ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވުރެ ބޮޑު އަނިޔާވެރިއެއް، ބޮޑު ވަގެއް މި ދިވެހިރާއްޖޭގައި އެއްވެސް އިރަކު ވެރިކަން ކޮށްފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަށް ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރ އަހުމަދު ޝިޔާމު ވަނީ މައުލޫޢުއިން ބޭރުން ވާހަކަ ދައްކަވައި ރައީސް ޔާމީނަކީ ރައްޔިތުންނަށް ހެޔޮއެދޭ ސިޔާސީ ލީޑަރެއް ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ޖަލުގައި ހުންނަވަނީ ނުހައްގުން ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން ނިޒާމީ މައްސަލައެއް ނަންގަވައި ގާސިމް ވިދާޅުވީ ރައީސް ޔާމީނަށް ވުރެ އަނިޔާވެރި މީހަކު އަދި މިހާތަނަށް ރާއްޖޭގައި ވެރިކަން ކޮށްފައި ނުވާ ކަމަށެވެ.
އަޅުގަނޑު ޖަލަށް ލާން އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައި އޮއްވާ ހުކުމް ކުރިއިރު ވެރިކަން ކުރީ ކޮންފަރާތަކުންތޯ؟ ކާކުތޯ ހުކުމް ކުރީ؟ އަޅުގަނޑު ހާޒިރު ވެސް ނުކޮށް ހުކުމް ކުރީ އެޑްމިޓުކޮށްފައި އޮއްވާމާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް
މެންބަރު ގާސިމް މިހެން ވިދާޅުވެފައިވާއިރު މެންބަރު ޝިޔާމު ދެއްކެވި ވާހަކަށް މާފަންނު މެދުދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވެސް ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ. ބޮންޑާ ވިދާޅުވީ ހިޔާ ފްލެޓްގެ ނަމުގައި ހެދީ ޗޯޕަލްޕައްޓީއެއް ކަމަށާއި މައުލޫޢަށް ވާހަކަ ދެއްކެވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި އެގޮތަށް މައުލޫޢުއިން ބޭރުން ވާހަކަ ދައްކަވާތީ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭ ކަމަށް ވިދާޅުވިއެވެ.
މިފަހަކަށް އައިސް ސަރުކާރަށް ނިސްބަތްވެވަޑައިންނަވާ މެންބަރުންނާއި އިދިކޮޅު މެންބަރުން އަންނަނީ މަޖިލީހުގައި ހޫނު ބަހުގެ ހަމަލާތައް އަމާޒު ކުރަމުންނެވެ.