިފައިވާ ގޮނޑިއަށް ރާއްޖެއާ ވާދަކުރީ އިންޑޮނޭޝިއާއެވެ. ގޮނޑި ކާމިޔާބު ކުރި އިންޑޮނޭޝިއާއަށް 144 ގައުމެއްގެ ތާއީދު ލިބުނެވެ.
އެމްޑީޕީއިން އޭރު ބުނެފައިވަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދުމަށް ރާއްޖެއިން ކުރި މަސައްކަތުގައި ރައީސް ޔާމީނުގެ ސަރުކާރަށް އެވަރުގެ ބޮޑު ލަދަކާ ކުރިމަތިލާން ޖެހުނީ ހިތަށް އެރުމުން ޖަމިއްޔާ ޖަމާޢަތްތަކުން ވަކިވެ، ހިތަށް އެރުމުން ގައުމުތަކާ އޮތް ސިޔާސީ ގުޅުން ކަނޑާލާ ސަރުކާރެއްގެ ގޮތުގައި ރައީސް ޔާމީނުގެ ސަރުކާރު އޮތުމުން ކަމަށެވެ.
ރައީސް ޔާމީނުގެ ވެރިކަމުގެ 5 އަހަރު ނިމްމަވާލެއްވީ އދ. ގެ އާންމު މަޖިލީހަށް ވަޑައިގަތުމެއްނެތިއެވެ. އަދި އެމަޖިލީހުގައި ތަގުރީރު ކުރެއްވުމެއްނެތިއެވެ.
ރައީސް އިބުރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖެއަށް ހޯދުމަށް ކުރި މަސައްކަތަށް ޚަރަދުވެފައި ވަނީ 4.7 މިލިޔަން ރުފިޔާއެވެ. އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެއައުމަށް 143 ގައުމުން ތާއީދު ކޮށްފައިވެއެވެ.