ރާއްޖޭއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަ ތަކެއް އަތުލައިގެންފިއެވެ.
ބުރާސްފަތި ދުވަހު މިތަކެތި އަތުލައިގަތީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި ކަސްޓަމްސް ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ.
ކަސްޓަމްސްއިން ބުނީ 14 ފޮއްޓެއްގައި ހުރި ޖުމްލަ 243 ކިލޯގެ މިޔަރު އުރަހަ އަތުލައިގަނެފައިވާ ކަމަށެވެ.
ކަސްޓަމްސްއިން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
243 ކިލޯގެ މިޔަރު އުރަހަ އަތުލައިގަނެފައިވާއިރު، ފޮށީގައި ބަންދުކޮށްފައިވާ ލޮނުމަސް ޝިޕްމެންޓެއްގެ ގޮތުގައި މިޔަރު އުރަހަތަކެއް، ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު، ރާއްޖެއިން ބޭރުކުރަން އުޅުނު މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާތައް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ވެސް ހުށަހަޅާފައިވެއެވެ.
ރާއްޖޭގައި މިޔަރު ހިފުމަކީ މަނާ ކަމެކެވެ. ނަމަވެސް ބައެއް ފަރާތްތަކުން ގަވާއިދާ ޚިލާފަށް މިޔަރު ހިފައި އޭގެ އުރަހަ ވިޔަފާރީގެ ގޮތުގައި ބޭނުންކުރަމުންދާ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވަމުންދެއެވެ. މިކަމާ ގުޅިގެން ފިޝަރީސް މިނިސްޓްރީން ބުނީ ވަގަށް މިޔަރުގެ މަސްވެރިކަންކުރުން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް މިހާރުވެސް އަޅާފައިވާކަމަށެވެ.
މިޔަރު ބޭނުމާއި، ޕްރޮސެސްކުރުމާއި، އެކްސްޕޯޓުކުރުމުގެ ކަޅު ބާޒާރެއް ރާއްޖޭގައި މިހާރު ހިނގަމުން ދާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، ޚާއްސަކޮށް މިޔަރުގެ މަސްވެރިކަން ކުރާ ކަމަށް ބެލެވޭ ސަރަހައްދުތައް ފުލުހުންނާއި ކޯސްޓްގާޑުން ޕެޓްރޯލްކުރުން ވަރުގަދަ ކޮށްފައި ވާކަމަށެވެ.