ނުރައްކާތެރި ބޯވައެއް ކަމަށްވާ ބްލޫރިންގް އޮކްޓޮޕަސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފެންނަމުންދާތީ ސަމާލުވުމަށް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އިން އިލްތިމާސްކޮށްފިއެވެ.
ބްލޫރިންގް އޮކްޓްޕަސްއަކީ ރާއްޖޭގައި އާއްމުކޮށް އުޅޭ ބޯވައާއި ޚިލާފަށް، ސައިޒުން ކުޑަ ބޯވައެކެވެ. އެސޮރުމެންނަށް ނުރައްކާ އިހުސާސްވުމުން، ވަށް ބޮޅުތަކެއްގެ ސިފައިގައި ގަދަ ނޫކުލައިގެ ވިދުމެއްހެން ލަތްތަކެއް ހަންގަނޑަށް އަރުވައެވެ. ބްލޫރިންގް އޮކްޓޮޕަސް ކާނާ ހޯދުމަށް ޝިކާރަކޮށް އުޅެނީ އެސޮރުމެން އުފައްދާ ވިހަ މާއްދާއެއް ބޭނުންކޮށްގެންނެވެ. މިއީ ހިއްސުތަކާއި ބެހޭ ނާރުތަކަށް ހަމަލާ ދޭ ވިހަ (ނިއުރޯޓޮކްސިން) އެކެވެ. ބްލޫރިންގް އޮކްޓޮޕަސް ކާނާ ހޯދަނީ ޝިކާރައިގައި ދަތްއަޅައި ޝިކާރައިގެ ހަށިގަނޑުގެ ތެރެއަށް މިވިހަ ދޫކޮށްލައި މަރާލައިގެންނެވެ. އެކިބާވަތުގެ ނުރައްކަލުން ދިފާއުވުމަށް ވެސް ބްލޫރިންގްޑް އޮކްޓޮޕަސް މި ވިހަ ދޫކޮށް އުޅެއެވެ.
އެމްއެމްއާރުއައި އިން ބުނީ ބްލޫރިންގް އޮކްޓޮޕަސްއަކީ ރާއްޖެއިން އާންމުކޮށް ފެންނަކަމަށް ފާހަގަ ކުރެވިފައި ނުވާ ބާވަތެއް ނަމަވެސް، މިފަހަކަށް އައިސް މިބާވަތުގެ ބޯވަ ރާއްޖޭގެ އެކި ސަރަހައްދުން ކޮންމެވެސް މިންވަރަކަށް ފެންނަމުންދާ ކަމަށް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ބްލޫރިންގް އޮކްޓޮޕަސްގެ ނިއުރޯޓޮކްސިންއަކީ އިންސާނުންނަށް ވެސް ވަރަށް ނުރައްކާތެރި ވިހައެއްކަން ފާހަގަކޮށް އެމްއެމްއާރުއައި އިން ބުނީ މިބާވަތުގެ ބޯވައިގައި އަތްލައި، ހިފާ އުޅޭނަމަ އިންސާނުންގެ ގައިގައި ވެސް ދަތް އަޅައި ވިހަދޫކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެމްއެމްއާރުއައި އިން ބުނީ މިގޮތަށް ބޯޅަ ހިފައި ގެންގުޅުމުގެ ތެރޭގައި ދަތް އަޅައިފިނަމަ ތަދުވުމުގެ އިތުރަށް ހަށިގަނޑުގެ ތެރެއަށް ނިއުރޯޓޮކްސިން ގެ އަސަރު ކޮށްގެން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނޭވާ ހާސްވުމާއި ވާގިދިއުން ފަދަ އަލާމާތްތައް ފެންނާނެ ކަމަށެވެ.
މިބާވަތުގެ ނިއުރޯޓޮކްސިންއިން ވިހަވުމުގެ އެހެން އަލާމާތްތަކުގެ ތެރޭގައި ބޯއަނބުރާ ހޮޑުލަވާގޮތް ވުމާއި، ހިތް ހުއްޓުން ފަދަ ކަންކަންވެސް ހިމެނޭ ކަމަށް އެމްއެމްއާރުއައި އިން ބުނެއެވެ. އަދި ބައެއް ހާލަތްތަކުގައި ނޭވާލާ ނިޒާމުގެ ބައިތަކުން ވާގި ދިއުމުގެ ސަބަބުން، ވިހައިގެ އަސަރުކޮށްފައިވާ މީހާ މަރުވުން އެކަށީގެންވާ ކަމަށް ބުނެއެވެ.
އެމްއެމްއާރުއައި އިން ބުނީ މިފަދަ ހާލަތްތަކުގައި ފުރާނަ ސަލާމަތްކުރުމަށް ބޯވަ ދަތް އަޅާ ވަގުތުން ފެށިގެން ހަށިގަނޑުން ވިހައިގެ އަސަރު މުޅިން ފިލައި ދަންދެން، ކުއްލި ފަރުވާގެ ގޮތުގައި، މަސްނޫއީކޮށް ނޭވާލައްވަން ޖެހޭ ކަމަށާއި، އާއްމުގޮތެއްގައި ވިހައިގެ އަސަރު ކުރާތާ 24 ގަޑިއިރުގެ ތެރޭގައި އިންސާނާގެ ހަށިގަނޑުން ވިހައިގެ އަސަރު މުޅިން ފިލައި ދާ ކަމަށެވެ.
ބްލޫރިންގްޑް އޮކްޓޮޕަސްގެ ނުރައްކަލުން ސަލާމަތްވުމަށް ކުރަން އެންމެ އެދެވިގެންވާ ކަންކަމަކީ އެސޮރުމެން ހިފައި، އޭގައި އަތްލާ ނުހެދުންކަން ފާހަގަކޮށް އެމްއެމްއާރުއައި އިން ބުނީ ބޯވައިގެ ވިހައިގެ އަލާމާތްތައް އިހުސާސް ކުރެވިއްޖެނަމަ، ލަސްނުކޮށް ސިއްހީ އަވަސް ފަރުވާ ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އެމްއެމްއާރުއައި އިން ބުނީ މަސްވެރިކަން ކުރަން އުޅޭ އުޅުމުގައި، އެންދާގަނޑުގައި ނުވަތަ އެންވަތުގައި މިފަދަ ބޯވަ ހުރިކަން ފާހަގަ ކުރެވިއްޖެ ނަމަ އެކަމަށް ޚާއްސަ ސަމާލުކަމެއް ދީ، ބޯވައިގައި ނުޖެހުމަށް ފަރުވާތެރިވުން މުހިންމު ކަމަށެވެ. އަދި، ބަލައިލަން ރީތި ނަމަވެސް، މިބޯވަ ނަގައި ޓޭންކުގައި ގެންގުޅުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށް އެމްއެމްއާރުއައި އިން ބުނެފައިވެއެވެ.